‏ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދު، ޑެޕިއުޓީ ޕްރީމިއަރ އަދި މިނިސްޓަރ އޮފް ޑިފެންސް ‏‏ސަލްމާން ބިން ޢަބްދުލްޢަޒީޒް، ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގެންފިއެވެ. ‏‏ސަޢޫދީ ވަލީޢަހުދަށް، ‏އިބްރާޙީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރްޙަބާ ވިދާޅުވީ،‏ ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މަރްޙަބާ ދެންނެވުމަށްފަހު ‏ވައިގެ ބަނދަރުގެ ‏‏ވީ.ވީ.އައި.ޕީ ލައުންޖްގައި، ރައީސުލްޖުމްހޫރިއްޔާ، ސަޢޫދީ ވަލީޢަހުދާ ‏‏ބައްދަލުކޮށްލެއްވިއެވެ. ‏

ސަޢޫދީ ވަލީޢަހުދަށް މާލެއިން ރަސްމީގޮތުން މަރްޙަބާ ދެންނެވުން އޮތީ، ޖުމްހޫރީ ‏‏މައިދާނުގައެވެ. ސަޢޫދީ ވަލީއަޙުދު މާލެ ވަޑައިގަތުމާއެކު، ބިއުގަލް ކޯލެއް އެރުވުނެވެ. އަދި އެއަށްފަހު ‏‏ރައީސުލްޖުމްހޫރިއްޔާއާއި ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު،‏‎ ‎‏7 ބަޑީގެ ‏‏ސަލާމެއް އެރުވުނެވެ. އަދި ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. ‏‏އެއަށްފަހު، ‏ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދު ‏ސަލްމާން ބިން ޢަބްދުލްޢަޒީޒުގެ ‏ޝަރަފުގައި އޮތް ‏‏އެމް.އެން.ޑީ.އެފް.ގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ. ‏

މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ‏‏ރައީސުލްޖުމްހޫރިއްޔާގެ ނައިބު ‏ޑޮކްޓަރ ‏‏މުޙަންމަދު ޖަމީލު އަޙްމަދާއި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ‏‏ސްޓޭޓް މިނިސްޓަރުންނާއި، ‏‏ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ‏ސަޢޫދީ ވަލީޢަހުދަށް ތަޢާރުފުކޮށް ‏‏އެރުވިއެވެ. އަދި އެމަނިކުފާނުގެ ‏‏އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ‏‏ރައީސުލްޖުމްހޫރިއްޔާއަށް ‏‏ތަޢާރުފުކޮށް އެރުވިއެވެ. ‏

މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ވަލީޢަހުދު ‏ސަލްމާން ބިން ޢަބްދުލްޢަޒީޒު‏، ‏‏ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގަތީ، ރަޢީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެމަނިކުފާނު ވަޑައިގެންނެވީ ހަތްކޮޅުގައެވެ. ‏