ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދުގެ އަރިހަށް، ސަޢޫދީޢަރަބިއްޔާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޑޮކްޓަރ ނިޒާރު ބިން ޢުބައިދު މަދަނީ، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ސަޢޫދީޢަރަބިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ހިންގޭ އެކިއެކި މަޝްރޫޢުތަކާއި، ކުރިއަށްއޮތްތާނގައި ހިންގުމަށް ރޭވިފައިވާ ކަންކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ޙާލަތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުން އަންނަ ކަމުގައި ވިދާޅުވިއެވެ. އަދި މިވަގުތު ރާއްޖެއަށް އެންމެ ބޭނުންތެރިވެފައިވާ ކަންކަމާބެހޭ މަޢުލޫމާތު، ސަޢޫދީގެ ސްޓޭޓް މިނިސްޓަރާ ހިއްސާ ކުރެއްވިއެވެ. އަދި ރާއްޖޭގެ އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާބެހޭ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހިއްސާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި، ރާއްޖެއިން އަބަދުވެސް ދެކެނީ ސަޢޫދީޢަރަބިޔާއަކީ މުސްލިމް އެހެން ޤައުމުތަކަށް ނަމޫނާ ޤައުމެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އެއްބާރުލުން ސަޢޫދީޢަރަބިޔާއަށް އަބަދުވެސް ލިބެމުންދާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ސަޢޫދީޢަރަބިޔާގެ ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް ދެއްކެވި ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ޞިނާޢަތު ފުޅާކުރުމުގައި، ފަތުރުވެރިކަމުގެ އެކި ބާވަތްތައް ތަޢާރުފުކޮށް، ތަރައްޤީ ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މިގޮތުން ރާއްޖޭގައި ތަރައްޤީ ކުރެވިދާނެ ފަތުރުވެރިކަމުގެ ކަންކަމާގުޅޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލު ކުރެއްވިއެވެ.