بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء ‏والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.‏

‏މިރޭގެ މި އުފާވެރި ޖަލްސާގެ އިނާމުގެ ޙައްޤުވެރި ދަރިވަރުން، އެ ދަރިވަރުންގެ ‏‏މައިންބަފައިންނާއި ބެލެނިވެރިން، ތަޢުލީމީ ދާއިރާގައި ޚިދްމަތް ކުރައްވާ އެންމެހައި ބޭފުޅުން ‏‏ޢިއްޒަތްތެރިން.‏

السّــلام عليــكم ورحـمــة اللّـه وبـركاتـه،

‏މިރެއަކީ، އަޅުގަނޑު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ‏‏ހަވާލުވިފަހުން ފާއިތުވި ސަތޭކަވަރަކަށް ދުވަހުގެ ތެރެއިން އަޅުގަނޑާ ބައްދަލުކުރާ އެންމެ ‏‏އުފާވެރި އެއް ރޭ. އާދެ، ދުނިޔެއިން އެންމެ މަތީވަނަ ޙާޞިލު ކޮށްފައިވާ ދަރިވަރުންނާއި، ‏‏ތަޢުލީމީ ޙަޔާތުގެ މުހިންމު ހަރުފަތެއް ގިރާކޮށް، އާދަޔާ ޚިލާފު ކާމިޔާބީ ޙާޞިލުކޮށްފައިވާ ތިޔަ ‏‏ލޮބުވެތި ދަރިންނާ ބައްދަލުކޮށް އަދި ތިޔަ ލޮބުވެތި ދަރިންނާ މުޚާޠަބުކޮށް އެއްޗެއް ބުނެލަން ‏‏ފުރްޞަތު ލިބޭ ރޭ. ‏

‏މިރެއަކީ ކާމިޔާބީގެ އަގު ވަޒަންކުރުމުގެ ރޭ ކަމަށްވުމާއެކު، މަތީ ޘާނަވީ ‏‏އިމްތިޙާނުގައި އެކި ވަނަތައް ޙާޞިލުކުރި ދަރިވަރުންނަށް މަރުޙަބާއާއި މުބާރަކްބާދީ ދަންނަވަން. ‏‏އަދި މި އިމްތިޙާނު ނިންމި ހުރިހާ ކުދިންނަށްވެސް މަރުޙަބާ ކިޔައި، ހިތްވަރުދީ ސާބަސް ‏‏ރައްދުކުރަން.‏

‏ދިވެހިރާއްޖެ މިއަދު މިވަނީ މުޅިން އާ މިޞްރާބަކާ ދިމާއަށް އަމާޒު ހިފާފައި. ‏‏މުޅިން އާ މުސްތަޤްބަލަކަށް ދަތުރު ފަށާފައި. ޝައްކެއްނެތް ގޮތުގައި މުސްތަޤްބަލުގެ ‏‏ތަޞައްވުރު ބަލާ ދުރުމީއަކީ، މިއަދުގެ ކިޔަވާކުދިން. މުސްތަޤްބަލްގެ ތަޞްވީރު ސާފުވާނީ، ‏‏ތިޔަކުދިންނަށް އުނގަންނައި ދެވޭ ތަޢުލީމާއި ދެވޭ ތަރުބިއްޔަތުގެ ތެރެއިން ތިޔަކުދިން ‏‏ޙާޞިލުކުރާ ނަތީޖާއެއްގެ މައްޗަށް. އަދި އެ ތަޞްވީރުގެ ރީތި ކުލަތަކާއި މަންޒަރުތަކަކީ ‏‏ޙަޤީޤަތުގައި ތިޔަ ލޮބުވެތި ކުދިން. ‏

‏އެހެންކަމުން، އަޅުގަނޑު ދެކެން ބޭނުންވަނީ، މާދަމާ، ތިޔަކުދިން ޤައުމު ‏‏ހިންގުމުގެ މަތިވެރި ޒިންމާއާއި މަސްއޫލިއްޔަތުތަކާ ހަވާލުވާއިރު، ތިޔަކުދިންނަކީ ‏‏ޢިލްމީގޮތުންނާއި ވިސްނުމުގެ ގޮތުން އެންމެ ޤާބިލު، ހުނަރާއި މަސައްކަތްތެރިކަމުގެ ގޮތުން ‏‏އެންމެ ފަންނުވެރި އަދި އަޚުލާގީ ގޮތުން ޤައުމު ދެކެ ލޯބިވާ ޒިންމާދާރު ކުދިބައެއްގެ ގޮތުގައި.‏

‏މިއަދު ތިޔަކުދިން ޙާޞިލުކޮށްފައިވާ ޝަރަފުވެރި ނަތީޖާއަށް ބަލާއިރު، ‏‏ތިޔަކުދިންނަކީ ރާއްޖޭގެ މުސްތަޤްބަލުކަމާމެދު ޝައްކެތްނެތް. ތިޔަކުދިންނަކީ، އަޅުގަނޑުގެ ‏‏ތަޞައްވުރު ޙަޤީޤަތަކަށް ހަދައިދޭނެ ދަރިވަރުންކަމާމެދުވެސް ޝައްކެއްނެތް.‏

‏ތިޔަކުދިންނަކީ، މައިންބަފައިންނާއި ޢާއިލާތައް އަދި މުޅި ޤައުމު ‏‏ފަޚުރުވެރިވާނޭ، މުޅިން އާ ޖީލެއްގެ ބިންގާކަމުގައިވާނެކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން.‏

‏ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމަށްޓަކައި، އެންމެ ކުއްޖަކުވެސް ބާކީނުކޮށް، ‏‏ހަމަހަމަ އުޞޫލަކުން ތަޢުލީމާއި ހުނަރު އަދި ތަމްރީނު ހޯދައިދިނުމާއި، ދިވެހި ޒުވާނުންނަށް ‏‏މަތީ ތަޢުލީމު ލިބުމުގެ ފުރުޞަތު ހޯދައިދީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ޞިނާޢަތަށް ބޭނުންވާ ‏‏ފަންނީ ހުނަރު، ދިވެހި ދަރީންނަށް ހޯދައިދިނުމަކީ މިސަރުކާރުގެ އަމާޒު.‏

‏މި އުންމީދު ޙަޤީޤަތަކަށް ހެދުމަށްޓަކައި އަޅުގަނޑު މިރޭ މި އިޢުލާނުކުރަނީ ‏‏މަތީ ތަޢުލީމުގެ 1000 ފުރުޞަތު. މީގެތެރެއިން 500 ފުރުޞަތަކީ، ރާއްޖޭގައި މަތީ ތަޢުލީމު ‏‏ޙާޞިލުކުރުމަށް ހުޅުވާލެވޭ ސްކޮލަރޝިޕް ފުރުޞަތު. އަދި 500 ފުރުޞަތަކީ ރާއްޖެއިން ‏‏ބޭރުގައި މަތީ ތަޢުލީމު ޙާޞިލު ކުރުމަށް ހުޅާލެވޭ ސްކޮލަރޝިޕްގެ ފުރުޞަތު. ‏

‏1000 ފުރުޞަތުގެ ތެރޭގައި ހިމެނެނީ، މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ‏‏ހުޅުވާލެވޭ ސްކޮލަޝިޕް ފުރުޞަތާއި، އަލަށް ކިޔަވަން ފަށަން ބޭނުންވާ ދަރިވަރުންނަށް ‏‏ހުޅުވާލެވޭ ސްކޮލަރޝިޕް ފުރުޞަތާއި، ވަޒީފާގައި އުޅެމުން ކިޔަވަން އެދޭ ފަރާތްތަކަށް ‏‏ހުޅުވާލެވޭ ފުރުޞަތާއި، ރާއްޖެއިން ބޭރުގެ އެކުވެރި ޤައުމުތަކުންނާއި ޖަމާޢަތްތަކުން ހަދިޔާކުރާ ‏‏ސްކޮލަރޝިޕްގެ ފުރުޞަތު.‏

‏މަތީ ތަޢުލީމުގެ ފުރުޞަތުތައް ހުޅުވާލާއިރު، ރާއްޖެއަށް އެންމެ ބޭނުންތެރި ‏‏ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލު ކުރުމުގެ ފުރުޞަތު ލިބިދިނުމަށް އިސްކަންދެވޭނެ. މިގޮތުން ‏‏ޞިއްޙީ ދާއިރާއަށް އަމާޒުކޮށްގެން، ޖެނެރަލް މެޑިސިންގގެ ފުރުޞަތާއި، އެކި ބަލިތަކަށް ‏‏ޚާއްޞަ ޑޮކްޓަރުން އުފެއްދުމަށް ސްޕެޝަލައިޒްވުމަށް، ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމުގެ ‏‏ފުރުޞަތު ހިމެނޭނެ.‏

‏މީގެ އިތުރުން، އިކޮނޮމިކްސް، ބޭންކިންގ، ފައިނޭންސްފަދަ ދާއިރާތައް ‏‏ފާހަގަކޮށްލެވޭ. އަދި މިނޫނަސް ރާއްޖެއަށް ބޭނުންވާ މުހިންމު ދާއިރާތައް ހިމެނިގެންދާނެ. ‏‏އިރާދަކުރެއްވިއްޔާ ރާއްޖޭގެ ކޮންމެ ކުއްޖަކީ، މަތީ ތަޢުލީމު ފުރިހަމަކުރުމުގެ ފުރުޞަތު ‏‏ފަހިވެފައިވާ ކުއްޖަކަށް ވެގެންދާނެ. ‏

‏މަތީ ތަޢުލީމުގެ ފުރުޞަތު ހުޅުވިގެންދާއިރު، ތަޢުލީމީ ދާއިރާ އިތުރަށް ‏‏ހަރުދަނާކޮށް، ތަރުބަވީ ތަޢުލީމުގެ ތެރެއިން ރަނގަޅު މުޖުތަމަޢެއް އަދި ވަރުގަދަ ޖީލެއް ‏‏ބިނާކުރުމުގެ ބުރަ މަސައްކަތް އަޅުގަނޑުމެން މިވަނީ ފަށާފައި.‏

‏މިގޮތުން މިހާރު މުރާޖަޢާކޮށް ނިމިފައިވާ ޤައުމީ މަންހަޖު، އަންނަ އަހަރު ‏‏ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ތަންފީޒުކުރުމަށް ބޭނުންވާ، އުނގެނުމާއި އުނގަންނައިދިނުމުގެ ‏‏ވަސީލަތްތައް މިއަހަރުގެ ތެރޭގައި ތައްޔާރުކޮށް ނިންމާނެ. ‏

‏އަދި، ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ ކުދިންގެ ކިބައިގައި، ‏‏މަސައްކަތުގެ ހުނަރު އަށަގަންނުވައި، ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ގޮތުން ސްކޫލްތަކުގައި ‏‏ބައިނަލްއަޤްވާމީ ސްކޫލް ޓިވެޓް ޕްރޮގްރާމް ހިންގުމަށް ކަނޑައަޅައި، އެކަން ފެށުމުގެ އެންމެހައި ‏‏އިންތިޒާމުތައް މިހާރުވަނީ ހަމަޖައްސާފައި. ‏

‏ސްކޫލްތަކުގައި މަދަނީ ތަޢުލީމު އުނގަންނައިދީ، ޤައުމިއްޔަތާއި ދިވެހިބަހަށް ‏‏ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުކުރުމަށް ޕްރޮގްރާމުތަކެއް މިހާރުވަނީ ފަށާފައި. ‏

‏ދަރިވަރުންގެ ޢަޤީދާ ވަރުގަދަކޮށް، މާތްވެގެންވާ އިސްލާމްދީން ދެކެ ލޯބިވާ ‏‏ދަރިވަރުން އުފެއްދުމަށް، ސްކޫލުތަކުގެ ގްރޭޑް 1 ން 7 އަށް ޤުރުއާން، މަޖުބޫރު މާއްދާއެއްގެ ‏‏ގޮތުގައި ހަމަޖައްސައި، ހުރިހާ ސްކޫލެއްގައި ޤުރުއާން ކިޔަވައިދޭން މިހާރުވަނީ ފަށާފައި. ‏

‏ރާއްޖޭގެ ސްކޫލުތަކުގައި ޢަރަބި ބަސް ކިޔަވައިދިނުމަށް ކުރެވޭ މަސައްކަތުގެ ‏‏ތެރެއިން ގްރޭޑް 1 ގެ ދަރިވަރުންނަށް، ޢަރަބި ބަސް ކިޔަވައިދިނުމަށް މިހާރުވަނީ ފަށާފައި. ‏

‏މިއަހަރުގެ އޭލެވެލް އިމްތިޙާނުގެ ނަތީޖާއަށް ބަލާއިރުވެސް އެބަ ޔަޤީންވޭ، ‏‏ކަށަވަރުވޭ، ރާއްޖޭގެ ކިޔަވާ ކުދިންނަކީ، ވިސްނުންތޫނު، ޤާބިލު ކުޅަދާނަ ކުދިންތަކެއްކަން. ‏‏ޚާއްޞަކޮށް އެކައުންޓިންގ މާއްދާއިން ދުނިޔޭގެ އެންމެމޮޅު ކުދިންގެ ތެރޭގައި، ރާއްޖޭގެ ‏‏ދަރިވަރުން ހިމެނުމުން އަޅުގަނޑަށް ކަށަވަރުވަނީ ޓީޗަރުންގެވެސް ހުނަރާއި ޤާބިލުކަން އަދި ‏‏ބެލެނިވެރިންގެ ބުރަ މަސައްކަތް.‏
‏ ‏
‏އެހެންކަމުން، ޓީޗަރުންނާއި ބެލެނިވެރިން އަދި ދަރިވަރުންނަށް އަޅުގަނޑު ‏‏އިލްތިމާސް ކޮށްލަން ބޭނުންވަނީ، އެކައުންޓިންގގެ އިތުރުން އިކޮނޮމިކްސް، މެތަމެޓިކްސް، އަދި ‏‏މިނޫންވެސް އިތުރު މާއްދާތަކުން ދުނިޔޭގެ އެންމެ މޮޅު ނަތީޖާ ހޯދުމަށް ހިތްވަރާއެކު މަސައްކަތް ‏‏ކުރައްވާށޭ. ‏

‏އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، މިރޭ ރަންވަނަތައް ޙާޞިލުކުރި ‏‏ހުރިހާ ދަރިވަރުންނަށް، ޚާއްޞަކޮށް، މުޅި ދުނިޔެއިން އެކައުންޓްސްއިން 1 ވަނަ ހޯދި 7 ‏‏ދަރިވަރުންނަށާއި، ރާއްޖެއިން 1 ވަނަ ހޯދި 11 ދަރިވަރުންނަށާއި، އެދަރިވަރުން ތަޢުލީމު ‏‏ޙާޞިލުކުރި ސްކޫލުތަކުގެ ވެރިންނަށާއި، އެންމެހައި ހިންގުންތެރިންނަށާއި، ޓީޗަރުންނަށާއި، ‏‏އެކުދިންގެ މައިންބަފައިންނަށާއި ބެލެނިވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ތަހުނިޔާ ‏‏ދަންނަވަން. އަދި މަތީ ސާނަވީ އިމްތިޙާނުގައި ރާއްޖެއަށް ރީތިނަން ހޯއްދަވައިދެއްވުމަށް ‏‏ސްކޫލްތަކުން ކުރައްވާފައިވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރާއިރު، އެންމެ ފާހަގަކުރަނީ، ‏CHSE‏ އިން މަތީ ސާނަވީގައި ޙާޞިލު ކުރައްވާފައިވާ ފަޚުރުވެރި ވަނަ. ‏CHSE‏ ވަނީ ‏‏އެންމެ މަތީ 10 ވަނަ ހޯދި 126 ދަރިވަރުންގެ ތެރޭގައި އެ ސެންޓަރުގެ 78 ދަރިވަރުން ‏‏ހިމެނޭގޮތަށް މި ވަނަ ހޯއްދަވާފައި. 1 ވަނަ ހޯދި 11 ދަރިވަރުންގެ ތެރެއިން 8 ‏‏ދަރިވަރުންނަކީ، އެ ސެންޓަރުގެ ދަރިވަރުން. އަދި މުޅި ދުނިޔެއިން އެކައުންޓްސްއިން 1 ވަނަ ‏‏ހޯދި 7 ދަރިވަރުންގެ ތެރޭގައި، އެ ސެންޓަރުގެ 5 ދަރިވަރުން ހިމެނޭ. ‏

‏މި ފުރުޞަތުގައި، ރާއްޖޭގެ ތަޢުލީމީ ފެންވަރު މަތިކުރައްވައި، ރާއްޖޭގެ ‏‏ތަޢުލީމީ ނިޒާމަކީ، ހަރުދަނާ ނިޒާމަކަށް ހައްދަވައި، ހަމަހަމަ އުސޫލަކުން ތަޢުލީމާއި ހުނަރު އަދި ‏‏ތަމްރީނު ހޯއްދަވައި ދެއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރައްވަމުން ގެންދަވާ ‏‏މަސައްކަތްތައް ފާހަގަކޮށް، މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޝިހާމަށާއި، އެމިނިސްޓްރީގެ ‏‏އެންމެހައި ވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑު އިޚްލާސްތެރިކަމާއެކީ ޝުކުރު ދަންނަވަން.‏

‏ރާއްޖޭގެ ތަޢުލީމީ ދާއިރާ ތަރައްޤީކޮށް، ވީހާވެސް ގިނަ ދަރިވަރުންނަށް ތަޢުލީމީ ‏‏ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ސަރުކާރުން ފަށާފައިމިވާ މަސައްކަތްތަކުގައި މާތްﷲ ‏‏ބަރަކާތް ލައްވާށި!‏

‏ސަރުކާރުގެ ތަޢުލީމީ ސިޔާސަތުތައް ހިތްވަރާއެކު އަދި ކިޔަވާކުދިންނަށް އެންމެ ‏‏ފައިދާހުރި ގޮތުގައި ކުރިއަށް ގެންދިޔުމުގެ ހެޔޮ ތައުފީޤު ދެއްވާށި! ތަޢުލީމީ ޖީލެއް ބިނާކުރުމަށް ‏‏ކުރަމުން ގެންދާ މަސައްކަތްތަކަށް އެކަލާނގެ ކާމިޔާބީ މިންވަރު ކުރައްވާށި! ޢިލްމީ ނޫރުން ‏‏ދިވެހި މި ދީބު އަލިކުރައްވާށި! އާމީން!‏

‏ والســّلام عليــكم ورحـمــة اللّـه وبـركاتـه