ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދުގެ އަރިހަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔޫ.އެޗް.އޯ.ގެ ދެކުނު އިރުމަތީ އޭޝިޔާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ޑޮކްޓަރ ޕޫނަމް ކެތްރިޕާލް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ޞިއްޙީ ދާއިރާއިން ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކާ ބެހޭގޮތުންނާއި، މިކަންކަމާ ގުޅޭގޮތުން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާއި، މި މައްސަލަތަކުގައި ޑަބްލިޔޫ.އެޗް.އޯ.އިން ފޯރުވައިދެވިދާނެ އެހީތެރިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ އާންމު ޞިއްޙީ ޙާލަތަށް މިވަގުތު ދިމާވެފައިވާ މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ގައިންގަޔަށް އަރާ ބަލިތައް ރާއްޖޭގައި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވިވީނަމަވެސް، ގައިން ގަޔަށް ނާރާ ބަލިތައް ވަރަށް ބޮޑުތަން އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިއީ މިވަގުތު ޤައުމުގެ ޞިއްޙީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައި ވިދާޅުވިއެވެ. އަދި މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ޑަބްލިޔޫ.އެޗް.އޯ އިން ރާއްޖެއަށް ދެއްވާފައިވާ އެހީތައް ފާހަގަކުރައްވައި، ޑަބްލިޔޫ.އެޗް.އޯ އަށް ރައީސުލްޖުމްހުރިއްޔާގެ ނައިބު ޝުކުރު އަދާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި، ސާސްކަފުގެ ލަނޑުދަނޑިތައް ހާޞިލުކުރުމުގައި ޞިއްޙީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކާބެހޭ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑަބްލިޔޫ.އެޗް.އޯ.ގެ ޑައިރެކްޓަރާ ޙިއްޞާ ކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ޑޮކްޓަރ ޕޫނަމް ކެތްރިޕާލް ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލު ކުރެވުނު ކަންތައްތަކުގެ މައްޗަށް ބައްލަވާލައްވައި، އެކަމަށްޓަކައި ސަރުކާރަށް ތަޢުރީފު ކުރެއްވިއެވެ. އަދި ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި ކުރިއަށް އޮތްތާނގައިވެސް އެ ޖަމްޢިއްޔާއިން ރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެރުވިއެވެ.
މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހެލްތު އެންޑް ޖެންޑަރ ޑޮކްޓަރ މަރްޔަމް ޝަކީލާއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަބްދުﷲ އަމީން ބައިވެރިވެވަޑައިގެންނެވިއެވެ.