ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްޤީއަށް މި 5 އަހަރަށް، ވަރަށް މުހިންމު ތަޞައްވުރެއް ކަނޑައަޅުއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އިރުފުށި ރިޒޯޓް އެންޑް ސްޕާ ރީ-ބްރޭންޑް ކުރުމަށް މިރޭ އެރިޒޯޓުގައި ބޭއްވި ރަސްމިއްޔާތުގައި، މި މޭރުމުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، އެ ތަޞައްވުރުގެ ތެރޭގައި 50 ރިޒޯޓް އަލަށް ހުޅުވުމާއި، މެޑިކަލް ޓޫރިޒަމް ތަޢާރަފް ކުރުމާއި، އެޑިޔުކޭޝަނަލް ޓޫރިޒަމް ތަޢާރަފް ކުރުން ހިމެނޭ ކަމުގައި ވިދާޅުވިއެވެ. އިރުފުށި ރިޒޯޓް އެންޑް ސްޕާގެ އާ ނަމަކީ "ދަ ސަން ސިޔާމް އިރުފުށި" އެވެ.

ރާއްޖޭގެ ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މައި ތަނބުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުގެ މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ރާއްޖެއަށް ތިން ލައްކައަށްވުރެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށާއި، މި މުއްދަތުގައި ފަތުރުވެރިކަމުގެ ޞިނާޢަތުން ލިބުނު އާމްދަނީގެ ޢަދަދު 70 މިލިއަން ޑޮލަރަށް އަރާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަން ސިޔާމް ރިޒޯޓްސްގެ ޗެއަރމަން އަޙްމަދު ސިޔާމް މުޙަންމަދު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ، އަދި ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަށް ތަޢުރީފު ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، ސަން ސިޔާމް ރިޒޯޓްސްގެ ޗެއަރމަން އަޙްމަދު ސިޔާމް މުޙަންމަދު ވާހަކަފުޅު ދެއްކެވިއެވެ.