މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ތުން ޢަބްދުﷲ ހާޖީ އަޙްމަދު ބަދާވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މެލޭޝިޔާގައި ދިރިއުޅެމުންދާ ދިވެހިންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކުރައްވަމުން، އެ ޤައުމުން އަބަދުވެސް ރާއްޖެއާ ދޭތެރޭ ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑޮކްޓަރ މަހާތީރު މުޙަންމަދުގެ ދައުރުގައި މެލޭޝިޔާގެ ކުރިއެރުމަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ މެލޭޝިޔާގެ ވަރަށް ގާތް ރަޙުމަތްތެރި ޤައުމެއްކަމުގައި ވިދާޅުވިއެވެ. އަދި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަކީ އަބަދުވެސް މެލޭޝިޔާއާ ވަރަށް ގާތްގުޅުމެއް ބާއްވަވާ ބޭފުޅެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަސީރު މުޙަންމަދާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ ޢާއިޝަތު ޢަޒީމާ ބައިވެރިވެވަޑައިގެންނެވިއެވެ.