بســم اللّـه الرّحمـن الرّحيــم

‏ اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى أشرف الأنبياء والمرسلين، وعلى ‏آلـه وصحبـه أجمعـين.‏

‏މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް، މިނިސްޓްރީގެ ‏‏ސްޓޭޓް މިނިސްޓަރުންނާއި، ނާއިބުންނާއި މިނިސްޓްރީގެ އިސްވެރިން، އަދި ތަޢުލީމީ ފަންޑުގެ ‏‏އިސްބޭފުޅުންނާއި، މިއަދުގެ މި އިޙްތިފާލުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން.‏

‏ السّــلام عليــكم ورحـمــة اللّـه وبـركاتـه

‏އާދެ! އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ 14 އޮކްޓޯބަރ 2010 ‏‏ގައި ބިންގާ އެޅުނު މި މުހިންމު ޢިމާރާތް ނިމިގެން މިއަދު ހުޅުވިގެންމިދާ ރަސްމިއްޔާތުގައި ‏‏މި މަސައްކަތުގައި ވަރަށް ބުރަ މަސައްކަތާއެކީ ހަރަކާތްތެރިވި ތަޢުލީމީ ދާއިރާގެ އެންމެހައި ‏‏ބޭފުޅުންނަށް، ޚާއްޞަކޮށް އެޑިޔުކޭޝަން މިނިސްޓަރަށާއި، އަދި ތަޢުލީމީ ފަންޑުގެ ހުރިހާ ބޭފުޅުން ‏‏ކުރައްވާފައިވާ ހުރިހާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، އެބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކީގައި ‏‏ޝުކުރު ދެންނެވުން. ވަރަށް ބޮޑަށް ޝުކުރިއްޔާ!‏

‏އެއަށްފަހުގައި އެނގިވަޑައިގަންނަވާނެ ފދައިން މިއަދު އަޅުގަނޑުމެން މި ‏‏ފާހަގަކުރާ ރަސްމިއްޔާތަކީ، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ އެދުރުންނަށާއި، ‏‏މުދައްރިސުންނަށް، އަދި އެ ބޭފުޅުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ‏‏ގެދޮރުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަކަށްވާތީ، އަޅުގަނޑު އުއްމީދު ކުރަނީ މިއަދުގެ މި ‏‏ރަސްމިއްޔާތަށް ފަހުގައިވެސް، ރާއްޖޭގެ މިދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނަށް، ޚާއްޞަ ‏‏ގޮތެއްގައި ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ އެންމެހައި ބޭފުޅުންނަށް މިކަމުން އެބޭފުޅުންގެ ‏‏ހިތްތަކަށް ފިނިކަމެއް ލިބިގެންދާނެކަމަށް. ‏

‏އެނގިވަޑައިގަންނަވާނެ ފަދައިން މިއަދުގެ ސަރުކާރަކީ، ޚާއްޞަ ގޮތެއްގައި ތަޢުލީމީ ‏‏ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރާ ސަރުކާރެއް. ‏‏މި ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކަށް ވެގެންދިޔައީ، ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމު ‏‏ޙާޞިލުކުރާ ދަރިވަރުންނަށް މިހާރަށްވުރެ ރަނގަޅު ތަޢުލީމީ ނިޒާމެއް ފޯރުކޮށްދިނުމަށާއި، ތަޢުލީމީ ‏‏މަންހަޖު އިސްލާހުކޮށް، ތަޢުލީމީ މަންހަޖަށް ގެންނަންޖެހޭ އިސްލާހުތައް ތަޢާރުފުކޮށްދިނުން. އަދި ‏‏ހަމައެއާއެކީގައި، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ދަރިވަރުންނަށް އެ ދާއިރާއިން ‏‏ލިބިދެވޭ ތަޢުލީމަކީ، އެންމެ ރަނގަޅު ތަޢުލީމު ކަމަށް ހަދައިދިނުމާއެކީގައި، ތަރުބަވީ ތަޢުލީމެއް ‏‏ރާއްޖޭގެ ދަރިވަރުންނަށް ފޯރުކޮށްދިނުން. ނިމިގެންދިޔަ 100 ދުވަހުގެ ތެރޭގައި މި މަސައްކަތުގެ ‏‏ތެރެއިން ވަރަށް ބޮޑު ކުރިއެރުންތަކެއް އަޅުގަނޑުމެންވަނީ ހޯދާފައި. އެހެންކަމުން، އަޅުގަނޑު މި ‏‏ފުރުސަތުގައި ރާއްޖޭގެ އެންމެހައި މުދައްރިސުންނަށާއި، އަދި ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ‏‏އެންމެހައި ދަރިވަރުންނަށާއި، ރާއްޖޭގެ ދަރިވަރުންނަށް މިހާ ފުރިހަމަ ގޮތެއްގައި ރަނގަޅު ‏‏މަންހަޖެއް ގެނެސްދެއްވައި އަދި ތަޢުލީމީ ދާއިރާއަށް ކުރިއެރުންތަކެއް ގެނެސްދެއްވުމަށްޓަކައި ‏‏ރައީސް ޢަބްދުﷲ ޔާމީން ކުރައްވާފައިވާ ބުރަ މަސައްކަތްތައް ފާހަގަކޮށް، މިއަދުގެ ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަޅުގަނޑު ޚާއްޞަ ޝުކުރެއް އަދާކުރަން.‏

‏މިއަދު ކުރިއަށް މިދަނީ އަޅުގަނޑުމެން ދަރިވަރުންނާ ހަމައަށް ގެނައި ‏‏އިސްލާހުތަކަށް ފަހުގައި ނުވަތަ ގެނައި ބަދަލުތަކަށްފަހުގައި ދަރިވަރުންނަށް ރަނގަޅު ތަޢުލީމެއް ‏‏ފޯރުކޮށްދިނުމުގެ އެންމެ މުހިންމު އެއްއަމާޒަކަށް ވާންވާނީ، ކުދިންނަށް ތަޢުލީމު އުނގަންނައިދޭ ‏‏މުޢައްލިމުންނަށާއި، މުދައްރިސުންނަށް، މި ދާއިރާއަކީ ޝައުޤުވެރިވާފަދަ ދާއިރާއަކަށް ހަދައިދީގެން. ‏‏އަދި ހަމައެއާއެކީގައި މިދާއިރާގައި މުދައްރިސުންނަށާއި މުޢައްލިމުންނަށް ދިމާވެފައިވާ ‏‏ގޮންޖެހުންތަކަށް އެކަށީގެންވާ ޙައްލެއް ފޯރުކޮށްދީގެން. މިގޮތުން ބަލާކަމުގައިވާނަމަ އެންމެ ބޮޑު ‏‏އެއް ގޮންޖެހުމަކަށް ކުރިމަތިވެފައި މިއޮތީ ގެދޮރުވެރިކުރުމުގެ މައްސަލަ ކަމަށްވާތީ، އަޅުގަނޑު ‏‏އުފަލާއެކީގައި ފާހަގަކުރަން، މިއަދު އަޅުގަނޑުމެން މި ހުޅުވި ޢިމާރާތުގެ ތެރެއިންވެސް ‏‏އިރާދަކުރެއްވިއްޔާ ގިނަ މުދައްރިސުންނަށާއި މުޢައްލިމުންނަށް، މިހާރު މާލޭގެ އެކި ތަންތާނގައި ‏‏ދަތިކޮށް ދިރިއުޅެމުން އަންނަ އަޅުގަނޑުމެންގެ މުދައްރިސުންނަށް މި ޢިމާރާތުގެ ތެރެއިން ‏‏އިރާދަކުރެއްވިއްޔާ ވަރަށްބޮޑު ޙައްލެއް ލިބިގެންދާނެ. ހަމައެއާއެކީގައި އަޅުގަނޑު ފާހަގަކުރަން، ‏‏މީގެކުރިން އަޅުގަނޑުމެންނަށް އައިސްފައިވާ ޝަކުވާތަކުގެ މައްޗަށް ބިނާކޮށް މިއަދު މިހުޅުވިގެން ‏‏މިދާ ޢިމާރާތަށް ކޮލިފައިވުމަށް ނުވަތަ މިފުރުޞަތު ލިބުމަށްޓަކައި މީގެކުރިން އޮތް ޖާގަ އިތުރަށް ‏‏ފުޅާކޮށް، މަޢުހަދުގައި ކިޔަވައިދޭ މުދައްރިސުންނަށާއި، އަދި ހަމައެއާއެކީގައި ކީރިތި ޤުރްއާން ‏‏ކިޔަވައިދޭ މަރުކަޒުގައި ކިޔަވައިދޭ މުދައްރިސުންނަށްވެސް މިފުރުސަތުގެ ތެރެއިން ގެދޮރުވެރިވުމުގެ ‏‏ފުރުސަތު މިހާރު މިތަނުން އެބޭފުޅުންނަށްވެސް ހުޅުވާލެވިފައިވާ ވާހަކަވެސް އަޅުގަނޑު ‏‏ހަމައުފަލާއެކީގައި ފާހަގަކޮށްލަން ބޭނުންވޭ. ‏

‏މީގެ އިތުރުން، އަޅުގަނޑުމެން މިސަރުކާރުން ފަށްޓާފައިވާ އެންމެ މުހިންމު ‏‏އެއް މަޝްރޫޢަކީ، އެނގިވަޑައިގަންނަވާނެ ފަދައިން ތަފާތު ހުނަރުތައް ދަސްކޮށްދިނުން ކަމަށްވާތީވެ ‏‏ރަސްމީ ތަޢުލީމުގެ ތެރެއިން އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑުމެން ފަށާފައިވާ ނިޒާމުގައި ގްރޭޑް ‏‏10 ނިމޭ ކުދިންނަށް އޭގެ ކުރިންވެސް ފެށިގެން، ޕޮލިޓެކްގެ ދާއިރާއިން ތަފާތު ހުނަރު ‏‏ދަސްކޮށްދިނުމުގެ ޕްރޮގްރާމް ފުޅާ ދާއިރާއެއްގައި، ކުރިއަށް މިއޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ‏‏އެމަސައްކަތް ކުރިއަށް ގެންދާނެތީވެ ޕޮލިޓެކްގައި ޙަރަކާތްތެރިވާ މުދައްރިސުންނަށްވެސް، މި ‏‏ސްކީމްގެ ދަށުން ގެދޮރު އެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ އަޅުގަނޑު ދަންނަވާލަން ‏‏ބޭނުން. އެހެންކަމުން، މިތިން ދާއިރާ ހިމެނިގެން ދިޔުމުން މަޢުހަދާއި، ކީރިތި ޤުރްއާން ދަސްކޮށްދޭ ‏‏މަރުކަޒުގައި ހަރަކާތްތެރިވާ މުދައްރިސުންނަށާއި އަދި ޕޮލިޓެކްގައި ހަރަކާތްތެރިވާ މުދައްރިސުންވެސް ‏‏ހިމެނޭ ގޮތަށް މިއަދު މި ފުރުސަތު ފުޅާވެގެންދިޔުމާއެކީގައި އިތުރަށް އެބޭފުޅުންނަށްވެސް މި ‏‏ސްކީމަށް ވަނުމަށްޓަކައި، ޖާގަ ލިބުމަށްޓަކައި މިހާރު ހުޅުވިފައިވާ މުއްދަތު ކުރިއަށް އޮތް ‏‏ދުވަސްތަކުގައި އިތުރުވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އެގޮތުގެ މަތިން އެ ‏‏އިޢުލާނުތައް އެގޮތަށް ހަމަޖެހިގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން މިއަދަށްފަހު. ‏

‏އެއަށްފަހުގައި އަޅުގަނޑު ހަމައެއާއެކީގައި ދަންނަވާލަން ބޭނުންވަނީ، މިއަދުގެ ‏‏ސަރުކާރުން އަޅުގަނޑުމެން މުދައްރިސުންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ވިސްނާފައިވާ ‏‏ގެދޮރުވެރި ކުރުމުގެ ޕްރޮގްރާމްގެ ތެރޭގައި މިއީ އެއް ފިޔަވަހި. އެހެންނަމަވެސް މީގެ އިތުރުން، ‏‏ސަރުކާރުން މިހާރު އިޖުތިމާޢީ ރައްކާތެރިކަމުގެ ތެރެއިން މުޅި ރާއްޖޭގެ ރައްޔިތުންނަށް ގެދޮރުވެރި ‏‏ކުރުމަށްޓަކައި މިދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން އިޢުލާނު ކޮށްފައިވާ ޕްރޮގްރާމަކީ، ވަރަށް ފުޅާ ‏‏ދާއިރާއެއްގައި އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގޭނެ ‏‏ޕްރޮގްރާމެއް. މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި މިހާރުވަނީ އިޢުލާނު ކުރެވިގެން ‏‏ގޮސްފައި. މިގޮތުން އިރާދަކުރެއްވިއްޔާ ހުޅުމާލޭގައި ފްލެޓް އެޅުމުގެ މަޝްރޫޢުތައް ވަރަށް އަވަހަށް ‏‏ކުރިއަށް ހިނގައިގަންނާނެ. އަދި މި މަޝްރޫޢު ކުރިއަށްދާއިރުގައި މާލޭގައި އެންމެ ބޮޑަށް ‏‏ގެދޮރުވެރިވުމަށް ބޭނުންވެފައިވާ ޢާއިލާތައް ދެނެގަނެ، އެ ޢާއިލާތަކަށް ޚާއްޞަ ގޮތެއްގައި މި ‏‏ގެދޮރުވެރިކުރުވުމުގެ މަޝްރޫޢަށް ވަދެވޭނެފަދަ ގޮތަކަށް އިރާދަކުރެއްވިއްޔާ މި މަޝްރޫޢު ‏‏ކުރިއަށްދާއިރުގައި މި މަޝްރޫޢުތަކުގެ ތެރެއިންވެސް މުދައްރިސުން މަޙުރޫމްނުވެ، ‏‏މި މަޝްރޫޢުގެ ތެރެއިންވެސް މުދައްރިސުންނަށް ފުރުސަތު ލިބިގެންދާނެ ވާހަކަވެސް މިފުރުސަތުގައި ‏‏އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ‏

‏ހަމައެއާއެކީގައި، އަޅުގަނޑުމެންގެ ސަރުކާރުން ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ‏‏ތެރޭގައިވެސް ރާއްޖޭގެ އެކިހިސާބުތަކަށް އަޅުގަނޑުމެން ކުރި ދަތުރުގައި ޚާއްޞަ ގޮތެއްގައި ‏‏އެކިއެކި ދާއިރާތަކަށް ދިމާވެފައިވާ ގޮންޖެހުންތައް އަޅުގަނޑުމެން އަޑުއެހީމު. އެގޮތުން ‏‏އަޅުގަނޑުމެންނަށް އިވިގެންދިޔަ އެންމެ މުހިންމު އެއް ޝަކުވާއަކީ، ޚާއްޞަ ގޮތެއްގައި ‏‏އަޅުގަނޑުމެންގެ ސިވިލް ސަރވިސްގެ ތެރޭގައި ހަރަކާތްތެރިވާ ބޮޑު ބައެއް، މުދައްރިސުންގެ ‏‏ފަރާތުން އައިސްފައިވާ ގިނަ ޝަކުވާތަކެއް އަޅުގަނޑުމެންނަށް ލިބިގެންދިޔަ. އޭގެތެރޭގައި ‏‏ގެދޮރުވެރިކުރުމާއި އަދި ހަމަ މުސާރައާއި ޢިނާޔަތްތަކުގެ ވާހަކަތައް އަޅުގަނޑުމެންނާ ހަމައަށް ‏‏އައިސްފައިވޭ. މީގެތެރެއިން ވަރަށް ގިނަ ކަންތައްތަކެއް، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ‏‏ދުވަސްތަކުގެ ތެރޭގައި ވަރަށްގިނަ ޙައްލުތަކެއް އަޅުގަނޑުމެންނަށް ހޯދޭނެ ކަމުގެ ޔަޤީންކަން ‏‏އެބައޮތް. އެއާއެކީގައި ދެންމެ މިނިސްޓަރުވެސް ފާހަގަކުރެއްވި ފަދައިން އެއްބައި ކަންތައްތަކަކީ، ‏‏މިހާރުވެސް އެކަންތައްތަކަށް އަޅުގަނޑުމެންނަށް ޙައްލު ފޯރުކޮށްދެވިފައިވާ ކަންތައްތަކެއް. އެގޮތުން ‏‏މުދައްރިސުންނަށް އެބޭފުޅުން އިތުރަށް ތަޢުލީމު ހާސިލުކުރުމަށްޓަކައި ހޭދަކުރާ މުއްދަތުގެ ތެރޭގައި ‏‏މުސާރަ ހިނގާ ގޮތަށް ހަމަޖެހިގެން މިހާރުވަނީ ސްކީމް ފެށިފައި. އިރާދަކުރެއްވިއްޔާ މިއީވެސް ‏‏އަޅުގަނޑު ދެކޭގޮތުގައި ޚިދުމަތުގައި ތިއްބެވި މުދައްރިސުންނަށާއި މުޢައްލިމުންނަށް ލިބިގެންދިޔަ ‏‏ވަރަށްބޮޑު ކުރިއެރުމެއް. މީގެކުރިން މިކަމުގައި ވަރަށް ބޮޑެތި ހިތްދަތިކަމެއް މުދައްރިސުން ‏‏ތަޙައްމަލު ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ، ކުރިއަށްދާން ބޭނުންވާ އަދި މިދާއިރާގައި ‏‏ޙަރަކާތްތެރިވާ ބޭފުޅުންގެ ފަންނުވެރިކަމާއި ޤާބިލިއްޔަތު އިތުރުކުރުމަށްޓަކައި ހުރި ފުރުސަތުތައް ‏‏ހަނިވެގެންދިޔުން. އިރާދަކުރެއްވިއްޔާ މާތްﷲގެ ރަޙްމަތާއެކީގައި މިހާރު ޕޭލީވްގައި އިތުރަށް ‏‏ކިޔެވުމުގެ ފުރުސަތު ހަމަޖެހިގެން ދިޔުމާއެކީގައި، އަޅުގަނޑު ދެކޭގޮތުގައި މި ދާއިރާގައި ‏‏ހަރަކާތްތެރިވާ މުދައްރިސުންގެ ފަންނުވެރިކަމާ އަދި އެބޭފުޅުންގެ ފެންވަރާއި ޤާބިލިއްޔަތު އިތުރު ‏‏ކުރުމަށް އިރާދަކުރެއްވިއްޔާ މިހުޅުވިގެން ދިޔައީ އިތުރު ފުރުސަތުތަކެއް. އޭގެ އިތުރުންވެސް ‏‏ކުރިއަށް މިއޮތް ދުވަސްތަކުގައިވެސް އަޅުގަނޑުމެންގެ މުދައްރިސުންގެ ޙާލަތު ރަނގަޅު ‏‏ކުރުމަށްޓަކައި އެބޭފުޅުންގެ މަސައްކަތުގެ އަގު ވަޒަންކުރުމާއެކީގައި އަދި ޚާއްޞަކޮށް ރާއްޖޭގެ ‏‏ދިރިއުޅުމުގެ ޙާލަތު މިހާރު އޮތްގޮތާއި ތަކެތީގެ އަގު އުފުލިގެންދާ މިންގަނޑަށް ބަލާއިރުގައި ‏‏މުދައްރިސުންނަކީ، އަބުރުވެރި ދިރިއުޅުމެއްގައި އުޅެވޭފަދަ ބަޔަކަށް ހެދުމަށްޓަކައި ކުރެވެން އޮތް ‏‏ހުރިހާ މަސައްކަތްތަކެއް ކުރުމަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ ވަރަށް ‏‏މުހިންމު އެއް އަމާޒު. އެގޮތުން މިއަދު އަޅުގަނޑު އުފަލާއެކީގައި ފާހަގަކުރަން، ނިމިގެންދިޔަ ‏‏ދުވަސްތަކުގައި 2009ވަނަ އަހަރު ހުއްޓިފައިވާ، މުދައްރިސުންނަށް އިތުރުގަޑީގެ އެލަވަންސް ‏‏އެކިގޮތްގޮތަށް އެކި ޙާލަތުގައި އެކި މިންވަރަށް ދެމުން އައިސްފައި މިހާރު ގާތްގަނޑަކަށް ފަސް ‏‏ޕަސެންޓަށް ތިރިވެފައިވާ ވުމަކީ ޙަޤީޤަތުގައި މިދާއިރާގައި ހަރަކާތްތެރިވާ އެތަކެއް ސަތޭކަ ‏‏މުދައްރިސުންނަށް ދިމާވެފައި އޮތް ވަރަށްބޮޑު މައްސަލައެއް. އަދި މިމައްސަލައިގެ ސަބަބުން ‏‏ތަޢުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު އަދި މިދާއިރާގައި ޝައުޤުވެރިކަމާއެކީގައި ޙަރަކާތްތެރިވާނެ ‏‏މީހުން ލިބުމުގެ މައްސަލަވެސްވަނީ ކޮންމެވެސް ވަރަކަށް ކުރިމަތިވެފައި. ‏

‏އަޅުގަނޑުމެންގެ ދަރިންނަށާއި މުޖުތަމަޢަށް ދިމާވެފައިވާ އެންމެބޮޑު އެއް ‏‏މައްސަލައަކީ، އުނގެނުން ކަމުގައި ވާކަމަށްވާނަމަ އަދި އެދާއިރާ އިތުރަށް ތަރައްޤީކުރަން ‏‏އަޅުގަނޑުމެން ބޭނުން ކަމުގައިވާނަމަ އެދާއިރާގައި ޙަރަކާތްތެރިވާ ބޭފުޅުންނަށް އެކަށީގެންވާ ‏‏ޢިނާޔަތްތަކެއް ލިބޭނެ މަގު ހޯދައިދިނުމަކީ އެއީ، ސަރުކާރުގެ ވަރަށްބޮޑު ޒިންމާއެއް. އެހެންކަމުން، ‏‏މުދައްރިސުންނަށް އިތުރުގަޑީގައި ދޭ ފަސް ޕަސެންޓް އެލަވަންސް، އިރާދަކުރެއްވިއްޔާ މި މަހުން ‏‏ފެށިގެން ދިހަ ޕަސެންޓަށް ހަމަޖައްސާނެ ވާހަކަވެސް އަޅުގަނޑު މިއަދު އުފަލާއެކީގައި ފާހަގަކުރަން. ‏

‏އަޅުގަނޑުމެންގެ އުންމީދަކީ އަދި އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްތަކުގެ ‏‏ތެރޭގައި، ސަރުކާރުން މިހާރު ފަށާފައިވާ ރާއްޖޭގެ ސިވިލް ސަރވިސްގައި ހަރަކާތްތެރިވާ ‏‏މުވައްޒަފުންގެ މުސާރައާއި އޮނިގަނޑު މުރާޖަޢާ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމިގެން ‏‏ދިޔުމާއެކީގައި ޖުމްލަ ގޮތެއްގައި ރާއްޖޭގެ ސިވިލް ސަރވިސްގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ‏‏ލިބޭ އާމްދަނީގެ މިންވަރަކީ، އަމިއްލަ ޚިދުމަތްތަކުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް ލިބޭ އެއްޗަކާ ‏‏އެއްވަރަކަށް އުފުލިގެންދާ އެއްޗަކަށް ހެދުން. އަދި ހަމައެއާއެކީގައި، ސަރުކާރުގެ ނުވަތަ ދައުލަތުގެ ‏‏އެކި މުއައްސަސާތަކުގެ ތެރެއިން މުސާރައިގެ އޮނިގަނޑުގައި ހުރި ތަފާތުތައް ނައްތާލައި، ‏‏އެއްހަމައަކަށް، ތިލަފަތް ހަމަ މިންގަނޑަކަށް ބެލެވޭފަދަ ގޮތަކަށް މުސާރައިގެ އޮނިގަނޑު ‏‏ހަމަޖެހިގެން ދިޔުމަކީ އެއީ، އެންމެ އިންސާފުވެރި ގޮތް ކަމަށްވާތީ، އިރާދަކުރެއްވިއްޔާ ކުރިއަށް ‏‏މިއޮތް ދުވަސްތަކުގެ ތެރޭގައި ލަސްނުވެ އެމަސައްކަތް ނިމިގެން އެގޮތުގެ މަތިން އެކަންތައް ‏‏ހަމަޖެހިގެން ދިޔުމަކީ އެއީ، ސަރުކާރުގެ ވަރަށްބޮޑު އުންމީދެއް. އެކަމުގެ އުންމީދު އޮތް ވާހަކަ ‏‏އަޅުގަނޑު މިފުރުސަތުގައި ދަންނަވާލަން ބޭނުންވޭ. ‏

‏އަޅުގަނޑުމެން މިހުރިހާ ކަމެއް މިކުރަނީ އެއްވެސް ޝައްކެއްނެތްގޮތުގައި ރާއްޖޭގެ ‏‏ތަޢުލީމީ އޮނިގަނޑުގައި މިހާރު ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ފޯރުކޮށްދިނުމަށް. އެއާއެކީގައި ‏‏ތަޢުލީމީ ނިޒާމުގެ ފެންވަރު މަތި ކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން އެއް މަސައްކަތް ‏‏މިއީވެސް. އަޅުގަނޑު އުންމީދުކުރަނީ މިއާއެކީގައި މިދާއިރާއަށް އިތުރަށް ބޭފުޅުން ‏‏ޝައުޤުވެރިވެވަޑައިގަންނަވާނެ ކަމަށް. އަދި މިހާރު ތިއްބެވި ބޭފުޅުން، މިދާއިރާގައި ‏‏ދެމިތިއްބެވުމާއެކީގައި އެބޭފުޅުންވެސް، ރާއްޖޭގެ މާޙައުލަށް މި އަންނަ ބަދަލާއި އަދި ރާއްޖެ ‏‏އިޤްތިޞާދީ ގޮތުން ހޯދަމުންދާ ކުރިއެރުމާއި އިޤްތިޞާދީ ގޮތުން ރާއްޖެ ބަދަލުވެގެންދާ ‏‏ދިޔުމާއެއްގޮތަށް ތަޢްލީމީ ދާއިރާގައި ހަރަކާތްތެރިވާ މުދައްރިސުންގެ ފެންވަރާއި އަދި އެބޭފުޅުންގެ ‏‏ފަންނުވެރިކަންވެސް އެގޮތުގެ މަތިން ބަދަލު ކުރުމުގެ ވިސްނުން ގެންގުޅުއްވައި، އަދި އެގޮތަށް ‏‏ތަޢުލީމީ ދާއިރާގެ ތެރެއިން އެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދި ‏‏އެއާއެކީގައި އަޅުގަނޑު އުންމީދުކުރަން، މިއަދު އަޅުގަނޑުމެންގެ ތެރޭގައި ހުރި އެކިއެކި ‏‏ޝަކުވާތައް ނިމުމަކަށް ގެނައުމަށްޓަކައި މުދައްރިސުންވެސް ޒިންމާދާރުކަމާއެކީގައި ކުރިއަށް މިއޮތް ‏‏ދުވަސްތަކުގެ ތެރޭގައި ހަރަކާތްތެރިވެ، އަޅުގަނޑުމެން ރައްޔިތުންނާ ދޭތެރޭގައި އަދި ‏‏އަޅުގަނޑުމެންގެ ދަރިވަރުންނާ ދޭތެރޭގައި އޯގާތެރިކަމާއެކީގައި އެބޭފުޅުންވެސް މަސައްކަތް ‏‏ކޮށްދެއްވުމަކީ އެއީ، އަޅުގަނޑު މިއަދު ކުރާ ވަރަށްބޮޑު އިލްތިމާސެއް. ‏

‏މިއަދު މަދުން ނަމަވެސް އަޅުގަނޑުމެންނާ ހަމައަށް އަންނަ ޝަކުވާތަކުގެ ތެރޭގައި ‏‏ހަމަ ޚިދުމަތުގައި ތިއްބަވާ ބޭފުޅުންގެ ފަރާތްޕުޅުން އެންމެ އެކަށީގެންވާ ޚިދުމަތް އެކި ޙާލަތްތަކުގައި ‏‏ލިބިގެންނުދާ ވާހަކަ އަންނާތީއާއެކީގައި އަދި ހަމައެއާއެކީގައި ބެލެނިވެރިން ތަފާތު ގޮތްގޮތަށް ‏‏ތަޢްލީމަށްޓަކައި ކުރަންޖެހޭ ހޭދަ، ރަސްމީ މަދަރުސާގެ އިތުރުން، އެހެނިހެން ގޮތްގޮތަށް ކުރަންޖެހޭ ‏‏ހޭދަ އިތުރުވަމުންދާ ދިޔުމަށް އެއީ، މިއަދު އަޅުގަނޑު ދެކޭ ގޮތުގައި މުދައްރިސުންވެސް ‏‏އިސްނަގައިގެން އެކަމަށް ޙައްލެއް ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެން މިއަދު ކުރަން ޖެހިފައިވާ ‏‏މަސައްކަތެއްކަންވެސް އަޅުގަނޑު ފާހަގަކުރަން. އެއްވެސް ޝައްކެއްނެތް ގޮތުގައި އުނގެނުމަކީ ‏‏އެންމެ މަތިވެރި މަސައްކަތް. އުނގަންނައި ދިނުމަކީ އެންމެ މަތިވެރި ޚިދުމަތް. ކީރިތި ޤުރްއާނުގައި ‏اللّـه سبحـانـه وتعـالى ވަޙީ ކުރައްވާފައިވަނީ "قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ " އެނގޭ ‏‏މީހުންނާއި ނޭނގޭ މީހުން ހަމަހަމަ ވާނެހޭ، ހަމަ ޔަޤީނުންވެސް ނުވާނެޔޭ."‏

‏ އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ ‏‏މަސައްކަތުގައި ތައުފީޤާއި ބަރަކާތް މިންވަރު ކުރެއްވުން. އަދި މިއަދު އަޅުގަނޑުމެން މި ހުޅުވި ‏‏ޢިމާރާތުގެ ސަބަބުން، ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އެކަށީގެންވާ ޙައްލެއް ‏‏ލިބިގެން ދިޔުން. ހަމައެއާއެކީގައި ކުރިމަގުގައި އަޅުގަނޑުމެންގެ މުދައްރިސުންނާއި މުޢައްލިމުންނަށް ‏‏މިދާއިރާއަށް އިތުރު ފުރުސަތުތައް ހުޅުވިގެން ދިޔުން. އަޅުގަނޑުމެން އެންމެން މިކުރާ ‏‏މަސައްކަތުގައި އެކަލާނގެ ތައުފީޤާއި ބަރަކާތް މިންވަރު ކުރެއްވުން. ‏

‏އަޅުގަނޑުގެ ވާހަކަ ނިންމާލަމުންވެސް އަދިވެސް އެއްފަހަރު މިމަސައްކަތުގައި ވަރަށް ‏‏ބުރަކޮށް ޙަރަކާތްތެރިވި ތަޢުލީމީ ފަންޑުގެ އިސްބޭފުޅުންނަށާއި އަދި ތަޢުލީމާބެހޭ ވަޒީރު ޑޮކްޓަރ ‏‏ޢާއިޝަތު ޝިހާމަށާއި، މިޕްރޮޖެކްޓް ކުރިއަށް ގެންދެވުމުގައި ޖުމުލަ ގޮތެއްގައި ޝާމިލުވި ހުރިހާ ‏‏ބޭފުޅުންނަށާއި، އަދި އެމަސައްކަތުގައި ހަރަކާތްތެރިވި އެންމެހާ ބޭފުޅުންނަށް އިޚްލާޞްތެރި ‏‏ޝުކުރެއް އަޅުގަނޑު އަދާކުރަން. އަޅުގަނޑުމެންގެ މި މަސައްކަތުގައި اللّـه سبحـانـه وتعـالى ބަރަކާތް ‏‏މިންވަރު ކުރައްވާށި. އާމީން! ‏

‏ ‏‎ ‎‏ ‏‎ ‎والســّلام عليــكم ورحـمــة اللّـه وبـركاتـه
‏ ‏
‏ _____________________________‏