ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަލަސްޠީނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާސް، ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު އަރުއްވައިފިއެވެ. މިދަޢުވަތުގެ ސިޓީފުޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ، ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ރިއާދު މާލްކީ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، ރައީސް ޔާމީނަށް ފަލަސްޠީނުގެ ޚާރިޖީ ވަޒީރު މަރްޙަބާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް ތާނގައި މިގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކުގެ މައްޗަށް ދެބޭފުޅުން ބައްލަވައިލެއްވިއެވެ. މިރޮނގުން ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ޞިއްޙީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޑޮކްޓަރުންގެ ވަފުދެއް އަލުން ރާއްޖެއަށް ފޮނުއްވުމުގެ ކަންކަން ރާއްވަވަމުންގެންދަވާ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، ތަޢްލީމީ ދާއިރާއިންނާއި، ދަނޑުވެރިކަމުގެ ދާއިރާއިން ހިންގިދާނެ ހަރަކާތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ބައިނަލްއަޤްވާމީ މައްސަލަތަކުގެ ތެރެއިން ދެޤައުމުން އިސްކަންދޭ ކަންކަމާ ގުޅޭ ގޮތުންވެސް ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި އަބަދުވެސް ރާއްޖޭގެ އެއްބާރުލުން ފަލަސްޠީނަށް ލިބެމުންދާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ، ފަލަސްޠީނުގެ ޚާރިޖީ ވަޒީރަށް އެރުވިއެވެ. އަދި ފަލަސްޠީނާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ރާއްޖެއިން ދެމުންގެންދާ އެއްބާރުލުމަށްޓަކައި ފަލަސްޠީނުގެ ޚާރިޖީ ވަޒީރު، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، ދިވެހި ދައުލަތުގެ ސަފީރު ޢަބްދުﷲ ޙަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.