ޤައުމީ އިނާމު ދެއްވާ ދާއިރާތައް ކަނޑައެޅުއްވުމުގައި އަންހެނުންނަށާއި ޒުވާނުންނަށް އިސްކަން ދެއްވުމަށާއި، ދައުލަތަށް ދިގު މުއްދަތެއްގައި ފާހަގަކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށްވެސް އިނާމު ލިބިވަޑައިގަންނަވާނޭ ދާއިރާއެއް ހިމެނުއްވުމާމެދު ވިސްނާވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޤައުމީ އިނާމު ކޮމިޓީގެ މެންބަރުންގެ އަރިހުން އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، ޤައުމީ އިނާމާބެހޭ ކޮމިޓީއާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާބެހޭ ކޮމިޓީގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
 
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން ޚާއްޞަ ގޮތެއްގައި އަންހެނުންނާއި ޒުވާނުންގެ ދާއިރާއާ ގުޅޭ ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ރާއްޖޭގައި މިހާރު އެކި ފަންނުގެ ވަރަށް ހުނަރުވެރި ޒުވާނުން އެބަތިބިކަން ފާހަގަކުރައްވަމުން، އެފަދަ ޒުވާނުންނަށް އަމާޒު ކުރައްވައިގެން ފަންނީ އިތުރު ދާއިރާތަކަކުން ޤައުމީ އިނާމަށް ފުރުޞަތު ހުޅުއްވާލެއްވުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ކުރިއަށްދާ ޒުވާނުންނަށް އިތުރު ހިތްވަރު ދެއްވަން ބޭނުންފުޅުވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
 
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިނާމު މިހާރު ދެއްވަމުން ގެންދަވާ ދާއިރާތައް އިތުރަށް ފުޅާ ކުރައްވައި، ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާއިން ތަފާތު ބައިތަކުން އިނާމަށް ފުރުޞަތު ހުޅުއްވާލެއްވުމުގެ މުހިންމުކަމާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވާހަކަފުޅު ދެއްކެވިއެވެ. އަދި ޤައުމީ އިނާމާއި ޚާއްޞަ އިނާމު ދެއްވުމުގައި ކޮމިޓީން އަލަށް ކަނޑައަޅުއްވާ އުސޫލުތަކާ ގުޅޭގޮތުން މީޑިއާ މެދުވެރިކުރައްވައި ހޭލުންތެރިކަން އިތުރުކުރެއްވުމަށާއި، ރާއްޖޭގައި ތިބި އެކި ފަންނުގެ ޤާބިލު ޒުވާން މަސައްކަތްތެރިންނަށް އިސްކަން ދެއްވައިގެން އުސޫލުތައް ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޤައުމީ އިނާމު ކޮމިޓީއަށް  އިތުރު 5 ބޭފުޅަކު ޢައްޔަން ކުރެއްވިކަން ފާހަގަކުރައްވަމުން، އެކަމުގެ އެންމެ ބޮޑު ބޭނުންފުޅަކީ، އަންހެނުންނާއި ޒުވާނުންނާ ގުޅޭ ދާއިރާތަކަށް އިސްކަން ދެއްވުން ކަމުގައި ވިދާޅުވިއެވެ.
 
ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ އަލަށް ޢައްޔަނު ކުރެއްވި 5 ބޭފުޅުންނަކީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ އަނީސާ އަޙްމަދާއި، ހެންވޭރު ފިފްޓީ ފްލާވަރސް އިބްރާހީމް ޢުމަރު މަނިކާއި، މާފަންނު ފުރަހަނި އަޙްމަދު ޝާހިރާއި، ހެންވޭރު ރަންވިލާގޭ ޢުމަރު ޒާހިރާއި، މާފަންނު ކާނިމާގޭ މުޙައްމަދު އިކުރާމެވެ.