‏ދުނިޔޭގެ ބާޒާރުގައި މިވަގުތު އިންޓްރެސްޓް ރޭޓް ހުރީ ވަރަށް ދަށުގައި ‏‏ކަމަށްވުމާއެކު، މިއީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ‏‏ވަރަށްފަހި ދުވަސްވަރެއް ކަމަށްވާތީ، ސަރުކާރަށް މި ފުރްޞަތު ތަނަވަސްކޮށްދެއްވުމަށް ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏، ރައްޔިތުންގެ މަޖިލީހަށް އިލްތިމާސް ‏‏ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، ޤާނޫނުއަސާސީގެ 84 ‏‏ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް މިއަދު ރިޔާސީބަޔާން ‏‏އިއްވަވަމުންނެވެ. ‏

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ‏‏ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިއިރު، ދިވެހި ޤައުމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ‏‏ކަމަށާއި، ޤައުމު އަލުން ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ‏‏ޙާލަތެއްގައި ކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި އޮންނަންވާ ހަމަހަމަކަމާއި، ހަމަޖެހުމާއި، ‏‏އަމަންއަމާންކަން އޮތީ ގެއްލިފައި ކަމަށާއި، ސިޔާސީ ވިސްނުމާއި ފިކުރުގެ ސަބަބުން ޤައުމު ‏‏އޮތީ ހަލަބޮލިކަމެއްގެ ތެރޭގައި ކަމަށް ވިދާޅުވެ، އެހެން ނަމަވެސް، މާތްﷲގެ ވާގިފުޅާއެކު، ‏‏ޤައުމުގެ ކަންކަން މިއަދު މިދަނީ ހަމަ މަގަށް އެޅެމުންކަން ރައީސުލްޖުމްހޫރިއްޔާ ‏‏ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތީވެސް ހަމަ އެހާމެ ނާޒުކު ފައްތަރެއްގައި ‏‏ކަމަށާއި، ޤައުމީ އުފެއްދުންތެރިކަމުގެ ރޮނގުން އިޤްތިޞާދީ ކުރިއެރުންތަކެއް ރާއްޖެއިން ‏‏ޙާޞިލުކޮށްފައިވީނަމަވެސް، ރާއްޖޭގެ މާލީ ޙާލަތު އަދިވެސް އޮތީ އަޅުގަނޑުމެން ހިތްހަމަޖެހޭ ‏‏ފެންވަރެއްގައި ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ‏‏ދައްކަވަމުން، ދައުލަތުގެ ދަރަނީގެ ޙާލަތަށް ރިޢާޔަތްކޮށް ބަލާއިރު، ދެމެހެއްޓެނިވި ‏‏މިންގަނޑެއްގައި ދަރަނި ހިފެހެއްޓުމަކީ، ސަރުކާރުން އިސްކަންދެއްވާ ވަރަށްބޮޑު އަމާޒެއްކަން ‏‏ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. ‏

ރާއްޖޭގެ އިންފްލޭޝަން މައްޗަށްދާ މިންވަރު، 2008 ވަނަ އަހަރާ އަޅާބަލާއިރު، ‏‏މިހާރުވަނީ ވަރަށްބޮޑުތަން މަޑުޖެހިފައިކަމުން، ސަރުކާރުން މަސައްކަތް ކުރައްވަމުން ‏‏މިގެންދަވަނީ، އިންފްލޭޝަންގެ މިންވަރު މަތިވިޔަނުދީ ހިފެހެއްޓެވުމަށް ކަމުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިއަހަރާއެކު ‏‏އިންފްލޭޝަން މައްޗަށްދާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، މިއަދު މިވަނީ އިންފްލޭޝަން ‏‏މައްޗަށްދިޔަނުދީ ހިފެހެއްޓިފައިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. ‏

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ‏‏ކުރުމުގެ ގޮތުން، މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި މުހިންމު ފިޔަވަޅުތަކެއް ސަރުކާރުން ‏‏އަޅުއްވާފައިވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ބޭންކިންގ ނިޒާމު ހަރުދަނާކުރުމަށްޓަކައި ‏‏ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު، މިނިމަމް ރިޒަރވް ރިކްޔަރމަންޓް ކަމަށްވާ 25 ‏‏ޕަރސެންޓް މިހާރުވަނީ 20 ޕަރސެންޓަށް ކުޑަކުރެވިފައި ކަމަށާއި، މިކަމުގެ ސަބަބުން ‏‏އިންވެސްޓް ކުރުމަށް، ކުޑަ އިންޓްރެސްޓް ރޭޓެއްގައި ފައިސާ ލިބޭނެމަގު ތަނަވަސްވެގެންދާނެ ‏‏ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ރިޔާސީ ބަޔާން ކުރިއަށް ‏‏ގެންދަވަމުން، އިޤްތިޞާދަށް އަންނަ ބަދަލުތަކަށް ބަލައި، މިނިމަމް ރިޒަރވް ރިކްޔަރމަންޓް ‏‏10 ޕަރސެންޓަށް ކުޑަކުރެއްވުމަކީ، ސަރުކާރުގެ އަމާޒެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.‏

ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގެ މައި ދޮރޯށި ކަމުގައިވާ އިބްރާހީމް ނާޞިރު ‏‏އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވަނީ ކޮށް ‏‏ނިމިފައި ކަމަށާއި، އިރާދަކުރެއްވިއްޔާ، ތަރައްޤީކޮށް ނިމޭއިރު، މި އެއަރޕޯޓް ވެގެންދާނީ، ‏‏ކުރިއަށް އޮތް 50 އަހަރަށްވެސް ފުދޭ، ފުޅާވަމުންދާ ފަތުރުވެރިކަމާއި، ހުޅުވާލެވޭ ‏‏އިޤްތިޞާދަކަށް ފަހި، ދިވެހިންގެ އެއަރޕޯޓަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ‏

ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް މިއަދު އިއްވެވި ރިޔާސީ ‏‏ބަޔާނުގައި، އެމަނިކުފާނުގެ ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކުރުމަށް ‏‏ވަޢުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ކޮށް ނިމިފައިވާ ކަމުގައި ވިދާޅުވިއެވެ. ޚާއްޞަކޮށް، ‏‏ރާއްޖޭގެ ޒުވާނުންނާއި، އަންހެނުންގެ ކުރިއެރުމަށާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީ ‏‏ޙާޞިލުކުރުމަށްޓަކައި ސަރުކާރުގެ ވިސްނުމުގައި ހިމެނިފައިވާ ކަންކަން ޙާޞިލު ‏‏ކުރެއްވިފައިވާކަން ފާހަގަކުރައްވައި، އޭގެތެރެއިން ބައެއް މުހިންމު ކަންކަމުގެ މައްޗަށް ‏‏ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ. ‏

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، ސަރުކާރުން އެންމެބޮޑު އިސްކަމެއް ‏‏ދެއްވަން ޖެހިފައިވަނީ، ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމަށް ކަމަށާއި، ރާއްޖެއަށާއި ‏‏ރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި އެކިއެކި ބޮޑެތި މަޝްރޫޢުތައް، ރާއްޖޭގައި ހިންގުމުގެ ‏‏ފުރްޞަތު، ބޭރުގެ އިންވެސްޓަރުންނަށް ހުޅުވައިލުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ‏‏ސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ވީހާވެސް ގިނަ ޢަދަދެއްގެ ‏‏ޒުވާނުންނަށް ވަޒީފާގެ ފުރްޞަތުތައް، އިރާދަކުރެއްވިއްޔާ ސަރުކާރުން ތަނަވަސްކޮށްދެއްވާނެ ‏‏ކަމަށާއި، މިކަމުގައި ރާއްޖޭގެ އަމިއްލަ ކުންފުނިތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ‏‏ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިއަދު ރާއްޖޭގެ މުހިންމު ޞިނާޢަތްތަކުން ‏‏ޒުވާނުންނަށް ވަޒީފާގެ ފުރްޞަތުތައް ހުޅުވައިލެވިގެން މެނުވީ، އަޅުގަނޑުމެން މި އެދޭ ‏‏ތަރައްޤީ، އަޅުގަނޑުމެންނަކަށް ނުގެނެވޭނެއެވެ. ‏