ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދުގެ އަރިހަށް، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަންގް ފޫކަންގް، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވައި، އެއްޤައުމު އަނެއް ޤައުމަށް އެހީތެރިވެވޭނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ޚާއްޞަކޮށް އިޖުތިމާޢީ ރޮނގުން ދެޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމު ކަމުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މީގެއިތުރުން، ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުޞަތުތަކާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

ޗައިނާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ސިޔާސީ ގޮތުން ދެޤައުމުގެ ދެމެދުގައި ޤާއިމުވެފައިވާ ގުޅުން ހަރުދަނާވެގެން ހިނގައްޖެ ކަމަށާއި، މިގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ކުރެއްވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މީހުން ބިނާކުރުމާއި ތަމްރީނު ކުރުމަށް ޗައިނާއިން ދެމުންގެންދާ އެހީތެރިކަން ކުރިއަށް އޮތްތާނގައިވެސް މެދުކެނޑުމެއްނެތި ރާއްޖެއަށް ލިބެމުންދާނެ ކަމުގައިވެސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ގުޅުން، ސަފީރު ވަންގް ފޫކަންގްގެ ދައުރުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ގެދޮރުގެ ދަތިކަން ޙައްލު ކުރުމަށާއި، އިޢާދަކުރަނިވި ހަކަތައިގެ ރޮނގުން ރާއްޖެއަށް ޗައިނާ ސަރުކާރުން ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ރާއްޖޭގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ތަޢުރީފު ކުރެއްވިއެވެ.