ހުސްނުވާ އާސަންދައަކީ، ވަކި ޚާއްޞަ ގިންތިއަކަށް، ވަކި ޚާއްޞަ ޢުމުރުފުރައަކަށް އޮތް ހަދިޔާއެއް ނޫން ކަމަށާއި، މިއީ ހުރިހާ ދިވެހި ރައްޔިތުންނަށް އޮތް ހަދިޔާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައިސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު ކަމަށްވާ އެންމެންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދެއްވުމުގެ ވަޢުދުގެ ދަށުން [ހުސްނުވާ އާސަންދަ]އިގެ ޚިދްމަތް އިފްތިތާޙް ކޮށްދެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ހަދިޔާގައި އެމީހެއްގެ ހިތުގެ ތެރޭގައި ހިނގާ ލޭގެ ކުލައަކަށް ސަރުކާރުން ބެއްލެވުމެއް ނޯންނާނެއެވެ. ކޮންމެ ފިކުރެއްގައި ހުއްޓަސް، ކިޑްނީ ބަދަލުކުރަންޖެހޭ މީހާގެ ކިޑްނީ ބަދަލުކޮށްދޭނެއެވެ.

ދިވެހިރާއްޖެއަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ދައުލަތުގެ ފަރާތުން ޞިއްޙީ ނިޒާމަށް އެންމެބޮޑު ހޭދައެއްކުރާ ޤައުމުކަން ފާހަގަކުރެއްވިއެވެ. އަދި މިރޭ މި ތަޢާރުފް ކުރެވުނު ހުސްނުވާ އާސަންދައިގެ ލަނޑުދަނޑިއަކީ ރާއްޖޭގައި ދެވޭ ބޭސްފަރުވާގެ ނިޒާމަކީ، އެއްވަނަ ދުނިޔޭގެ ޤައުމުތަކުގައި ދެވޭ ފެންވަރުގެ ބޭސްފަރުވާގެ ނިޒާމަކަށް ހެއްދެވުން ކަމަށާއި، ނޫނީ އެންމެ ކުޑަމިނުން އެއަށްވުރެ ދެރަނޫން ފެންވަރެއްގައި ދެވޭ ބޭސްފަރުވާގެ ނިޒާމަކަށް ހެއްދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހުސްނުވާ އާސަންދައިގެ ސަބަބުން ބޭސްފަރުވާގެ ނިޒާމަށް އަންނާނެ ބައެއް ބަދަލުތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އިމަރޖެންސީ ޙާލަތްތަކުގައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް، ރާއްޖޭގެ އަތޮޅުތަކުން މާލެއަށް ބަދަލުކުރެވޭ ބަލިމީހުން ބަދަލުކުރެވޭނީ، ހުސްނުވާ އާސަންދައިގެ ޚަރަދުގައި ކަމަށާއި، މިކަމަށް ބަލިމީހާގެ ފަރާތުން ނޫނީ ބަލިމީހާގެ ޢާއިލާގެ ފަރާތުން ހޭދައެއްކުރަން ނުޖެހޭނެ ކަމުގައި ވިދާޅުވިއެވެ. ހަމައެޔާއެކު، ޚިދްމަތަށް އެދި އަންނަ ފަރާތްތަކަށް ފަސޭހަކޮށްދެއްވުމަށްޓަކައި މަރްކަޒީ އެއް އޮފީހުން ހުސްނުވާ އާސަންދައިގެ ޚިދްމަތް ލިބިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. ޢުމުރުން 30 އަހަރުން މަތީގެ މީހުންނަށް، ހުސްނުވާ އާސަންދައިގެ ދަށުން ކޮންމެ އަހަރަކު އެއްފަހަރު ހިލޭ މެޑިކަލް ޗެކްއަޕް ހަދައިދޭގޮތަށް ހަމަޖެހިފައިވާ ކަމަށާއި، އަދި ތުއްތު ކުދިންނަށާއި، ކިޔަވާ ކުދިންނަށާއި، ސްކޫލް ނިންމާ ޢުމުރަށްދާ ކުދިންނަށްވެސް ހުސްނުވާ އާސަންދައިގެ ނިޒާމުގެ ދަށުން ކޮންމެ އަހަރަކު އެއްފަހަރު ހިލޭ މެޑިކަލްޗެކްއަޕް ހަދައިދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެޔާއެކު، އަލަށް ބަލިވެއިންނަ މީހަކު ނުވަތަ ބަލިވެއިންނަ މަންމައެއްވެސް ބަލިވެއިނީއްސުރެ ވިހެއުމަށް ދާންދެން ދިމާވާ ހުރިހާ ބައްޔަކަށް ހުސްނުވާ އާސަންދައިގެ ތެރެއިން ހިލޭ ހުރިހާ ފަރުވާއެއް ކުރެވިގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްކެވި ވާހަކަފުޅުގައި، ހުސްނުވާ އާސަންދައިގެ ނިޒާމުގެ ތެރެއިން ޚާއްޞަ އެހީއަށް ބޭނުންވާ އެކި ޢުމުރުފުރައިގެ ކުދިންނާއި މީހުން މަޙްރޫމް ނުވާކަންވެސް ހާމަކުރެއްވިއެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް، ދާއިމީ މާލީއެހީތެރިކަމެއް ބޭނުންވާތީ، މިކަމަށް ޙައްލެއް ހޯއްދެވުމަށް މި ފެށޭ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް މި މައްސަލަ ހުށަހަޅުއްވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި އިރާދަކުރެއްވިއްޔާ، މިކަން ކާމިޔާބުވެއްޖެނަމަ، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދާއިމީ ޢިނާޔަތްތެރިކަމެއް ދެއްވޭތޯ މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ހުސްނުވާ އާސަންދައިގެ ނިޒާމަކީ، ޒުވާނުންގެވެސް ނިޒާމެއް ކަމަށާއި، ދޮށީ ރައްޔިތުންގެވެސް ނިޒާމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. އަދި ކުޅިވަރު ކުޅުމުގައި ޒުވާނުންނަށް ދިމާވާ ހުރިހާ އަނިޔާއަކަށް ހުސްނުވާ އާސަންދައިގެ ދަށުން ފުރިހަމަ ފަރުވާ ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކިޑްނީ ބަދަލުކުރުމާއި، ލިވަރ ބަދަލުކުރުމުގެ ޚަރަދުތައްވެސް ހުސްނުވާ އާސަންދައިގެ ތެރެއިން ހަމަޖެހިގެންދާނެކަންވެސް ހާމަކުރެއްވިއެވެ. [ﷲގެ ރަޙްމަތާއެކީ މި ލޯންޗްކުރެވޭ ހުސްނުވާ އާސަންދަ ޕްރޮގްރާމްގެ ދަށުން ބަދަލުކުރަން ބޭނުންވަނީ، ކިޑްނީ ކަމަށްވަންޏާ، މި ޕްރޮގްރާމްގެ ދަށުން ކިޑްނީ ގެންދަވާށޭ. ބަދަލުކުރަން ބޭނުންވަނީ ލިވަރ ކަމަށްވަންޏާ، މި ހުސްނުވާ އާސަންދައިގެ ދަށުން ލިވަރވެސް ގެންދަވާށޭ. އަޅުގަނޑުމެން އެކަމަށް ބޭނުންވާ ހުރިހާ ހޭދައެއް ކޮށްދޭނަމޭ.] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލެއްވީ، ހުސްނުވާ އާސަންދައިގެ އެހީތެރިކަމާއި މަދަދުވެރިކަން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، އަދި ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް އަދި ސިޔާސީ ހުރިހާ ފިކުރެއްގައި ތިއްބެވި ބޭފުޅުންނަށްވެސް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ ކަމަށް ވިދާޅުވަމުންނެވެ.