بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.


ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ނައިބު ރައީސްގެ ދެކަނބަލުން، ވަޒީރުން، އެމް.ޑީ.އޭ.ގެ ލީޑަރ އަޙްމަދު ސިޔާމް މުޙަންމަދު، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިން، މިނިސްޓަރ އޮފް ހެލްތް އެންޑް ޖެންޑަރ ޑޮކްޓަރ މަރްޔަމް ޝަކީލާ، އެންސްޕާގެ ސްޓޭޓް މިނިސްޓަރ ޠާރިޤު ޢަލީ ލުޠުފީ، އާސަންދައިގެ ޗެއަރޕަރސަން އަޅުގަނޑުގެ އުޚުތު އަސްމާ ރަޝީދު، މިތަނަށް ވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! ދިވެހިރާއްޖެއަކީ މި ދެކުނު އޭޝިޔާ ސަރަޙައްދުގައި ދައުލަތުގެ ފަރާތުން ޞިއްޙީ ނިޒާމަށް އެންމެބޮޑު ހޭދައެއްކުރާ ދައުލަތް. އެހެންވީމާ، މިހާތަނަށް އައި ދިވެހި ދައުލަތުގެ ހުރިހާ ވެރިންވެސް މަސައްކަތް ކުރައްވާފައި މިވަނީ، މި ނިޒާމް ދެމެހެއްޓެނިވި ގޮތެއްގައި، ސަރުކާރުގެ ބަޖެޓަށް ބުރަނުވާ ގޮތެއްގައި، އެހެން ނަމަވެސް އެޔާއެކީ، ރައްޔިތުންނަށް ބޭނުންވާ ހުރިހާ ޞިއްޙީ ފަރުވާއެއް ހޯދައިދެވޭނީ ކިހިނެއްތޯ ބައްލަވައި، މިކަމަށް ފިކުރުކުރައްވައި، މިކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން. ޝައްކެއްވެސްނެތްގޮތުގައި މިއީކީ ފަސޭހަ މައްސަލައެއް ނޫން. އަޅުގަނޑުމެން ބަލައިލި ބަލައިލުމުން އެނގުނީ، މިހާތަނަށް އެންމެފަހުން ދިވެހިރާއްޖޭގައި މިއޮތް އާސަންދައަކީ، އާސަންދައިގެ ނިޒާމުގެ ދަށުން ޚަރަދުގެ ބޮޑުބައެއް ހޭދަވެފައި މިވަނީ، އާދައިގެ ކުދިކުދި ބަލިތަކަށް. އެއްގޮތަކަށްވެސް ބޮޑެތި ބަލިތަކަކަށް ނޫން. ޑޮކްޓަރުގެ ފީއާއި، ބޭހުގެ އަގަށް ބަލާކަމަށްވަންޏާ، އެންމެ ނިކަމެތިން ހޭދަކުރަންޖެހޭ ޢަދަދަކީ އޭގެ 60 އިންސައްތަ. ޝައްކެއްވެސްނެތްގޮތުގައި، އެންމެ ނިކަމެތިން މިހާބޮޑު ޢަދަދެއް ހޭދަކުރަންޖެހޭތީ، އަޅުގަނޑުގެ ސަރުކާރުގައި، އަޅުގަނޑު އެންމެ އިސްކަމެއްދިނީ، މިކަންކަމަށް ޙައްލެއް ހޯދައިދެވޭނީ ކިހިނެއްތޯ ބެލުމަށް. ޝައްކެއްވެސްނެތް، ތިޔަ ހުރިހާ ބޭފުޅުން ޤަބޫލުފުޅުކުރައްވާނެ، މިއީ ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމެއް ކަމަށް.

ފިކުރުތަކެއްކޮށް އަދި ގިނަ ބޭފުޅުންގެ ދިރާސާތަކަކާއި މަސައްކަތްތަކަކަށްފަހު، މީގައި އިސްކޮށް އުޅުއްވީ އެންސްޕާގެ ސްޓޭޓް މިނިސްޓަރ ޠާރިޤު ޢަލީ ލުޠުފީ އަދި އޭނައާއެކީ މަސައްކަތް ކުރެއްވި ޓީމް. އަދި ހަމައެހެންމެ، ވަރަށް ކައިރިން މި މަޝްރޫޢު ބައްލަވައި މިއަދު އަޅުގަނޑުމެން މި އިޢުލާނުކުރާ މަޝްރޫޢު ވުޖޫދަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅަކީ، ހެލްތް އެންޑް ޖެންޑަރ މިނިސްޓަރ ޑޮކްޓަރ މަރްޔަމް ޝަކީލާ. އެހެންކަމުން، އެކަމަނާއަށާއި، ޠާރިޤު ޢަލީ ލުޠުފީއަށާއި، އެބޭފުޅުންނާއެކީ މަސައްކަތް ކުރެއްވި ޓީމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

މިރޭ މި ތަޢާރުފްކުރެވޭ [ހުސްނުވާ އާސަންދަ]އިގެ ތަޞައްވުރު، ލަނޑުދަނޑި އަޅުގަނޑު ދަންނަވާލާނަން. މި ސަރުކާރުން ބޭނުންވަނީ، ދިވެހިރާއްޖޭގައި ބޭސްފަރުވާގެ ނިޒާމް މިއީ އެއްވަނަ ދުނިޔޭގެ ޤައުމުތަކުގައި ދެވޭ ފެންވަރުގެ ބޭސްފަރުވާގެ ނިޒާމަކަށް ހެދުން. ނޫނިއްޔާ އެންމެކުޑަމިނުން އެއަށްވުރެން ދެރަ ނޫން ފެންވަރެއްގައި ދެވޭ ބޭސްފަރުވާގެ ނިޒާމަކަށް ހެދުން. އަދި ހަމައެޔާއެކީ، މި ބޭސްފަރުވާގެ ނިޒާމަކީ، ވަކި ގިންތިއަކަށް، ވަކި ޢުމުރުފުރައަކަށް، ރާއްޖޭގެ ވަކިތަނެއްގައި ހުންނަ މީހަކަށް ލިބޭ ޚިދްމަތަކަށް ނުވުން. މިއީ ވަކި ޢުމުރުފުރައެއްނެތި، ވަކި ގިންތިއެއްނެތި، ވަކި ރަށެއްގައި އުޅޭ ދިވެއްސަކަށް ލިބޭ ޚިދްމަތެއް ނޫން. މިއީ ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށް، ކޮންމެތާކު ހުއްޓަސް ލިބޭ ޚިދްމަތަކަށް ހެދުން. އަދި ހަމައެހެންމެ، މި ޚިދްމަތަކީ ދައުލަތުގެ ބަޖެޓުން ފައިސާ ހޭދަކުރެވިގެން، ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ނިޒާމަކަށް ވެގެންދިޔުން.

މި ޚިދްމަތުގައި އަޅުގަނޑު ދަންނަވާލާނަން. ޢާންމުކޮށް ޞިއްޙީ ފަރުވާދޭ ޚިދްމަތެއް، ވެލްފެއަރ ނިޒާމެއްގައި ޢާންމުކޮށް ވިސްނެން އުޅޭނީ މިއީ ވަކި ގިންތިއަކަށް ދެވޭ ޚިދްމަތެއްގެ ގޮތުގައި. އަޅުގަނޑު ޒުވާނުންނަށް ދަންނަވާލަން ބޭނުންވަނީ މިއީ ޒުވާނުންގެވެސް ނިޒާމެކޭ. ދޮށީ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، މިއީ ދޮށީ ރައްޔިތުންގެވެސް ނިޒާމޭ. ޒުވާނުންނަށް އެންމެ ބޮޑަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭނީ، ކުޅިވަރު ކުޅޭއިރު ލިބޭ އެކިއެކި އަނިޔާތައް. މި އާސަންދަ، ނޫނިއްޔާ މިރޭ މި ތަޢާރުފްވާ ހުސްނުވާ އާސަންދައިގެ ޚިދްމަތުގެ ތެރޭގައި، ޒުވާނުންނަށް ކުޅިވަރު ކުޅުމުގައި ދިމާވާ ހުރިހާ އިންޖަރީއަކަށް، ހުރިހާ އަނިޔާއަކަށް އާސަންދައިގެ ފަރާތުން ފުރިހަމަ ފަރުވާ ލިބިގެންދާނެ. އަދި ހަމައެޔާއެކީ، ޕްރޮފެޝަނަލް ފެންވަރުގައި ކުޅޭ ޒުވާނުންނަށް، ކްލަބްތަކުގައި ކުޅޭ ކުދިންނަށް، ޤައުމީ ޓީމުގައި ކުޅޭ ކުދިންނަށް ދިމާވާ ކުޅިވަރުގެ އެކިއެކި އިންޖަރީތަކުގައި ބޭނުންވާ ފަރުވާ، ރީހެބިލިޓޭޓް ކުރަން ބޭނުންވާ ފަރުވާ އަދި ހަމައެޔާއެކީ ސަރޖިކަލް ޕްރޮސީޖަރެއް ބޭނުންކޮށްގެން ބަދަލުކުރަންޖެހޭ ހުރިހާ އިންޖަރީތަކަށް ފަރުވާދިނުމަކީ މި ޕްރޮގްރާމްގެ އެއް މަޤްޞަދު. އާދެ! އޭގެތެރޭގައި އެންމެ ބޮޑެތި ސަރޖަރީ ހިމެނޭގޮތަށް.

މިކަހަލަ ޕްރޮގްރާމެއް ރައްޔިތުންނަށް ޚާއްޞަވެގެންދާއިރު، އަދި ރާއްޖޭގެ އެކިހިސާބަށް، އެކި ގިންތިތަކަށް ޢާންމުވެގެންދާއިރު، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. މި ޚިދްމަތުގެ ބޭނުން އިސްރާފް ނުކުރައްވައި، ހެޔޮގޮތުގައި ހިއްޕަވާށޭ. އަދި ހަމައެހެންމެ، އާސަންދައިގެ ޚިދްމަތް ލިބިގަންނަ ފަރާތްތަކަށް ބޭސްވިއްކާ ފަރާތްތަކާއި، މެޑިކަލް ޚިދްމަތްދޭ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޚާއްޞަ ގޮތެއްގައި ބޭސްތައް ވިއްކާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ޚިދްމަތުގެ ނާޖާއިޒު ފައިދާ ނުނަންގަވާށޭ. މިއީ މުޅި ރައްޔިތުންނަށް، ރައްޔިތުންގެ ފައިސާއިން ހޭދަކޮށްދޭ ނިޒާމެކޭ. ހުރިހާ ފަރާތަކުންވެސް ޒިންމާދާރުކަމާއެކީ މި ނިޒާމުގެ ބޭނުން ހިއްޕަވާށޭ. ސަރުކާރުން ދިވެހި ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައި މިއޮތް ކަމުގައި ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދެއްވާށޭ. މީގެކުރީގައި އަޅުގަނޑުމެންނަށް ދިމާވެފައި ހުރި މައްސަލަތަކުގެ ތެރޭގައި، ކަންކަމުގައި ނާޖާއިޒު ފައިދާ ނެގުނީމަ، އޭގެ ނަތީޖާ، އޭގެ ނުރަނގަޅު އަސަރު މުޅި ނިޒާމަށް ފޯރައިގެންދިޔަކަން ހިތްޕުޅަށް ގެންނަވާ.

މިރޭ މި ލޯންޗްކުރެވޭ ހުސްނުވާ އާސަންދަ ލޯންޗް ކުރެވުނީމަ، ބޭސްފަރުވާގެ ނިޒާމަށް އަންނާނެ ބައެއް ބަދަލު އަޅުގަނޑު ދަންނަވާލާނަން. އިމަރޖެންސީ ޙާލަތްތަކުގައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް، ރާއްޖޭގެ އަތޮޅުތަކުން މާލެއަށް ބަދަލުކުރެވޭ ބަލިމީހުން ބަދަލުކުރެވޭނީ ހުސްނުވާ އާސަންދައިގެ ޚަރަދުގައި. އެއްވެސް ގޮތެއްގައި މިއީކީ ޢަދަދެއް ކަނޑައެޅިފައި އޮތް ކަމެއް ނޫން. އަދި އެއްވެސް ޙާލެއްގައި މިއީ ބަލިމީހާގެ ފަރާތުން ނޫނީ ބަލިމީހާގެ ޢާއިލާގެ ފަރާތުން ހޭދައެއް ކުރަންޖެހޭ ކަމަކަށް ނުވާނެ. މިހާތަނަށް ރާއްޖޭގައި މިއޮތް އާސަންދައިގެ ދަށުން މިކަމަށް އޮންނަނީ ވަކިވަރެއްގެ ބަޖެޓެއް. އެކަމަކު މާދަމާއިން ފެށިގެން ރާއްޖޭގެ ކޮންމެ ދިމާއަކުން އެހެން ދިމާއަކަށް ބޭސްފަރުވާއަށް މީހަކު ބަދަލުކުރަން ޖެހިއްޖެ ކަމަށްވަންޏާ، ބަލިމީހަކު ބަދަލުކުރަން ޖެހިއްޖެ ކަމަށްވަންޏާ، މިކަން ދާނީ ހުސްނުވާ އާސަންދައިގެ ޚިދްމަތުގެ ތެރެއިން ހިލޭ.

ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދާ ފަރާތްތަކަށް މިހާރު މިއޮންނަ ނިޒާމުގެ ދަށުން ޓިކެޓް ޚަރަދަށް މިދެވެނީ ފަނަރަހާސް ރުފިޔާ. މިރޭ މި ލޯންޗް ކުރެވޭ ހުސްނުވާ އާސަންދައިގެ ނިޒާމުގެ ދަށުން ސްޓްރެޗަރތަކުގައި އުފުލަންޖެހޭ ޕޭޝަންޓުން، ބަލިމީހުން، ޝައްކެއްވެސްނެތްގޮތުގައި، އެމީހުންގެ ޓިކެޓް، ހުސްނުވާ އާސަންދައިން ޚަރަދުކުރާނެ، ހޭދަކުރާނެ. އެޔާއެކީ މެޑިކަލް އެސްކޯޓެއް އަދި އެހީތެރިއެއްގެ ޓިކެޓް ޚަރަދު ހިނގާނީ ހުސްނުވާ އާސަންދައިގެ ތެރެއިން. ޢާއިލާގެ ފަރާތުން މިކަމަކާ ވިސްނާކަށް ޖެހިވަޑައެއްނުގަންނަވާނެ.

މި ޚިދްމަތްދޭއިރު ޚިދްމަތަށް އެދި އަންނަ ފަރާތްތަކަށް އެންމެބޮޑު ތަކުލީފެއް އުފުލަންޖެހެނީ ސަރުކާރުގެ އެއްދޮރުން އަނެއްދޮރުން ހިނގަންޖެހޭ މައްސަލަ. މިރޭ މި ލޯންޗް ކުރެވޭ ހުސްނުވާ އާސަންދަ މަޝްރޫޢު ލޯންޗް ކުރެވިގެން ދިޔައީމަ، އިރާދަކުރެއްވިއްޔާ، މަރްކަޒީ އެއްއޮފީހުން މި ޚިދްމަތް ލިބިގެންދާނެ. އާދެ! ހުސްނުވާ އާސަންދައިގެ ތެރެއިން މި ޚިދްމަތް ލިބިގެންދާނީ. ދެވަނަ ފަރާތަކަށް ދިވެހި ރައްޔިތުން ފައިސާ ހޯއްދަވާކަށް، ޚިދްމަތަށް އެދި، ވަޑައިގަންނަވާކަށް ނުޖެހޭނެ.

ޒުވާން ކުދިންނަށް އަދި ދޮށީ ޢުމުރުގެ ބޭފުޅުންނަށް އަޅުގަނޑު ހަމަ ދަންނަވާލަން އޮތް އެހެން ވާހަކައެއްވެސް އެބައޮތް. އާދެ! ޢުމުރުން 30 އަހަރުން މައްޗަށް ދިޔައީމަ، ކޮންމެ އަހަރަކު ހުސްނުވާ އާސަންދައިގެ ފަރާތުން ހިލޭ ކޮންމެ ދިވެހި ރައްޔިތަކަށް މެޑިކަލް ޗެކަޕް ފޯރުކޮށްދޭނެ. އަދި ހަމައެޔާއެކީ، އަޅުގަނޑުމެން އެންމެ ލޯބިވާ ކިޔަވާ ކުދިން، ތުއްތު ކުދިން ފެށިގެން ބާލިޣުވެ، ސްކޫލް ނިންމާ ޢުމުރަށްދާ ކުދިންނަށްވެސް މި ހުސްނުވާ އާސަންދައިގެ ނިޒާމުގެ ދަށުން ކޮންމެ އަހަރަކު އެއްފަހަރު ހިލޭ މެޑިކަލް ޗެކްއަޕް ހަދައިދެވޭނެ.

ދެން އޮތީ އަޅުގަނޑުމެންގެ ޕާޓީގެ މެނިފެސްޓޯގައި ހިމެނޭ އެންމެ ޚާއްޞަ ގިންތި. އަދި އަޅުގަނޑުގެ ސަރުކާރުގައި އެންމެ އިސްކަމެއްދޭ ގިންތި. އަންހެން ކަނބަލުން. އަންހެން ކަނބަލުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިހާރު މިއޮންނަ އާސަންދަ ނިޒާމުގެ ދަށުން އަލަށް ބަލިވެއިންނަ މަންމަޔަކު އަދި އޭގެފަހުން ބަލިވެއިންނަ މަންމައެއްވެސް ބަލިވެއިނުމުގެ ބޭހަށް މިހާރު މިކުރަނީ ގާތްގަނޑަކަށް ދިހަވަރަކަށްހާސް ރުފިޔާގެ ހޭދަ. ދެމަސްދުވަހުގެ ނޫނިއްޔާ ތިންމަސް ދުވަހުގެ ހޭދަ. އެއީ ބަލިވެއިނީއްސުރެ ކުރާ ހޭދައަކީ ގާތްގަނޑަކަށް ދެމަސް ނޫނީ ތިންމަހުގެ ހޭދަ. ﷲގެ ރަޙްމަތާއެކީ މާދަމާއިން ފެށިގެން މި ލޯންޗް ކުރެވޭ ހުސްނުވާ އާސަންދަ، މިކަން ބަދަލުކޮށްލަދޭނެ. އަންހެން ކަނބަލުން ބަލިވެއިނީއްސުރެ ވިހެއުމަށް ދާންދެން ދިމާވާ ހުރިހާ ބައްޔެއްގެ، ހުރިހާ ފަރުވާއެއްގެ ހިލޭ ބޭސް، ހުސްނުވާ އާސަންދައިގެ ތެރެއިން ފޯރުކޮށްދޭނަން.

އަޅުގަނޑުމެންގެ މުޖްތަމަޢުގައި އެންމެ ލޯތްބާއި، އެންމެ އިޙްތިރާމާއި، އެންމެ އަޅާލުން ބޭނުންވާ ބަޔަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން. އެކި ޢުމުރުފުރައިގެ މީހުން. ޚާއްޞަ އެހީއަށް ބޭނުންވާ އެކި ޢުމުރުފުރައިގެ ކުދިންނަށް، މީހުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ، ހުސްނުވާ އާސަންދައިގެ ނިޒާމުގެ ތެރެއިން އެކުދިންނެއް، އެމީހުންނެއް މަޙްރޫމެއްނުވެޔޭ. އެހެން ނަމަވެސް، ބޭސްފަރުވާގެ ނިޒާމުގައި ޢާންމު އުޞޫލެއްގެ ގޮތުގައި ހިމެނޭ ބައެއް ނޫން. އަޅުގަނޑުމެން ޚާއްޞަ ފަރުވާތެރިކަމާއެކީ، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި، އެކިޢުމުރުފުރައިގެ މީހުން މި ހުސްނުވާ އާސަންދައިގައި އަޅުގަނޑުމެން ހިމެނީމު. ހުސްނުވާ އާސަންދައިގެ ނިޒާމުގެ ދަށުން ޚާއްޞަ އެހީއަށް ބޭނުންވާ ހުރިހާ ޢުމުރުފުރައެއްގެ ކުދިން، މީހުން، ދޮށީ މީހުންނަށް ބައްޔަށް ބޭނުންވާ، ފަރުވާއަށް ބޭނުންވާ، ބޭހަށް ބޭނުންވާ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ހިލޭ ހަމަޖެހިގެންދާނެ.

އަދި ހަމައެހެންމެ، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ދާއިމީ، މާލީ، މާއްދީ އެހީތެރިކަމެއް ބޭނުންވާތީ، މިއީ ހުސްނުވާ އާސަންދަ ކަހަލަ ވެލްފެއަރ ނިޒާމެއްގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަކަށްނުވާތީ، އަޅުގަނޑުގެ ސަރުކާރުން ޚިޔާލުކުރަނީ، އިރާދަކުރެއްވިއްޔާ، މި ފެށޭ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް މި މައްސަލަ ހުށަހަޅައިގެން، މަޖިލީހުން މިކަމަށް ގޮތެއް ނިންމަވައިދެއްވާތޯ. އިރާދަކުރެއްވިއްޔާ، މިކަން ކާމިޔާބުވެއްޖެ ކަމަށްވަންޏާ، ދާއިމީ ގޮތެއްގައި މިދެންނެވި ގޮތަށް، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކޮންމެވެސްކަހަލަ ދާއިމީ ޢިނާޔަތްތެރިކަމެއް ލިބޭތޯ މަސައްކަތް ކޮށްދޭނަން.

ރާއްޖެއިން ފަރުވާ ލިބެން ނެތިގެން ރާއްޖެއިން ބޭރަށްދާންޖެހޭ މީހުންގެ ޢަދަދު މަދެއް ނޫން. ރާއްޖެއިން ބޭރަށްދާ މީހުންގެ ޢަދަދު، އެއްދުވަހުން އަނެއް ދުވަހަށް މިއަންނަނީ އިތުރުވަމުން. ރާއްޖެއިން ބޭރަށް ބޭހަށްދާން ބޭނުންވާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މީގެކުރިން ސަރުކާރުން އާސަންދައިން ހަމަޖައްސައިދެނީ އެކެއްގެ ޓިކެޓް. މިއަދު މި ތަޢާރުފްކުރެވޭ ހުސްނުވާ އާސަންދައިގެ ޚިދްމަތުގެ ތެރެއިން އަޅުގަނޑުމެން މި ތަޢާރުފްކުރީ، ކުރިން މިދެންނެވި ސްޓްރެޗަރ ކޭސްތަކުގައި އުފުލާ ޕޭޝަންޓުންގެ އިތުރަށް ދަންނަވާ ވާހަކައެއް މިއީ. 18 އަހަރު ނުފުރޭ ކުދިންނާއެކީ ދަތުރުކުރާ އެހީތެރިޔަކަށް ސަރުކާރުގެ ޚަރަދުގައި، ހުސްނުވާ އާސަންދައިގެ ޚަރަދުގައި ޓިކެޓްގެ އެހީ ހިލޭ ހަމަޖައްސައިދެވޭނެ. އަދި ހަމައެހެންމެ، 65 އަހަރުން މަތީ ޢުމުރުގެ މީހުންނަށް، އެމީހުންނާއެކީ ދަތުރުކުރާ އެހީތެރިއެއްގެ ޓިކެޓް، ހުސްނުވާ އާސަންދައިގެ ނިޒާމުގެ ދަށުން ހިލޭ ހަމަޖައްސައިދެވޭނެ.

ރާއްޖެއިން ބޭރުގައި ދިވެހި ރައްޔިތުން ދިރިއުޅެމުންދާއިރު ދިމާވާ ބޮޑެތި އިމަރޖެންސީ މައްސަލަތަކުގަޔާއި، ދިމާވާ އެކްސިޑެންޓްތަކުގައި، މިހާރު މިއޮންނަ އާސަންދައިގެ ދަށުންނެއް ކަވަރޭޖެއް ނުލިބޭ. އެހީތެރިކަމެއް ނުލިބޭ. އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ، މިރޭ މި ތަޢާރުފް ކުރެވޭ ހުސްނުވާ އާސަންދައިގެ ނިޒާމުގެ ދަށުން މިގޮތަށް ދިމާވާ ހުރިހާ އެކްސިޑެންޓްތަކާއި، އިމަރޖެންސީތަކުގައި ބޭސްފަރުވާގެ އެހީ އާސަންދައިގެ ފަރާތުން ހަމަޖެހިގެންދާނެ.

އިންތިޚާބުގެ ތެރޭގައި އަޅުގަނޑުމެން ވާހަކަ ދައްކަމުން، އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެންގެ ވިސްނުމެއް އެބައޮތޭ. ބޮޑެތި ބަލިތައް ޖެހިފައި ތިބޭ، ނޫނިއްޔާ ބޮޑެތި ބަލިތަކުގައި ފަރުވާކުރެވެމުންދާ ފަރާތްތަކަށް އަޅުގަނޑުމެންގެ ޢިނާޔަތްތެރިކަން އިރާދަކުރެއްވިއްޔާ އޮންނާނެޔޭ. އަޅުގަނޑު އޭރު ދެންނެވިން، ގުނަވަންތައް ބަދަލުކުރަންޖެހޭ ހިސާބަށް ދިޔައީމަ، ގުނަވަންތައް ބަދަލުކޮށްދިނުމަކީ ދައުލަތުގެ ހިލޭ އެހީގައި އިރާދަކުރެއްވިއްޔާ ކޮށްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނެ ކަމެކޭ. އަދި ހަމައެހެންމެ އަޅުގަނޑު ދެންނެވިން، މިކަހަލަ ޚިދްމަތްތައްދޭއިރު، އެއްވެސްކަހަލަ ވިސްނުމަކަށް، މިކަންކަމުން ޝިފާއަށް އެދި މަސައްކަތްކުރާ ފަރާތްތަކަށް އެއްވެސް ވިސްނުމެއް ވިސްނަން ނުޖެހޭވަރަށް މިކަން ކޮށްދެވޭތޯ ބަލާނަމޭ.

އާދެ! އަދު އާސަންދައިގެ ޙާލަތު އޮތްގޮތަކީ، ކޮންމެ ބައްޔަކަށް، ނޫނިއްޔާ ކޮންމެ މީހަކަށް މިއޮންނަނީ އެއްލައްކަ ރުފިޔާގެ ލިމިޓެއް. އެމީހާ ކިތަންމެ ބޮޑު ބައްޔެއްގައި އުޅުނަސް، ކިތަންމެ ބޮޑު ޚަރަދެއް، ކިތަންމެ ބޮޑު ހޭދައެއް ކުރަންޖެހުނު ކަމުގައިވީނަމަވެސް، އެއްލައްކަ ރުފިޔާ ހަމަވީމާ، އެކަން އެހިސާބުން އެނިމުނީ. އަދި އެއްލައްކަ ރުފިޔާގެ ލިމިޓްގެ ތެރޭގައި، ބަލިބައްޔަށް ބޭނުންވާ ކަންކަމަށް ސަބް ލިމިޓްތަކެއް، ނޫނިއްޔާ އެކި ގިންތިތަކަށް، އެކިފެންވަރުގެ ބޭހަށް އެކި ޢަދަދުގެ ފައިސާ ހަމަޖައްސާފައި މިހިރީ. އެހެންވީމާ، އަދި އެއްލައްކަ ރުފިޔާ މުޅިން ހޭދަވެ ނުނިމުނު ކަމުގައިވީނަމަވެސް، އެ ޢަދަދަކަށް އޮންނަ ފައިސާ ނިމުނީމަ، އެހިސާބުން ނިމުނީ. ކިޑްނީގެ ބަލީގައި އުޅޭ މީހަކަށް އެނގޭނެ، ޑައިލިސިސް ހެދުމަކީ ހަމައެކަނި ކިހާވަރެއްގެ އުނދަގުލެއް އިޙްސާސް ކުރަންޖެހޭ ކަމެއްތޯ. އަދި އެއަށްވުރެ ބޮޑަށް ކިހާވަރެއްގެ ޚަރަދެއް ހޭދަކުރަންޖެހޭ ކަމެއްކަން. އެތަކެއް ދުވަސް ވަންދެން ޑައިލިސިސް ހަދާފައި، އެތަކެއް ދުވަސް ވަންދެން މެޗިންގ ކިޑްނީއެއް، ނޫނިއްޔާ އޭނަގެ ހަށިގަނޑާ ގުޅޭ ގުނަވަނެއް ހޯދުމުގެ މަސައްކަތް ކުރަންޖެހޭ. ލިވަރ ޓްރާންސްޕްލާންޓް، ހަމަ މިކަހަލަ ކަމެއް. ހަމައެކަނި ކިޑްނީ ބަދަލުކުރާ ކަމަށްވަންޏާ، މިދެންނެވި ޚަރަދުތައް ކުރުމުގެ އިތުރަށް، ކިޑްނީ ބަދަލުކުރުމުގެ ޚަރަދަކީ ހަމައެކަނި ޚަރަދަކީވެސް ފަނަރަހާސް އެމެރިކާ ޑޮލަރު. ލިވަރ ބަދަލުކުރުމުގެ ޚަރަދަކީ ފަންސާސްހާސް އެމެރިކާ ޑޮލަރު. އަޅުގަނޑު އޭރު ދެންނެވިން، އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ، މިކަންކަމަށް އިޖާބަދޭނަމޭ.

ﷲގެ ރަޙްމަތުން މިއަދު މިއީ އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަސް ފާހަގަކުރާ ދުވަސް. އެހެންވީމާ، އަޅުގަނޑު ބޭނުންވީ މިރޭ އަޅުގަނޑުމެން މި އަރުވާ ހަދިޔާއަކީ، ދޮށީ ބޭފުޅުންނަށް އަރުވާ ހަދިޔާއެއް ނޫން. މިއީ ދޮށީ ބޭފުޅުންނަށް އަރުވާ ހަދިޔާއެއް. މިއަރުވާ ހަދިޔާއަކީ ޒުވާނުންނަށް އަރުވާ ހަދިޔާއެއް ނޫން. މިއީ ޒުވާނުންނަށް އަރުވާ ހަދިޔާއެއް. މިއީ އަންހެން ކަނބަލުންނަށް އަރުވާ ހަދިޔާއެއް ނޫން. މިއީ އަންހެން ކަނބަލުންނަށް އަރުވާ ހަދިޔާއެއް. ހުރިހާ ޢުމުރުފުރައެއްގެ ބޭފުޅުންނަށް، ހުރިހާ ގިންތިތަކެއްގެ ބޭފުޅުންނަށް އަރުވާ ހަދިޔާއެއް. މި ހުސްނުވާ އާސަންދައަކީ ވަކި ޚާއްޞަ ގިންތިއަކަށް، ވަކި ޚާއްޞަ ޢުމުރުފުރައަކަށް އޮތް ހަދިޔާއެއް ނޫން. މިއީ ހުރިހާ ދިވެހި ރައްޔިތުންނަށް އޮތް ހަދިޔާއެއް. އަދި މި ހަދިޔާގައި އެމީހާގެ ހިތުގެ ތެރޭގައި ހިނގާ ލޭގެ ކުލައަކަށް އަޅުގަނޑުގެ ސަރުކާރުން ބެލުމެއް ނޯންނާނެ. ކޮންމެ ފިކުރެއްގައި ހުއްޓަސް، ކިޑްނީ ބަދަލުކުރަންޖެހޭ މީހާގެ ކިޑްނީ ބަދަލުކޮށްދޭނަން.

މިދެންނެވި ސަބް ލިމިޓްތައް އޮތީމަ، މިވާގޮތަކީ ކިޑްނީ ބަދަލުކުރުމަށް ކޮންމެވެސްވަރެއްގެ ހޭދައެއް ކުރުމަށްފަހު، އޭގެފަހުން ކުރަންޖެހޭ ބޭހުގެ ޚަރަދު، މި ސަބް ލިމިޓްގެ ތެރެއިން ކުރެވޭކަށް ނޯވޭ. އޭރު އަޅުގަނޑު ދެންނެވިން، ބަދަލުކުރަން ބޭނުމީ ކިޑްނީ ކަމަށްވަންޏާ، އެކަންވާނެޔޭ. މިރޭ އަޅުގަނޑު މިދަންނަވަނީ، ﷲގެ ރަޙްމަތާއެކީ، މި ލޯންޗް ކުރެވޭ ހުސްނުވާ އާސަންދަ ޕްރޮގްރާމްގެ ދަށުން ބަދަލުކުރަން ބޭނުންވަނީ ކިޑްނީ ކަމަށްވަންޏާ، މި ޕްރޮގްރާމްގެ ދަށުން ކިޑްނީ ގެންދަވާށޭ. ބަދަލުކުރަން ބޭނުންވަނީ ލިވަރ ކަމަށްވަންޏާ، މި ހުސްނުވާ އާސަންދަ ޕްރޮގްރާމްގެ ދަށުން ލިވަރވެސް ގެންދަވާށޭ. އަޅުގަނޑުމެން އެކަމަށް ބޭނުންވާ ހުރިހާ ހޭދައެއް ކޮށްދޭނަމޭ. އަދި ކީއްތޯ، އޭގެފަހުން ދާއިމީ ބޭހެއްގައި މިކަމުގައި އުޅެންޖެހޭ ކަމަށްވަންޏާ، އެ ބޭހުގެ ޚަރަދުވެސް ދެކޮޅުޖެހިގެންދާނީ މި ހުސްނުވާ އާސަންދައިގެ ތެރެއިން.

ﷲގެ ރަޙްމަތުން މި ސަތޭކަ ދުވަހުގެ ޕްރޮގްރާމް އަޅުގަނޑުމެން މި ލޯންޗް ކުރާއިރު، އަޅުގަނޑު އެންމެ އުފަލާއި ހިތްހަމަޖެހުން ލިބިގަންނަނީ، ދިވެހި ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ދަތިވެފައި މިއޮތީ، ބޭސްފަރުވާގެ ނިޒާމު ކަމުގައިވާތީ، ބަޖެޓްގެ ތެރެއިން އަދި ދެމެހެއްޓެނިވި ގޮތެއްގެ ތެރެއިން ދިވެހި ރައްޔިތުންނަށް ހުރިހާ ގިންތިއަކަށް، ހުރިހާ ޢުމުރުފުރައަކަށް، ދިވެހިރާއްޖޭގައި ހިމެނޭ ހުރިހާ ދިވެހި ރައްޔިތުންނަށާއި އަދި ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނަށް އަދި ސިޔާސީ ހުރިހާ ފިކުރެއްގައި ތިއްބެވި ބޭފުޅުންނަށްވެސް އަޅުގަނޑުމެންގެ ސަރުކާރުން މި ލޯންޗްކުރާ ހުސްނުވާ އާސަންދައިގެ އެހީތެރިކަމާއި މަދަދުވެރިކަން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ލިބިގެން، ތިޔަބޭފުޅުންގެ ޙަޔާތް ބާއްޖަވެރިވެގެން ދިޔުމަކީ، އަޅުގަނޑުމެންގެ ސަރުކާރުގެ އެދުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه