ޤާނޫނުގެ ރައްކާތެރިކަން އޮންނަކަން ރައްޔިތުންނަށް ގަބޫލުކުރެވޭނީ، ތަހުޒީބު މުޖްތަމަޢުތަކުގައި ކަންކަން ހިނގާގޮތަށް ޤާނޫނު ހިނގާތަން ފެނިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކުރިއަށް އޮތް 5 އަހަރަށް އެކުލަވައިލެއްވި ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާއާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙު ކުރެއްވުމަށް، ރޭ ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ފަސާދައިގެ ޢަމަލުތަކާމެދު މިއަދުވެސް ރައްޔިތުން ކަންބޮޑުވުން ފާޅުކުރާ ކަމަށާއި، ރާއްޖޭގައި މިއަދު އޮތް ޤާނޫނީ އޮނިގަނޑުގެ ތެރެއިން މިކަންކަމާމެދު އެކަށީގެންވާ ފިޔަވަޅު އަޅާކަމަށް ގަބޫލުކުރަން ޢާންމު ރައްޔިތުންނަށް މިއަދު ދަތިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކުރިއަށް އޮތް 5 އަހަރަށް އެކުލަވައިލެއްވި ލެޖިސްލެޓިވް އެޖެންޑާއަކީ، ރާއްޖޭގެ ޒުވާނުންނަށާއި، ރާއްޖޭގެ އިޤްތިޞާދަށާއި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ސަރުކާރުން އަދި މިއަދު ވެރިކަން ކުރަމުން މިގެންދާ ޕްރޮގްރެސިވް ކޯލިޝަނުން ކަނޑައަޅާފައިވާ ސިޔާސަތުތައް ޙާޞިލު ކުރުމަށްޓަކައި އެކުލަވައިލެވިފައިވާ އެޖެންޑާއެއް ކަމުގައި ވިދާޅުވިއެވެ. އަދި މި އެޖެންޑާއަކީ އެ ސިޔާސަތުތައް، ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނާ ހަމައަށް ވާސިލުކޮށްދިނުމަށްޓަކައި އެހީތެރިވެދޭނެ މުހިންމު އެޖެންޑާއެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިގޮތުގައި، ސަރުކާރުގެ އެންމެ އިސް ވާޖިބަކަށް އަދި އެންމެ އިސް އަމާޒަކަށް ވެގެންދާނީ، ސަރުކާރުން ހާމަކުރައްވާފައިވާ ސިޔާސަތުތައް ހާޞިލު ކުރުމަށްޓަކައި އެކަމާ ގުޅުންހުރި ޤާނޫނުތައް ވުޖޫދަށް ގެންނެވުމެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، އިޤްތިޞާދީ ދާއިރާއަށް އެކަނި ބެލިކަމުގައިވިޔަސް، މިދާއިރާއިން މިއަދު ޙާޞިލުކުރަން ބޭނުންވާ ކަންތައްތައް ޙާޞިލު ކުރުމަށް ބޭނުންވާ މުހިންމު ޤާނޫނުތަކެއް އެބަހުރި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސަރުކާރުގެ އުޞޫލަކީ، ޝަރުޢީ ކޯޓުތަކަށާއި، ޤާނޫނީ މުއައްސަސާތަކަށް ފާޑުކިޔުން ނޫން ކަމަށާއި، ސަރުކާރުން ގަބޫލުކުރައްވާ ހަމައަކީ، ރާއްޖޭގެ ޝަރުޢީ ކޯޓުތަކުންނާއި، ޤާނޫނީ މުއައްސަސާތަކުން ބޭނުންވާ އިޞްލާޙުތަކާއި، އެ ދާއިރާއަށް ގެންނަން ބޭނުންވާ ތަރައްޤީ ގެނައުމުގައި ސަރުކާރުން އެ ދާއިރާއާ އެކީގައި މަސައްކަތް ކުރައްވައި، ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ދެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގައި ފޯރުކޮށްދެއްވެން ހުރި ހުރިހާ އެހީތެރިކަމެއް، ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްވިއެވެ.

އާ ޤާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ޤާނޫނުގެ ޙުކުމް ވަރަށް ފުރިހަމަގޮތެއްގައި ހިނގަން ފަށާނެ ކަމަށް، ރާއްޖޭގެ ވަރަށްގިނަ ރައްޔިތުން އުންމީދުކުރި ކަމަށާއި އަދި ﷲގެ ރަޙްމަތާއެކީގައި، މިރޮނގުން ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިގެން ހިނގައްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. ޤާނޫނުއަސާސީގެ ދަށުން ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޙިމާޔަތްކޮށް ކުރިއެރުވުމަށާއި، ރައްޔިތުންގެ ސަލާމަތަށާއި މަންފާއަށްޓަކައި ޢާންމު މިނިވަންކަން ދިފާޢު ކުރުމަށް، މި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި ކޮންމެ މީހަކީވެސް ޤާނޫނުގެ ކުރިމަތީގައި ހަމަހަމަވެގެންވާ މީހެއް ކަމަށްވާއިރު، އެއްވެސް ތަފާތުކުރުމެއްނެތި މި އުޞޫލު ދެމެހެއްޓުމާއި އަދި މިކަން މިގޮތަށް ކުރިއަށްދާކަމަށް ޢާންމު ރައްޔިތުންނަށް ގަބޫލުކުރެވޭނެ އަސާސްތަކެއްވެސް ޤާއިމުވެގެންދާންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.