ސަޢޫދީޢަރަބިއްޔާއިން އަބަދުވެސް ރާއްޖެއަށް ވަރަށް ޚާއްޞަ އަހަންމިއްޔަތުކަމެއްދޭ ކަމަށާއި، ރާއްޖޭގެ ތަރައްޤީއަށް އަބަދުވެސް އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު، ޑެޕިޔުޓީ ޕްރިމިއަރ، އަދި މިނިސްޓަރ އޮފް ޑިފެންސް ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދު ވިދާޅުވެއްޖެއެވެ. ސަޢޫދީ ވަލީޢަހުދު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ މިއަދު ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ސަޢޫދީޢަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުންނެވެ. މި ރޮނގުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ސަޢޫދީޢަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައި އިޤްތިޞާދީ ރޮނގުން އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި، ދެޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސަޢޫދީޢަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތް އަޚުވަންތަ ގުޅުން ފާހަގަކުރައްވައި، މި ގުޅުން ކުރިއަށް އޮތްތާނގައި އިތުރު ދާއިރާތަކުން ބަދަހިވެގެންދިޔުމަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. ޚާއްޞަކޮށް، ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކުރަން ޖެހިފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަޢޫދީޢަރަބިއްޔާ ސަރުކާރުން އެކި ދާއިރާތަކުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، ރާއްޖެއަށް މިހާރު ދެއްވާފައިވާ 50 ސްކޮލަރޝިޕްގެ ފުރުޞަތަށްޓަކައި ސަޢޫދީ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. ރާއްޖޭގެ ސްކޫލްތަކުގައި ޢަރަބިބަސް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައިދެއްވަން ފަށްޓަވާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މެދުއިރުމަތީގެ ޤައުމުތަކުގެ މެދުގައި ޞުލްޙަ ޤާއިމުކުރެއްވުމަށް ސަޢޫދީ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ސަޢޫދީ ވަލީއަޙުދު ދެއްކެވި ވާހަކަފުޅުގައި، މިކަމަކީ، ސަޢޫދީ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް އައްސަޢުދު ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. ހަމައެޔާއެކު، ދީނީ އެކި ފިކުރުތަކުގެ މީހުންގެ މެދުގައިވެސް ގުޅުން ބަދަހިކޮށް ހަމަޖެހުން ޤާއިމުކުރެއްވުމަށް ސަޢޫދީ ރަސްގެފާނު ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވާ ކަމަށާއި، މުސްލިމުންނަށް ލިބެމުންދާ ތަރައްޤީއާއި ކުރިއެރުމަކީ، މުޅި އިސްލާމީ އުންމަތަށް އޭގެ ފައިދާކުރާނެ ކަމެއް ކަމުގައި ސަޢޫދީ ވަލީޢަހުދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގަތީ، ރާއްޖެއަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ސަރުކާރުން ވަރަށް ބޮޑެތި ލަނޑުދަނޑިތަކެއް ކަނޑައަޅުއްވާފައިވާ ކަމަށާއި، އެ އަމާޒަށް ވާޞިލުވުމަށް ވަރަށް ވަރުގަދަ ޢަޒުމަކާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުން ނިމުމުން، ސަޢޫދީ ވަލީޢަހުދުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރަސްމީ ފަރިއްކޮޅެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތެވެ. އަދި، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި، ސަޢޫދީ ވަލީޢަހުދު ސޮއިކުރެއްވިއެވެ.