‏ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު، މާލެއަތޮޅު ‏‏ގުރައިދޫގެ ބަނދަރުގެ މަސައްކަތް މިއަދު ފަށްޓަވައިދެއްވައިފިއެވެ. މިކަމަށްޓަކައި މިއަދު ހެނދުނު ‏‏ގުރައިދޫގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ‏‏މިއަދު ގުރައިދޫގައި މި ފެށުނު ބަނދަރު ހެދުމުގެ މަޝްރޫޢަކީ، ގުރައިދުއަށް ފާގަތިކަމާއި ތަރައްޤީ ‏‏ގެނެސްދޭނެ މަޝްރޫޢެއް ކަމުގައި ވިދާޅުވިއެވެ. އަދި މި ސަރުކާރަކީ، ތަރައްޤީ ގެނައުމުގައި ‏‏ވަރުބަލިނުވާނެ ސަރުކާރެއް ކަމަށާއި، ރާއްޖެއަށް ގެންނަ ތަރައްޤީގައި ޒުވާނުން މަޙުރޫމް ނުވާނެ ‏‏ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ‏‏ގުރައިދޫގެ ތަރައްޤީއަށް ކުރިއަށް ރޭވިފައިހުރި މަޝްރޫޢުތަކަށް އެމަނިކުފާނު ބައްލަވާލެއްވިއެވެ. އަދި ‏‏ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް މި ކުރައްވާ މަސައްކަތްތަކުގެ ސަބަބުން މި 5 އަހަރު ދުވަހުގެ ‏‏ތެރޭގައި މުޅި ރާއްޖޭގެ ތަޞްވީރު ބަދަލުވެގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ސަރުކާރުން ވެވަޑައިގެންފައިވާ ‏‏ވަޢުދުތައް އިރާދަކުރެއްވިއްޔާ މި 5 އަހަރު ދުވަހުގެ ތެރޭގައި ފުއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ‏‏ދެއްވިއެވެ. އަދި މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ގިނަ ވަޢުދުތަކެއް ‏‏ފުއްދަވައިދެއްވާފައިވާނޭ ކަމަށް ވިދާޅުވެ، އެ ވަޢުދުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ‏‏ބައްލަވާލެއްވިއެވެ. ‏