ތަރައްޤީ އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށާއި، ޤައުމު ތަރައްޤީކޮށް، ދިވެހިރާއްޖެ ދާންވީ މިސްރާބު ކަނޑައަޅަން ތިބި ބަޔަކީ، ޒުވާނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ، ސްޕޯޓްސް އެރީނާ މަޝްރޫޢު އިފްތިތާޙު ކުރުމަށްޓަކައި މިރޭ ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޮލިމްޕަހުގައި އޮތް މިޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ޒުވާނުންނަށްޓަކައި މިސަރުކާރުގެ މެނިފެސްޓޯގައި ހިމެނިފައިވާ އެންމެ މުހިންމު ބައި އިފްތިތާޙުކޮށްދެއްވުމަކީ، ލިބިވަޑައިގެންނެވި ވަރަށް ޚާއްޞަ އުފާފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޒުވާނުންނަކީ ދިވެހިރާއްޖޭގެ ކުރިމަގު ކަމުގައި ސިފަ ކުރައްވަމުން، ޒުވާނުންގެ ހަމަޖެހުމަކީ، ދިވެހިރާއްޖޭގެ ކުރިމަގު އުޖާލާ ވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ޒުވާނުންނަށް ކަންކަން ހަމަޖެހިގެން ނޫނިއްޔާ ދިވެހިރާއްޖޭގެ ކުރިމަގު އުޖާލާ ނުވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޒުވާނުންނަކީ ހަމައެކަނި ކުޅިވަރުގައި ހުސް ވަގުތުތައް ނަގާލާ ބައެއް ނޫންކަމުގައި ވިދާޅުވިއެވެ. ކަން މިހެން އޮތްއިރު، ޒުވާނުންނަށް ހުސްވަގުތުތަކުގައި ކުޅިވަރު ކުޅެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ، ޒުވާނުންގެ ހަށިގަނޑުގެ ތަރުބިއްޔަތަށާއި، އަދި ކުށްތަކަށް އަރައިގަތުމުން ޒުވާނުން ދުރުހެލިކުރުވުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޕީޕީއެމްގެ މެނިފެސްޓޯގައި އެންމެ ބޮޑު އަހަންމިއްޔަތެއް ދެވިފައި މިވަނީ ޒުވާނުންނަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިގޮތުން، ޒުވާނުން ބާރުވެރި ކުރުވުމަށާއި، އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ޒުވާނުންނަށް ފުރުޞަތުތައް ހޯދައިދިނުމަށް، ޒުވާން މަސްވެރިޔާ، ޒުވާން ވިޔަފާރިވެރިޔާ، ޒުވާން ދަނޑުވެރިޔާފަދަ އެކިއެކި މަޝްރޫޢޫތައް ޒުވާނުންނަށް އަމާޒު ކޮށްގެން ހިންގުމަށް ރޭވިފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސްޕޯޓްސް އެރީނާ މަޝްރޫޢު ރަސްމީގޮތުން އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް މުޙަންމަދު މަލީޙް ޖަމާލާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތް އެންޑް ސްޕޯޓްސް މުޙަންމަދު ޣައްސާން މައުމޫނެވެ.