ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ)ގެ ދަށުން، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ހެންވޭރު ނީޓް، އަލްފާޟިލް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާތީ، އެ ކޮމިޝަނުގެ މެންބަރުކަމަށް، އޭނާ ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ. މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ޢައްޔަން ކުރެއްވުމުގެ ކުރިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފުގެ ކުރިފުޅުމަތީގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ޤާނޫނީ ހުވާ އޭނާ ކުރެއްވިއެވެ.