މިއަދުގެ ސަރުކާރަކީ، ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ހޯދައިދޭން ޚާއްޞަ ގޮތެއްގައި މަސައްކަތް ކުރާނެ ސަރުކާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މުދައްރިސުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށްޓަކައި ޢިމާރާތް ކުރެއްވި "އެދުރު ހިޔާ" ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

އެދުރު ހިޔާ ހުޅުވުމަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ އެދުރުންނަށާއި، މުދައްރިސުންނަށާއި، އަދި އެ ބޭފުޅުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލަ ކަމަށްވާ ގެދޮރުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، މި ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކަށް ވެގެންދިޔައީ، ރާއްޖޭގެ ސްކޫލުތަކުން ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް މިހާރަށްވުރެ ރަނގަޅު ތަޢުލީމީ ނިޒާމެއް ފޯރުވައިދިނުމާއި، ތަޢުލީމީ މަންހަޖަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ. އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ދަރިވަރުންނަށް އެ ދާއިރާއިން ލިބިދެވޭ ތަޢުލީމަކީ، އެންމެ ރަނގަޅު ތަޢުލީމު ކަމަށް ހަދައިދިނުމާއެކު، ތަރުބަވީ ތަޢުލީމެއް ދަރިންނަށް ފޯރުކޮށްދިނުމެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މި މަސައްކަތްތަކަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި، މުދައްރިސުންނަކީ އަބުރުވެރި ދިރިއުޅުމެއް އުޅެވޭފަދަ ބަޔަކަށް ހެދުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރެއްވުމަކީ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމުގައި ވިދާޅުވިއެވެ.