بســم اللّـه الرّحمـن الرّحيــم

އެންމެހާ ޙަމްދުޘަނާ ތަޢުރީފު ޙައްޤުވެގެންވަނީ ގަދަކީރިތިވަންތަ اللّـه سبحـانـه وتعـالىއަށް. މި އުންމަތަށް ކައުކުރެއްވި ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލުން، މިތުރު ޞަޙާބީން ޝާމިލުކުރަން.

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ނައިބު ރައީސްގެ ދެކަނބަލުން، ސްޕޯޓްސް މިނިސްޓަރ މުޙަންމަދު މަލީޙު ޖަމާލް، ޢިއްޒަތްތެރި ވަޒީރުން، ކުޅިވަރަށް ލޯބިކުރައްވާ އެންމެހައި ބޭފުޅުން، ފަންނާނުން، އަދި އަޅުގަނޑުމެންގެ ދަޢުވަތު ޤަބޫލު ކުރައްވައި މިތަނަށް ވަޑައިގެންނެވި، މިޖަލްސާއަށް ވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރޭ އަޅުގަނޑަށް ލިބޭ ޚާއްޞަ އުފަލެއް، ޒުވާނުންނަށްޓަކައި އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމެނިގެންމިވާ އެންމެ މުހިންމު ބައި ލޯންޗް ކުރުމުގެ މި ރަސްމިއްޔާތަށް ދަޢުވަތު ލިބުން މިއީ. އަޅުގަނޑު ދެކޭގޮތުގައި، ޒުވާނުންނަކީ ދިވެހިރާއްޖޭގެ ކުރިމަގު. ޒުވާނުންނަކީ އެބަޔަކަށްޓަކައި ދިވެހި މަންމައިންނާއި ބައްޕައިން، މުޅި މުޖުތަމަޢު އެބަޔަކަށްޓަކައި އުންމީދު ކުރަމުންދާ ގިންތި.

އާދެ! ޒުވާނުންނަށް ކަންކަން ހަމަޖެހިގެން ނޫނިއްޔާ، ދިވެހިރާއްޖޭގެ ކުރިމަގު އުޖާލާނުވާނެކަމަކީ ދެބަސްވެވޭނެ ވާހަކައެއް ނޫން. ޒުވާނުންނަކީ ހަމައެކަނި ކުޅިވަރުގައި ހުސްވަގުތުތައް ނަގާލާ ބައެއްވެސް ނޫން. އެޔާއެކީވެސް ދަންނަވާލަން ބޭނުންވަނީ، ޒުވާނުންނަށް ހުސްވަގުތުތަކުގައި ކުޅިވަރު ކުޅެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަކީ، ޒުވާނުންގެ ހަށިގަނޑުގެ ތަރުބިއްޔަތަށާއި އަދި އަޅުގަނޑުމެންގެ އިޖުތިމާޢީ ކަންކަމުގައި، ކުށްތަކަށް އަރައިގަތުމަށް ޒުވާނުން ދުރުކުރުވުމަށްޓަކައި ހަމަ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކޭ.

އަޅުގަނޑުމެންގެ ޕްރޮގްރެސިވް ކޯލިޝަނުން ޚާއްޞަކޮށް، ޕީ.ޕީ.އެމް.ގެ މެނިފެސްޓޯގައި އެންމެބޮޑު އަހަންމިއްޔަތެއް ދެވިފައި މިވަނީ ޒުވާނުންނަށް. ޒުވާނުން ބާރުވެރިކުރުވުމަށް، އިޤްތިޞާދީ ގޮތުން ޒުވާނުންނަށް ފުރްޞަތުތައް ހޯދައިދިނުމަށް ވަޒީފާގެ ފުރްޞަތު، ޒުވާން މަސްވެރިޔާ، ޒުވާން ވިޔަފާރިވެރިޔާ، ޒުވާން ދަނޑުވެރިޔާ، މިހެންގޮސް ޒުވާނުންނަށް އަމާޒުކުރެވިގެން ހުރި އެކިއެކި މަޝްރޫޢުތައް. މީގެ ބޭނުމަކަށްވަނީ، ޒުވާނުންނަށް ފައިސާގެ ތަނަވަސްކަމާއި، ޖީބުގެ ތަނަވަސްކަން އިތުރުކޮށްދިނުން. އަދި ހަމައެހެންމެ، މި މަޝްރޫޢުތައް ކުރިއަށްދާއިރު، އަޅުގަނޑުމެންގެ ސަތޭކަ ދުވަހުގެ ލަނޑުދަނޑީގެ ޕްރޮގްރާމްތަކުގެ ތެރޭގައި މިރޭ މި ހަމަޖެހިގެން މިދިޔައީ ޒުވާނުންގެ ސްޕޯޓްސް އެރީނާތައް އިފްތިތާޙު ކުރުމުގެ ޖަލްސާ.

މާދަމާއަކީ ސަތޭކަ ދުވަހުގެ ލަނޑުދަނޑިތަކުގެ ވާހަކަތައް ދައްކާ ދުވަސް. އަދި އެ ސަތޭކަ ދުވަހުގެ މުއްދަތު ހަމަވާ ދުވަސް. އަޅުގަނޑު ވަރަށް އުފާކުރަން، މި ސަތޭކަ ދުވަހުގެ ތެރޭގައި، ޔޫތު މިނިސްޓްރީގެ މިނިސްޓަރާއި، ސްޓޭޓް މިނިސްޓަރާއި އަދި އެކިއެކި މިނިސްޓަރުން، މިނިސްޓްރީގެ ހުރިހާ ވެރިންވެގެން މިކަހަލަ ކުލަގަދަ ޙަފްލާއެއް ގެނެސްދެއްވީތީ. މިޔާއެކީ ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އަޅުގަނޑުމެންނަށް ކަށަވަރުކޮށްދެއްވި ފަދައިން އަދި ބަޖެޓުގެ ޢަދަދުތަކަށް ބަލާކަމަށްވަންޏާ އަޅުގަނޑުމެންނަށް ހާމަކަންބޮޑުގޮތެއްގައި ކަށަވަރުވެގެންދާ ފަދައިން މިކަންކަން ކުރުމަށް ބޭނުންވާ ފައިސާ އެހެރީ ބަޖެޓްގައި ހިމެނިފައި. އެހެންވީމާ، ޤަބޫލުކުރަންޖެހެނީ، ރާއްޖޭގެ ހުރިހާ ދިމާއެއްގައި، މާލެއާއި އަތޮޅުތަކުގެ ހުރިހާ ދިމާއެއްގައި ދިރިއުޅޭ ހުރިހާ ޒުވާނުން ޤަބޫލުކުރަންޖެހެނީ، ﷲގެ ރަޙުމަތާއެކީ މިކަންކަމަކީ ޙަޤީޤަތަކަށް ވެދާނެ ކަންކަން ކަމަށް.

މިހާރު އަޅުގަނޑުމެން މިބަލަނީ 34 ރަށެއްގައި ސްޕޯޓްސް އެރީނާތަކެއް ޤާއިމުކުރެވޭތޯ. އަދި އެ އެރީނާތައް ޤާއިމުކުރުމުގައި، އެންމެ ފުރަތަމަ މަރްޙަލާ، އާދެ! 10 ދުވަހުގެ ތެރޭގައި، ބިޑްގެ ހުރިހާ ކަމަކަށް ތައްޔާރުވަމުންދާ ވާހަކަ، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ވިދާޅުވީ. އެންމެ ބޮޑަށް ރާއްޖޭގައި މިހާރު ޒުވާނުންގެ ގިނަ ބައެއްގެ ތަރުޙީބު ލިބިގެން މިދަނީ ފުޓްސެލް ދަނޑުތަކަށް. ފުރަތަމަ މަރްޙަލާއެއްގެ ގޮތުގައި މިކަންކަން މިދަނީ.

އެޔާއެކީގައި ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ އާބާދީގެ ބޮޑުބަޔަކީ އަންހެން ބޭފުޅުން. ޒުވާނުންގެ ތެރޭގައި އަންހެން ކުދިންނަކީ ވަރަށްބޮޑު، އާބާދީގެ ބޮޑު ނިސްބަތެއް ހިފަހައްޓާބައެއް. އެހެންވީމާ، މި ސްޕޯޓިންގ ކޮމްޕްލެކްސްގެ ތެރޭގައި، ނޫނީ ސްޕޯޓްސް އެރީނާގެ ތެރޭގައި ހިމެނިގެން މިދަނީ ހަމައެކަނި އައުޓްޑޯ ނޫނީ އިންޑޯ ޒުވާން ފިރިހެނުންނަށް ބޭނުންވާ ކުޅިވަރުތަކެއް ނޫން. އޭގެތެރޭގައި، އަންހެންކަނބަލުންނަށް ބޭނުންވާ ހުރިހާ ކުޅިވަރުތަކެއްވެސް މިހިރީ ހިމެނިފައި. އަދި ދެހާސް ހަމަވާ އާބާދީތަކަށް އަމާޒުކުރެވިގެން، މި ސްޕޯޓިންގ އެރީނާތަކެއް ޤާއިމުކުރެވިގެންދިޔަނަމަވެސް، އަޅުގަނޑުމެން ހަވާސާއެއް ނުކުރަމު، އެހެން ކުދިކުދި ރަށްރަށާއި، ދެހާސް ހަމަނުވާ ރަށްރަށުގެ އާބާދީތަކެއް. ދިވެހިރާއްޖޭގައި ޢާންމުކޮށް ކުޅެވޭ ހުރިހާ ކުޅިވަރުތަކެއް އިރާދަކުރެއްވިއްޔާ، ﷲގެ ރަޙުމަތާއެކީގައި އަޅުގަނޑުމެންގެ ފަސް އަހަރު ދުވަހުގެ މަޝްރޫޢުގެ ތެރޭގައި، އެ ރަށްރަށަށް ބޭނުންވާ ކުޅިވަރުގެ ޙަރަކާތްތައް ހިމެނިގެންދާނެ. ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ޤާއިމުވެގެންދާނެ.

އޭރު އެ މަސައްކަތް ކުރެއްވުމުގައި އެންމެ އިސްކޮށް އުޅުއްވީ، ކުރީގެ ސްޕޯޓްސް މިނިސްޓަރ، ޒުވާނުންގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފް. ވަރަށްގިނަ ތަޙުލީލީ ދިރާސާގެ މަސައްކަތްތައްވެސް އޭރު ކުރެއްވި. އެސޯސިއޭޝަންތަކުގެ ވެރިންނާއި އަދި ކުޅިވަރުގެ ދާއިރާގައި ހިމެނޭ އެތަކެއް ފަރާތްތައް ގެންނަވައިގެން، އަޅުގަނޑު ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން އައިއިރުގައި، ގިނަ ތަޙުލީލުތަކެއްގެ މަސައްކަތްތަކެއް ކުރެއްވި. އަޅުގަނޑަށް ލަފާކުރެވޭގޮތުގައި ވެއްޖިއްޔާ، އަޅުގަނޑުމެންގެ މި ޕްރޮގްރާމްތައް، ފަސްއަހަރުގެ މުއްދަތުގެ ތެރޭގައި ކާމިޔާބީއާއެކީ އަޅުގަނޑުމެންނަށް ގޮސް ނިންމާލެވިއްޖެ ކަމަށްވަންޏާ، ދެން ކުރިއަށް އޮތް ދިހަވަރަކަށް އަހަރުގެ ތެރޭގައިވެސް ދިވެހިރާއްޖެއަށް ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ އިތުރަށް ބޭނުންނުވާވަރަށް އެހެރީ ޤާއިމުކުރެވިފައި.

އެހެންވީމާ، މިއީ ދިވެހި ޒުވާނުންނަށް އަޅުގަނޑުމެންގެ ސަރުކާރުންދޭ ހަދިޔާއެއް. އާދެ! މީގެ ބޭނުމަކަށްވަނީ، މިދެންނެވި ގޮތަށް ޒުވާނުންނަށް ބޭނުންވާ އެކިއެކި ކަންކަން ފުރިހަމަވެގެންދިޔުން. އަދި ހަމައެޔާއެކީ އަޅުގަނޑުވެސް ދަންނަވާލަން ބޭނުންވަނީ، ﷲގެ ރަޙުމަތާއެކީ މިކަންކަން ޙަޤީޤަތަކަށް ވެގެންދާނެއޭ. އެއީ މިކަމަށް ބޭނުންވާ ފައިސާއަކީ ހަމައެކަނި ބަޖެޓްގައި ޖެހިފައި ހުރި ފައިސާއެއްވެސް ނޫން. މިކަމަށް ބޭނުންވާ ފައިސާއަކީ ބަޖެޓްގައި ޖެހި ކަށަވަރުވެފައިވާ ފައިސާ. އިރާދަކުރެއްވިއްޔާ، މިވަގުތުން މިވަގުތަށް އަޅުގަނޑުމެންގެ ބަޖެޓްގައި މިހިރަ ކަންތައްތައް ފުއްދުމަށް ފައިސާގެ ދަތިކަމެއް މި ސަރުކާރުގެ ކުރިމައްޗަކު ނެތް.

އެހެން ނަމަވެސް، އެޔާއެކީވެސް ދަންނަވާލަން ބޭނުންވަނީ، ފައިސާ ހޯދުމުގެ އިތުރު ވަސީލަތްތައް ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން އެބަދަމުއޭ. މިދޭތެރެއިން އަޅުގަނޑުމެންނަށް ދިވެހި ދައުލަތުގައި މިދިޔަ ފައިސާ ނެތިގެންދިޔަ ހާސްކަމަށް ކޮންމެވެސްވަރެއްގެ ޙައްލުތަކެއް މިހާރުން މިހާރަށްވެސް މިވަނީ އައިއްސަ. އެހެންވީމާ، އުފަލާއެކީ ކަށަވަރުކޮށް އަރުވަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ ޒުވާނުންނަށް މިބޭނުންވާ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ޤާއިމުވެގެން މިއަހަރުގެ ތެރޭގައި ދާނެޔޭ. އަދި ހަމައެހެންމެ، މިއަންނަ އަހަރުވެސް އިރާދަކުރެއްވިއްޔާ، ހަމަ ޒުވާނުންގެ ޙަރަކާތްތަކަށް ތިންސަތޭކަ މިލިއަނަށްވުރެ ކުޑަނޫން ޢަދަދެއްގެ ބަޖެޓް އަޅުގަނޑުމެން ހިމަނާނަމޭ.

އާދެ! އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، އޭރު މިނިސްޓަރ މުންދުގެ މަސައްކަތްޕުޅުގައި ދިރާސާތަކުގައި އަޅުގަނޑުމެންނަށް ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ޤާއިމުކުރަން މުޅި ރާއްޖެއަށް ބޭނުންވާ ޢަދަދަކީ ބާރަހާސް މިލިއަން ނޫނީ ތޭރަހާސް މިލިއަން ރުފިޔާކަންނޭނގެ. އަޅުގަނޑުމެން ތިންސަތޭކަ މިލިއަން ބަޖެޓްކޮށްގެން މިގެންދަނީ، ޓާގެޓްކޮށްގެން މިގެންދަނީ، މި ބޭނުންތައް ފުއްދުމަށްޓަކައި. 1.5 ބިލިއަން ނޫނިއްޔާ ފަނަރަހާސް މިލިއަންގެ ތެރޭގައި މިހުރިހާ ކަމެއް ހަމަޖެހިގެންދާނެ.

ހަމައެޔާއެކީ އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް ދަންނަވަން ބޭނުންވަނީ، ކުޅިވަރާއެކީ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ދެންމެ ސްޓޭޖްމަތިން ފެނިގެންދިޔަކަހަލަ ހުޝިޔާރުކަން. ސްކިލްތައް، ޓެލަންޓް. ހަމައެޔާއެކީ އަޅުގަނޑުމެންނަށް ފެނިގެންދާނީ، ކުޅިވަރުގެ މައިދާނުގައި، ކުޅިވަރު ކުޅޭ ކުޅުންތެރިންނަށް ލިބޭ އެކިއެކި ސްޕޯޓިންގ އެންޖަރީތައް. މާދަމާރެޔަކީ ދިވެހި ހުރިހާ ރައްޔިތުންނަށް އަޅުގަނޑުމެންގެ ޚާއްޞަ ހަދިޔާއެއް އިފްތިތާޙްކޮށް، އިޢުލާނުކޮށް، ލޯންޗްކުރާ ރޭ. Saving the best for the last” “މިބުނާ އުޞޫލުގެ މަތިން، މުޅި ދިވެހިރާއްޖެއަށް، ހުރިހާ ގިންތިއަކަށް، ހުރިހާ ޢުމުރުފުރައަކަށް ބޭނުންވާނެ [ހުސްނުވާ އާސަންދަ] ލޯންޗް ކުރުމުގެ ރަސްމިއްޔާތު، އިރާދަކުރެއްވިއްޔާ މާދަމާރޭ އޮންނާނެ.

ޒުވާނުންގެ މިކަހަލަ އިވެންޓެއްގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއީ މާދަމާރޭގައި ލޯންޗް ކުރަން އޮތް ހުސްނުވާ އާސަންދައިގެ ތެރޭގައި އޮތް ކޮމްޕޯނަންޓެއް، އޮތް މާއްދާއެއް. އެކަމަކު ޒުވާނުންނަށް ދަންނަވާލަން ބޭނުންވަނީ، މި ކުޅިވަރު ޙަރަކާތްތަކުގައި އެކިކަހަލަ ސްޕޯޓިންގ އިންޖަރީތައް ސަސްޓެއިން ކުރާނެޔޭ. ހުސްނުވާ އާސަންދައިގައި ޒުވާނުންނަށް އަމާޒުވެފައި އޮތް ބަޔަކީ، އިރާދަކުރެއްވިއްޔާ، ކްލަބް ފެންވަރުގައި، ނޫނިއްޔާ ޕްރޮފެޝަނަލް އެހެން ގިންތިތަކުގައި، ދިވެހިރާއްޖޭގެ ފެންވަރުގައި، ޕްރޮފެޝަނަލް އެހެން ގިންތިތަކުގައި ކުޅޭ ކުޅުންތެރިންނަށް، މިއީކީ ވަކި ކުޅިވަރެއް ނޫން، ހުރިހާ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ލިބޭ ހުރިހާ އިންޖަރީއަށް، އޭގެތެރޭގައި ހުރިހާ ރީހެބިލިޓޭޓިވް މަސައްކަތެއް އަދި ސަރޖިކަލް ޕްރޮސީޖަރަށް ދަންދެން އިރާދަކުރެއްވިއްޔާ، ހުސްނުވާ އާސަންދައިގެ ތެރެއިން ޒުވާނުންނަށް ހަމަ ހިލޭ ލިބޭނެ.

އެހެން ނަމަވެސް، މިއީކީ އެއްގޮތަކަށްވެސް ޒުވާނުން ރެކްލަސްވާން ދަންނަވާ ވާހަކައެއް ނޫން. އިރާދަކުރެއްވިއްޔާ، މިކަހަލަ ކަންތައް މެދުވެރިއެއްނުވާނެ. އެހެން ނަމަވެސް، އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތަކީ، ވަށާޖެހޭގޮތަށް ކުރެވޭ ކަމަކަށް ހެދުމަށްޓަކައި މިބައިވެސް ހިމަނަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މާދަމާރޭ މި ލޯންޗްކުރާ ހުސްނުވާ އާސަންދަ ޕްރޮގްރާމްގެ ތެރެއިން ޒުވާނުންނަށް ބޭނުންވާ އެހެން ކަންކަން އިޢުލާނުވެގެންދާނެ. އެހެން ނަމަވެސް، މިރޭ މިކަހަލަ ޙަފްލާއެއްގައި އަޅުގަނޑު ބޭނުންވީ އެކަން އިޢުލާނު ކުރަން. އިރާދަކުރެއްވިއްޔާ، މާދަމާރޭވެސް މީގެ ތަފްޞީލުތައް އިޢުލާނުވެގެންދާނެ.

އަޅުގަނޑު އެދެނީ، ދިވެހި ޒުވާނުންނަށް ހުރިހާވެސް ކުރިއެރުމެއް. އަދި ޒުވާނުންގެ ހަމަޖެހުމަކީ، ދިވެހިރާއްޖޭގެ ކުރިމަގު އުޖާލާކުރާނެ ކަމެއް ކަމަށް ވެގެންދިޔުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲގެ ތައުފީޤާއި ބަރަކާތް މިންވަރު ކުރައްވާށި! ޒުވާނުންނަށް އަޅުގަނޑު އެދެނީ، ހުރިހާވެސް ހެޔޮގޮތެއް. ޒުވާނުންނަކީ އަޅުގަނޑުމެންގެ މި އިއްތިޙާދީ ސަރުކާރުގެ ބައިވެރިން. ތަރައްޤީ އޮތީ ޒުވާނުންގެ އަތްމަތީގައި. ތަރައްޤީ ކުރެވޭނީ ޒުވާނުންނަށް. އެހެންވީމާ، ދިވެހިރާއްޖެ ދާންވީ މިޞްރާބު ކަނޑައަޅަންޖެހޭ ބަޔަކީ ޒުވާނުން. އެއީ ޒުވާނުންނަކީ. އަޅުގަނޑުގެ ބައިވެރިންނަށް ވާގޮތަކީ.

އަޅުގަނޑު އެދެނީ، ހުރިހާ ޒުވާނުންނަށް އިރާދަކުރެއްވިއްޔާ، މާތްރަސްކަލާނގެ ތައުފީޤާއެކީ އަޅުގަނޑުމެން މި ރާވާ މަޝްރޫޢުތަކުން ޒުވާނުންނަށް ހަމަޖެހުމާއި އަދި ޒުވާނުން ބޭނުންވާ ކަންތައްތައް ފުދިގެން ދިޔުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه