ސަން ޓްރެވަލުން ހިންގާ ރިޒޯޓްތައް "ސަން ސިޔާމް ރިޒޯޓްސް"ގެ ނަމަށް ބްރޭންޑް ވެގެން ދިޔުމަކީ، އެރިޒޯޓްތަކުންދޭ ޚިދުމަތްތައް ފުޅާވެ، ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމެއްކަމަށް ދެކެވަޑައިގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަން ސިޔާމް ރިޒޯޓްސްގެ ދަށުން ނަމަށް ބަދަލު ގެނެވުނު ފުރަތަމަ ރިޒޯޓް ކަމަށްވާ އިރުފުށި ރިޒޯޓް އެންޑް ސްޕާ ރީ-ބްރޭންޑް ކުރުމުގެ ގޮތުން މިއަދު ހަވީރު އެރިޒޯޓުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ދިވެހި ޤައުމީ ދިދަ ނަންގަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. ސަން ސިޔާމް ރިޒޯޓްސްގެ ޗެއަރމަން އަޙްމަދު ސިޔާމް މުޙަންމަދު ނަންގަވައިދެއްވީ "ސަން ސިޔާމް ރިޒޯޓްސް"ގެ ދިދައެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަޙްމަދު ސިޔާމް މުޙަންމަދު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވެދެވަޑައިގެން، ފަތުރުވެރިކަމުގެ ވިޔަފާރި ފެށްޓެވީ ވަރަށް އާދައިގެ ގޮތެއްގައިކަން ފާހަގަކުރެއްވިއެވެ. އަދި މިއަދު ދިވެހިރާއްޖޭގައި ހުރި އެންމެ އަގުބޮޑު ޓޫރިޒަމް ކުންފުނީގެ ވެރިއަކީ އަޙްމަދު ސިޔާމް މުޙަންމަދު ކަމަށާއި، ވަރަށް ޒުވާން އުމުރުގައި ވަރުގަދަ ޢަޒުމަކާއެކު ފެށްޓެވި މަސައްކަތުން އޭނާ މިއަދުވަނީ ދިވެހި އެހެން ވިޔަފާރިވެރިންނަށް ނަމޫނާ ދައްކަވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަން ޓްރެވަލުން ހިންގާ ރިޒޯޓްތައް "ސަން ސިޔާމް ރިޒޯޓްސް"ގެ ނަމަށް ބްރޭންޑްވެ، ނަމަށް އައި ބަދަލާއެކު އެކަމުގެ ފައިދާ އެރިޒޯޓްތަކުގައި ވަޒީފާ އަދާކުރާ ދިވެހި ޒުވާނުންނަށާއި، އެހެނިހެން ޒުވާނުންނަށް ފޯރާނެ ކަމުގައިވެސް ވިދާޅުވިއެވެ.
ސަން ސިޔާމް ރިޒޯޓްސުން ހިންގާ އިރުފުށި ރިޒޯޓްސް އެންޑް ސްޕާ ރީ-ބްރޭންޑް ކުރުމަށް ރަސްމީގޮތުން ބާއްވާ ޙަފްލާ އޮންނާނީ މިރޭ އެ ރިޒޯޓުގައެވެ.