ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަރލީ އިންޓަރވެންޝަން ސެންޓަރުތައް ހިންގެވުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ހިންގަވާ ޕްރޮގްރާމްގެ ދަށުން ޢިމާދުއްދީން ސްކޫލްގައި ޤާއިމުކުރެއްވުމަށް ހަމަޖެހިފައިވާ ސެންޓަރ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމް މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު އެ ސްކޫލްގައި ބޭއްވެވި ރަސްމިއްޔާތުގައި، އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ވީހާވެސް ޅަޢުމުރެއްގައި މައިންބަފައިންނާއި މުޖްތަމަޢުގެ އެހީތެރިކަން ލިބިގެންދިޔުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި ކުއްޖާގެ ކިބައިގައި ހުންނަ އާދަޔާ ޚިލާފު ސިފަތައް ދެނެގަތުމަށާއި، އަދި ނުކުޅެދުންތެރިކަން ދެނެގަތުމަށްޓަކައި ބެލެނިވެރިން ހޭލުންތެރިކުރުވުމަކީ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތައްތައްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އަލްފާޟިލާ ފާޠިމަތު އިބްރާހީމްގެ ވާހަކަފުޅުގައި، ދަރިފުޅުގެ ޠަބީޢަތުގައި އެއްވެސްކަހަލަ އާދަޔާ ޚިލާފު ކަމެއް ހުރިކަމަށް ފާހަގަކުރެވިއްޖެނަމަ، ފަސްޖެހިވަޑައިނުގެން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް މައިންބަފައިންނަށާއި ބެލެނިވެރިންނަށް އިލްތިމާސް ކުރެއްވިއެވެ. އަދި އެއްވެސް ލަދުވެތިކަމެއްނެތި، ފޮރުވުމެއްނެތި، ހަމައެކަނި ދަރިފުޅުގެ މުސްތަޤްބަލަށްޓަކައި، އެދަރިފުޅަށް ބޭނުންވާނެ އިތުރު އެހީތެރިކަމާއެކު، ކުރިއަށް ވަޑައިގަތުމަކީ އެކުދިންނަށްޓަކައި މައިންބަފައިން ކޮށްދެއްވަންވީ އެންމެ މުހިންމު އެއްކަންތައް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. ހަމައެހެންމެ، ކިޔެވުމުގައި ކުރިއަށްދެވޭނެ ދަރިވަރުންނަށް، ޅަފަތުގައި އެހީތެރިކަން ފޯރުވައިދެވޭނެފަދަ، ތަމްރީނު ލިބިވަޑައިގެން ތިއްބެވި ޤާބިލު ޓީޗަރުންގެ އެހީތެރިކަން މިފަދަ ކުދިންނަށް ލިބިގެން ދިޔުމަކީވެސް އެކުދިންގެ ކުރިއެރުމަށް އެޅޭނެ ވަރަށް މުހިންމު ބިންގަލެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އެކަމަނާގެ ވާހަކަފުޅު ނިންމަވައިލެއްވީ، މިފަދަ ޕްރޮގްރާމެއް ފެށިގެން ދިޔުމަކީ، ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ތަޢުލީމާއި ހުނަރުތައް ހޯދައިދިނުމަށް ލިބިގެންދާ ވަރަށް އަގުހުރި ފުރްޞަތެއް ކަމަށް ވިދާޅުވަމުންނެވެ.