بســم اللّـه الرّحمـن الرّحيــم

އެންމެހާ ނިޢުމަތްތައް އަޅަމެން އިންސާނުންނަށް މިންވަރު ކުރައްވާ اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރު ކުރަން. މިއުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمއަށް ޞަލަވާތާއި ސަލާމް ލައްވާށި. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.

މީދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު، ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޢާމިރު، ހައުސިންގ މިނިސްޓަރ، މިތަނަށް ވަޑައގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، މިރަށުގެ ކައުންސިލަރުން، ކައިރި ރަށްރަށުން މި އުފަލުގައި، މި ޢީދުގައި މީދޫގެ މި ޢީދުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މީގެ ދޮޅުމަހެއްހާ ދުވަސްކުރިން، ދެމަހެއްހާ ދުވަސްކުރިން އަޅުގަނޑު މިރަށަށް އައިން. އޭރުވެސް އަޅުގަނޑަށް މިރަށުގެ ރައްޔިތުން ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި ޝުކުރު ދެންނެވިން. އަދި ހަމައެހެންމެ، މިއަދު އެންމެ ހިތްފަސޭހަ ވަގުތުގައިނޫނަސް އަޅުގަނޑުމެން އައިމަ އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އެދުވަހު އައިސް މިޕޯޑިއަމްގައި ހުއްޓިހުރެގެން ވާހަކަ ދައްކަމުން އަޅުގަނޑު ދެންނެވިން، އަޅުގަނޑު އައީ ބޭނުމެއްގައޭ. މިރަށް ތަރައްޤީކުރަން ބޭނުކަމަށްވަންޏާ މި ދާއިރާއާއި އަތޮޅު ތަރައްޤީކުރަން ބޭނުންފުޅުވަނީ ކަމަށްވަންޏާ އެބަޖެހެޔޭ ސަރުކާރާއެކީ މަސައްކަތް ކުރާނެ ޒިންމާދާރު ބަޔަކު ދައްކަވަން. އެ ދައްކަވައިފި ކަމުގައިވަންޏާ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ފަރާތުން އަޅުގަނޑު ވާ ވަޢުދު ފުރިހަމަ ކޮށްދޭނަމޭ. ތިޔަބޭފުޅުން އަޅުގަނޑުމެންނަށް އިޖާބަދެއްވި، އެންމެ ފުރިހަމައަށް ނޫން ނަމަވެސް. އަޣްލަބިއްޔަތު އަޅުގަނޑުމެންނަށް ދެއްވި. އެހެންވީމާ، އަޅުގަނޑުމެން މިއަދު މިއައީ ﷲގެ ރަޙްމަތާއެކީ، މިރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައި އޮތް ހަދިޔާ ތިޔަބޭފުޅުންނަށް އެރުވުމަށްޓަކައި.

އާދެ! ޝައްކެއްވެސް ނެތް ގޮތުގައި އަޅުގަނޑުމެންނަށް އެނގިގެން މިދަނީ، މިއަދު މިއީ މިރަށަށް ޢީދު ދުވަސް. އާދެ! މީދޫ އަލުން ވިހާ ދުވަސް. މީދޫގެ ރައްޔިތުން ވިއްސަކަށް އަހަރަށްވުރެ ގިނަވެއްޖެ، އިންތިޒާރުގައި ތިއްބަވާތާ ބިމުގެ ދަތިކަމުން. އަދި ތިޔަބޭފުޅުންގެ އިޙްސާސްތައް ގުޅިފައިމިވަނީ ތިޔަބޭފުޅުންނަށް ބޭނުންފުޅުވާ ތަރައްޤީއާ ހަމައަށް ވަޑައިގެންނެވުމުގައި ހުރި ދަތިތައް، އިޖުތިމާޢީ، ޞިއްޙީ، ތަޢުލީމީ، ކުޅިވަރު ކުޅޭނެ ޖާގަ ދެން މިހެން ގޮސް ވަކިކަމެއް ނެތް. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި މިރަށުގައި މިތަރައްޤީ އަންނަން އެބަޖެހޭ. ދެންމެ ތަޢާރުފުގައި ނޫނިއްޔާ މި މަޝްރޫޢުގެ ތަޢާރުފުގައި ހައުސިންގ މިނިސްޓަރ މުޢިއްޒުގެ ވާހަކަފުޅުގައި ވިދާޅުވިގޮތަށް މިރަށުގެ ބިން ހިއްކުމަކީ، މުހިންމު ކަމެއް ކަމަށް އެކަށައެޅުއްވީ ރައީސް މައުމޫން. އެހެންވީމާ، މި މަޝްރޫޢު ފެށިގެންދާއިރު އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި އެއާއެކީ އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ ރައްޔިތުން އެދޭ ކަންކަން އަޅުގަނޑުމެންގެ ސަރުކާރުން ކިތަންމެ އާދައިގެ ގޮތެއްގައިނަމަވެސް ކުރުމުގެ ހެޔޮ ތައުފީޤާއި ކެރުންތެރިކަން އަޅުގަނޑަށް މިންވަރު ކުރެއްވި ކަމަށްޓަކައި އެކަލާނގެ ޙަޟްރަތަށް ދުޢާ ދަންނަވަމުން، އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން، މިރަށުގެ ރައްޔިތުންނަށް ބޭނުންވާ ކޮންމެވެސް ކަންތައްތަކެއް ފުދިގެން ދާތަން ފެނިގެން ދިޔުން.

އަޅުގަނޑުމެން މިއަންނަނީ މިދެންނެވި ގޮތަށް އަޅުގަނޑުމެން މި ސަރުކާރާ ހަވާލުވެގެންއައީ، ދިވެހިރާއްޖެއަށް ތަރައްޤީ ގެންނަން. ދިވެހިރާއްޖޭގައި ހުރި މަދު ވަސީލަތްތައް ބޭނުންކޮށްގެން އަޅުގަނޑުމެންނަށް އެނގޭ، ރާއްޖެއަށް ތަރައްޤީ ގެނެވޭނެކަން. އިސްކަންދޭ ތަރުތީބު ކުރުމާއެކީ އަދި ކަންކަން ކުރާނެ އާގޮތްތައް އީޖާދު ކުރެވޭ ކަމަށްވަންޏާ ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންނަށް ބޭނުންވާ ކަންތައްތައް އަޅުގަނޑުމެންނަށް ކުރެވޭނެ. އެކަން ފެނިގެން މިދަނީ. މީދޫގެ މިރަށް 11 ހެކްޓަރުން އިތުރު 17.5 ހެކްޓަރު އިތުރުވެގެންދާތަން. އިރާދަކުރެއްވިއްޔާ ﷲ ރަޙްމަތާއެކީ މިރަށަށް ބޭނުންވާ ހުރިހާ ކަމެއް މި ބިން އިތުރުވެގެން ދިޔައިމާ ފުދިގެންދާނެ.

ބިމަކީ ޝައްކެއްވެސް ނެތް ގޮތުގައި ދިރުން ގެނެސްދޭ ކަމެއް. ބިމަށް ދިރުން އަންނަނީ، ގަސްގަހަށް ދިރުން މިއަންނަނީ، އިރުގެ ދޯދިތަކާ އެކީ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކުޑަ، ފަރި ރަށަކުން އެރަށުގެ ޖައްވުން ފާއްދާލި އިރު، މީދޫ ދާއިރާގައި ހިފަހައްޓާލައްވާށޭ. ހިފަހައްޓާލައްވައިފި ކަމުގައިވަންޏާ ﷲގެ ރަޙްމަތާއެކީ އިރުގެ ދޯދިން އަޅުގަނޑުމެންނަށް މި ލިބޭ ދިރުމުން، މި ހިއްކާ ބިމަކީ ފެހި ބިމަކަށް ވެގެންދާނެއޭ. ތިޔަބޭފުޅުން ބޭނުންފުޅުވާ ހުރިހާ ކަންކަމެއް މި ބިމުގެ ބޭނުން ހިއްޕަވައިގެން ކުރިއަށް ވަޑައިގަންނަވާށޭ.

އަޅުގަނޑުމެންގެ ސަރުކާރަކީ، އިރާދަކުރެއްވިއްޔާ އިޤްތިޞާދީގޮތުން ރާއްޖެއަށް ދަތިވެފައިހުރި ހުރިހާ ކަންތައްތަކެއް ފިލުވައިދިނުމަށްޓަކައި އިޚްލާޞްތެރިކަމާއެކީ މަސައްކަތް ކުރާނެ ސަރުކާރެއް. އަޅުގަނޑުމެން ބޭނުންވަނީ މިހެން ހުންނަ ރަށްރަށަށް، މިރަށްރަށަށް ބޭނުންވާ ދިރުން ގެނެވޭނެ ކަންތައްތައް ކޮށްދިނުމަށް. ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، މިހުރިހާ ދާއިރާއަކީ ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެން ހަމަ އެދާއިރާތަކުގައި ކަންކަމަށް އެދި ޚިދުމަތްތަކަށް އެދި ތިބި ދާއިރާތައް. އެހެންނަމަވެސް، މި ދާއިރާތަކަށް ކޮށްދޭން ބޭނުންވާ ކަންތައްތައް ކޮށްދެވެން މި އަންނަނީ ދައުލަތުގެ ޚަޒާނާވެސް މުއްސަނދިވެގެން. ރަށްރަށުގެ ޚަޒާނާވެސް މުއްސަނދިވެގެން. އެހެންވީމާ، މި ހިކެމުންދާ ބިމަކީ ނޫނީއްޔާ އަދު މިއިފްތިތާޙް ކުރެވޭ މަޝްރޫޢުގެ ސަބަބުން ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި މީދުއަށް އިތުރުވަމުންދާ ބިމަކީ، މީދޫގެ ރައްޔިތުން މިތަނުން އިޤްތިޞާދީ މަންފާ އަދި އިޖުތިމާޢީ އެހެން ދާއިރާތަކުން ބޭނުންވާ ނަފާ ހޯއްދަވަންޖެހޭ ބިމަކަށް ހައްދަވައި ދެއްވުމަކީ، އަޅުގަނޑުގެ އެންމެ އިޚްލާޞްތެރި އިލްތިމާސް. ﷲގެ ރަޙްމަތާއެކީ މިކުރެވޭ މަސައްކަތަކީ، ތިޔަބޭފުޅުންނަށް ފައިދާހުރި މަސައްކަތަކަށް ވެގެންދާނެ.

ކުޑަކުޑަ ރަށަކަށް ބަލާ ކަމަށްވަންޏާ މީދޫއާ ބެހޭގޮތުން ނޫނީ މީދޫއާ ދޭތެރޭގައި އަޅުގަނޑުމެންގެ ސަރުކާރުގެ ތަޞައްވަރު އޮތް ފެނިގެން މިދަނީ، ޙަޤީޤަތަކަށް ވެގެންމިދަނީ. އެކަމަކު، މުޅި ދިވެހިރާއްޖެއަށް އަޅުގަނޑުމެންގެ ޚިޔާލުގައި ހުރި ކަންތައްތަކާ ދޭތެރޭގައި ވިސްނަވާ. އަޅުގަނޑުމެންނަށް އަޑު އިވިގެން މިދަނީ އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ހަމަ މިގޮތަށް ނުފެއްޓި އޮތް ކަމެއް، މާލެއާ ހުޅުމާލެއާ ދޭތެރޭގައި ވައިގެ ފާލަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަޅާނަމޭ. ﷲގެ ރަޙްމަތާއެކީ އެކަން އަޅުގަނޑުމެން ކުރާނަން. ހުޅުމާލެއަކީ، ދިވެހި އެތައް ޒުވާނުންނެއް، މާލޭގެ ރައްޔިތުންނެއް ނޫން، އަތޮޅުތެރޭގެ ރައްޔިތުންގެ އުންމީދު ގުޅިފައިވާ ޝަހަރަކަށް މިވަނީ ހުޅުމާލެ. އެހެންވީމާ، ހުޅުމާލޭގައި ދިވެހި ޒުވާނުންނަށް، ޒުވާނުންގެ ސިޓީއެއް ހެދުމާއި އަދި އެ ސިޓީ އެންމެ ކާމިޔާބު ކަމާއެކީ އަޅުގަނޑުމެންނަށް ޙަޤީޤަތަކަށް ހެދޭނީ، މިދެންނެވި ވައިގެ މަގުން މިއަޅާ ފާލަން އެޅިގެން. އަދި އެއާއެކީ އަޅުގަނޑުމެން މިދަންނަވަނީ ދ. އަތޮޅުގައި ތަރައްޤީގެ މަޝްރޫޢުތައް ނެތެކޭ ނޫން. އެހެންނަމަވެސް، ބޮޑެތި ބިޔަ މަޝްރޫޢުތަކެއްގެ ވާހަކަ އަޅުގަނޑު މިދަންނަވަނީ، އުތުރުގަޔާއި ދެކުނުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުން. ނޫނިއްޔާ ބައިނަލްއަޤްވާމީ ބޮޑެތި ބޯޓުފަހަރު ޖައްސާ ބަނދަރެއް ހެދުން. މިއީ، އަޅުގަނޑުމެންގެ ތަޞައްވުރުގެ ތެރޭގައި ހުރި ކަންތައްތައް. އިރާދަކުރެއްވިއްޔާ މިކަންކަމަކީ ކުރިއަށް މިއޮތް އަހަރުގެ ތެރޭގައި އަޅުގަނޑުމެން ކުރާނެ ކަންތައްތައް.

ހަމައެހެންމެ، ކިތަންމެ ސަމާސާ ގޮތަކަށް ނަމަވެސް އަޅުގަނޑާ ވާދަކުރައްވާ ބޭފުޅުން، އަޅުގަނޑާ ސަމާސާ ކުރެއްވި ނަމަވެސް ﷲގެ ރަޙްމަތާއެކީ ދާދި އަވަހަށް ފެށިގެންދާނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ﷲގެ ރަޙްމަތާއެކީ އެއްވެސް މިންވަރަކަށް ތެޔޮ ފެނޭތޯ، ތެޔޮ ހުރިތޯ ބެލުމުގެ މަސައްކަތުގެ ހުރިހާ މަސައްކަތްތަކެއް މިހާރު އެވަނީ ފެށްޓިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަންވެސް ކުރާނަން. ﷲގެ ރަޙްމަތާއެކީ މިކަމުގައި މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާށި. އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖެއަށް ބޭނުންވާ ތަރައްޤީ ހޯދުން. އަޅުގަނޑުމެނެއް ނުޖެހޭ އަޅުގަނޑުމެން މިތިބި ޙާލަތުގައި ތިބޭކަށް. އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރަންވާނީ، އަޅުގަނޑުމެންގެ ޙާލަތު ބަދަލު ކުރުމުގެ ޚިޔާލު އަޅުގަނޑުމެންގެ ތެރޭގައި ހުރެއްޖެ ކަމަށްވަންޏާ. މި ރައީސަކީ، ހަމަގައިމުވެސް އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ރައްޔިތުން ގޮވައިގެން ރައްޔިތުން ވަޑައިގަންނަވަން ބޭނުންފުޅުވި ދުރުމިނަކަށް، ރައްޔިތުން ހޯއްދަވަން ބޭނުންފުޅުވާ ކާމިޔާބާ ހަމައަށް ވާސިލު ކުރުމަށް ހިނގަން ކެރޭނެ ރައީސެއް. އެހެންވީމާ، އަޅުގަނޑު ބޭނުންވަނީ އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންނަށް މިހުރިހާ ކަމެއްގައި މާތްﷲގެ ބަރަކާތާއެކީ އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ދިވެހި ރައްޔިތުން ނުދެކޭފަދަ ތަހުޒީބު އަދި ނުދެކޭފަދަ އިޤްތިޞާދީ ގޮތުން ކުރިއެރުން އޮތް ދިވެހިރާއްޖެއަކަށް މި ދިވެހިރާއްޖެ ބަދަލު ކުރުން. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުން އަޅުގަނޑުމެންނާއެކީ މިމަސައްކަތް ކުރައްވާ ކަމަށްވަންޏާ މިކަންވާނެ.

މިއަދުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ވަގުތު މަޢްރިބު ނަމާދާ ކައިރިވަމުންދާތީއާވެސް އެކީ އަޅުގަނޑު ވާހަކަ ކުރުކޮށްލަމުންވެސް ދަންނަވާލަން ބޭނުންވަނީ، ސަރުކާރުން މިކުރަނީ ރައްޔިތުންނަށް އިޚްލާޞްތެރި މަސައްކަތްތަކެކޭ. މިއަދު މިފެށޭ މަޝްރޫޢަކީވެސް ޝައްކެއްނެތް ގޮތުގައި މީދުއަށް މުހިންމު މަޝްރޫޢެއް. 22 އަހަރު ވަންދެން ނޫނިއްޔާ އެއަށްވުރެ ދިގު އިންތިޒާރެއްގައި ތިއްބެވި ތިބުން ނިމުމަކަށް އަންނަ ދުވަސް. ކެކުޅުންތަކެއްގެ ނިމުން އަންނަ ދުވަސް. އަދި މިއަދަކީ މީދޫގެ ތާރީޚުގައި ފާހަގަކުރާ އީދު ދުވަހަށް ވެގެންދާކަންވެސް އަޅުގަނޑު ޤަބޫލުކުރަން. އެއާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދޮށީ ޢުމުރުގެ ރައްޔިތުންނަށް، މާބަނޑު އަންހެނުންނަށް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ސަރުކާރުގައި މިހާރު ރާވާފައި ހުރި މަޝްރޫޢުތަކަށް ބަލާ ކަމަށްވަންޏާ މިއަހަރުގެ އޮގަސްޓް މަސް ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ، އެ މީހަކު ހުރި ތަނަކުން 45 މިނެޓްގެ ތެރޭގައި ޞިއްޙީ ފަރުވާއާ ހަމައަށް ގެންދެވޭނެ ވަސީލަތް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އޮގަސްޓް މަސް ނިމުމުގެ ކުރިން ޤާއިމު ކުރާނަމޭ. ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ބަލިމީހުން އުފުލަން ބޭނުންވާ އެމްބިއުލަންސް ސަރވިސް އަޅުގަނޑުމެން ތަޢާރުފު ކުރާނަން. އަޅުގަނޑުމެން ޤާއިމު ކުރާނަން. އެ މީހަކު ހުރި ސަރަޙައްދަކުން 45 މިނެޓްގެ ތެރޭގައި ޞިއްޙީ ފަރުވާއާ ހަމައަށް ދެވޭވަރު އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެން ކުރާނަން. މިކަންކަމަކީ ވާރލްޑް ބޭންކުން ލޯނު ނަގައިގެން ކުރާ ކަމެއްނޫން. މިކަންކަމަކީ، އެހެން ތަނަކުން ލޯނު ނަގައިގެން ކުރާ ކަމެއް ނޫން. މިކަންކަމަކީ، ހަމަ އަޅުގަނޑުމެންގެ ބަޖެޓުގެ ތެރެއިން މިދެންނެވި ގޮތަށް އިޤްތިޞާދުކުރުމާއި އިސްރާފުކުރުން ދުރުކުރުމާއެކީ އަޅުގަނޑުމެން ކުރާ ކަންކަން. ﷲގެ ރަޙްމަތާއެކީ މިކަން ކުރާނަން.

އިޤްތިޞާދީ ބައެއް މަޝްރޫޢުތައް ކޮންމެވެސް މިންވަރަކަށް ހަމައަކަށް އެޅުމާއެކީ އަޅުގަނޑުގެ އަމާޒު އެންމެބޮޑަށް ހުއްޓިގެންދާނީ، ދިވެހިރާއްޖެއަށް ޞިއްޙީ ދާއިރާގައި ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކޮށްދިނުން. ﷲގެ ރަޙްމަތާއެކީގައި އަޅުގަނޑުމެންނަށް ހުސްނުވާ އާސަންދަ އެ އޮތީ ތަޢާރަފް ކުރެވިފައި. ހުސްނުވާ އާސަންދައިގެ ބޭނުން ދިވެހި ރައްޔިތުން ހިއްޕަވާނެ. އެއާއެކީ ދެން ބޭނުންވަނީ އަޅުގަނޑުމެން ޞިއްޙީ ދާއިރާއަށް މިދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރަން. އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ އެއީވެސް އަޅުގަނޑުމެން ކުރާނެ ކަމެއް.

އަޅުގަނޑު ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ދަންނަވަން ބޭނުންވަނީ ތިޔަބޭފުޅުން ތިޔަ އެދިވަޑައިގެންނެވި ކަންތައް މިހާރު ތިއޮތީ ވެފައޭ. މިއީ ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި ނޫނީ ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމެއް. ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ ތެރެއިން މިދާއިރާގެ ދެ މެންބަރުން އާދެ! މިއަތޮޅުގެ ދެ މެންބަރުންނަކީ ދާއިރާއަށް ބޭނުންވާ ކަންތައްތައް ހޯއްދަވައި ދެއްވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވާ ބޭފުޅުން. އަދި ހަމައެހެންމެ މިރަށުން މިދެންނެވި ކޮންނަ ބޯޓު ދާން މިއޮތީ ބ. އަތޮޅު އޭދަފުށްޓަށް. އޭދަފުށީގައި އެ ހުންނެވި އަޙްމަދު ސަލީމަކީވެސް އެދާއިރާއާ ދޭތެރޭ ބޭނުންވާ ކަންތައްތައް ފުއްދަވައި ދެއްވުމަށްޓަކައި، ސަރުކާރު މެދުވެރިކޮށް ހޯއްދަވައި ދެއްވުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރައްވާ ބޭފުޅެއް. ދެންމެ މުޢިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިގޮތަށް އިރާދަކުރެއްވިއްޔާ މިރަށުގައި މިބިން ހިއްކާ ނިމުމުން، އިރާދަކުރެއްވިއްޔާ ދެން މިސްރާބު ޖަހާނީ އޭދަފުށްޓާ ހަމައަށް. މިއީ އަޅުގަނޑުމެން ކޮށްދޭނެ ކަމެއް. އޭދަފުށީގެ ބިން ހިކޭނެ އަދި އެއާއެކީ ތުލުސްދުއާ ކުޑަހުވަދޫގެ ބިމުގެ މައްސަލަވެސް ޙައްލުވެގެންދާނެ.

މިއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑު މިބަލަނީ ބިން ހިއްކުމުގެ މަޝްރޫޢުތަކުގައި ހަމަ މާލެއިން ގޯތި ދިނުމުގެ ކަންތައް ބަލާ އުސޫލުން އެންމެ ބޮޑަށް އެކަމަށް ބޭނުންވެފައި ތިބި ބަޔަކަށް، ޙަޤީޤަތުގައި އެންމެ ބޮޑަށް އެކަމަށް ބޭނުންވެފައި ތިބި ބަޔަކަށް އެކަމުގައި އިސްކަންދިނުން. މީދޫއަކީ މިދެންނެވި ގޮތަށް 22 އަހަރު ވަންދެން، ނޫނީ އެއަށްވުރެވެސް ދިގުމުއްދަތެއް ވަންދެން މިރަށުގައި ގޯތި ގެދޮރު ދޫކުރެވޭނެ ހާލުވެސް ނެތްފަދަ ތަނެއް. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި ބިން ބޮޑު ކުރުމުގެ މަޝްރޫޢު އެންމެ ފުރަތަމަ އަންނަން ޖެހޭ ރަށަކީ މިރަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާ އެކީ އެކަން ހަމަޖެހިގެން ދިޔައީ. މާލޭގައިވެސް މިހާރު މިޤާއިމުވެގެންދާ ފްލެޓުތައްވެސް ޙަޤީޤަތުގައި އެންމެ ނިކަމެތި ހާލުގައި އެންމެ ދެރަ ހާލުގައި އުޅޭ މީހުންނަށް ދިނުމަށްޓަކައި މިއަދު މިއޮތީ އެކަން ކުރާނެ ގޮތް ހައުސިންގ މިނިސްޓަރ އިޢުލާނު ކުރައްވާފައި. އެތަންތަނަށް ޓީމުތަކެއް އެބަދޭ. ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާށި. އަޅުގަނޑު އެދެނީ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ރައްޔިތުންގެ ތާއީދު އޮތްކަމަށްވަންޏާ އެތާއީދު ދައްކަވާ ދުވަސް ދާދި ކައިރީގައި މިއޮތީ. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށްދާން ބޭނުންވާ މަސައްކަތް ކަމަށްވަންޏާ މިދާއިރާއިން މިއަތޮޅުން އަޙްމަދު ސިޔާމް މުޙަންމަދާއި އަދި އަޙްމަދު ޢާމިރު ހޮއްވަވައި ދެއްވުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އިލްތިމާސެއް. ޚިދުމަތްތެރި ދެބޭފުޅުން އަޅުގަނޑުމެންނަށް މަޖިލީހުގައި އަޣްލަބިއްޔަތު ބޭނުންވާ ސަބަބު މިދަންނަވާލީ.

ހަމައެހެންމެ އަޅުގަނޑު ވާހަކަކޮޅު ނިންމާލާނީ، އަޅުގަނޑަށް އަޙްމަދު ސިޔާމަކީ، ޝައްކެއްވެސްނެތްގޮތުގައި ދީލަތި ސާދާގަރުންގެ ތެރެއިން ރައްޔިތުންނާ ދޭތެރޭގައި ވަރަށް އޯގާތެރި ވަރަށް އަޅާލައްވާ ބޭފުޅެއް. މިއީ ސަމާސާއަކަށް ދަންނަވާ ވާހަކައެއް ނޫން. ޝިޔާމަކީ ހަމަ ވަރަށްގިނަ ކަންތައްތަކުގައި މިދެންނެވި ގޮތަށް ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދެއްވާ ބޭފުޅެއް. އެހެންވީމާ ކުޑަހުވަދޫގެ މެދު އުޑުގައި ހުރި އިރު ހިފަހައްޓާލަދެއްވާ. މި ދ. އަތޮޅުގައި މީދޫގައި މެދު އުޑުގައި މި ހިރަ އިރު ހިފަހައްޓާލަދެއްވާ. އިރާދަކުރެއްވިއްޔާ ފަރި ރަށަކުން ފާއްދާލައިގެން މިއައި، އިރުގެ ދޯދިތަކުގައި މާތްﷲ، މިއަތޮޅުގައި ބަރަކާތް ލައްވާށި. އެ ދޯދިތަކުން މި ފާއްދާ އިރުން ބޭނުން ހިފުމަކީ، މިރަށުގެ ރައްޔިތުންނަށް އެކަން ކުރަން އެނގިވަޑައިގަންނަވަންޖެހޭނެ ކަމެއް. އެންމެ ފުރަތަމަ އެކަން ކުރައްވަން ބޭނުންފުޅު ކަމަށްވަންޏާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިއޮތް ވޯޓާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށި. އަޅުގަނޑުމެން ބޭނުންވަނީ މިއަތޮޅަށް، މިދާއިރާއަށް އަދި މުޅި ދިވެހިރާއްޖެއަށް އާންމުވެގެންވާ ފައިދާ. އަދި އަޅުގަނޑުމެންގެ މަޞްލަޙަތު އޮތް ގޮތް، އަޅުގަނޑުމެންގެ އިޖުތިމާޢީ ހަމަޖެހުން އޮތް ގޮތަކީ، ދިވެހި ޒުވާނުންނަށް ހަމަޖެހުން އޮވެގެން. އަދި އަޅުގަނޑުމެންގެ ޖީބުތައް ތަނަވަސްވެގެން. އަދި މުޅި ރާއްޖޭގެ ޚަޒާނާވެސް ތަނަވަސްވެގެން. މިމަސައްކަތަކީ އަޅުގަނޑުމެންގެ ސަރުކާރުގެ އެންމެ އިސް އަމާޒެއްގެ ގޮތުގައި ކުރާ މަސައްކަތް. މިމަސައްކަތުގައި ތިޔަ ރައްޔިތުން އަޅުގަނޑާއެކީ ބައިވެރިވެވަޑައިގެން ދެއްވާ. އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާށި.

والســّلام عليــكم ورحـمــة اللّـه وبـركاتـه