ފްރާންސްގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސަލް މިސްޓަރ ޑޭވިޑް ސަލްކިން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޔޫރަޕްގެ ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރަންޖެހިފައިވާކަން ފާހަގަކަރުއްވައި، މިގުޅުން ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. މިގޮތުން، ޖަރުމަނުވިލާތުގެ ޑޮކްޓަރުންގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށާއި، މިފަދަ އިތުރު ހަރަކާތްތަކެއް މިވަގުތު ރާއްޖެއަށް ބޭނުންތެރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިސްޓަރ ޑޭވިޑް ސަލްކިން ދެއްކެވި ވާހަކަފުޅުގައި، ޔޫރަޕާ ރާއްޖެއާ އޮތް ގުޅުން މިހާރަށްވުރެ ރަނގަޅުކޮށް، ހަރުދަނާ ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ ފަރްޒާނާ ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.