ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް، ސަލްމާން ޚޫރުޝީދު، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ބަނޑޮސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ބައްލަވާލައްވައި ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

އިންޑިޔާގެ އެކްސްޓަރނަލް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި ސިޔާސީ ގޮތުން އޮންނަ ގުޅުން ހަރުދަނާވެ، އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރެވި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މައިދާނުގައިވެސް ރަނގަޅު ގުޅުންތަކެއް އެބަ އޮތް ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖެއާއި އިންޑިޔާއިން އެކިއެކި ކަންކަމާމެދު ހިއްސާ ކުރަނީ އެއްކަހަލަ ވިސްނުންތަކެއް ކަމުގައި ވިދާޅުވެ، އިންޑިޔާ ކަނޑުގެ ރައްކާތެރިކަމަކީ ދެޤައުމަށްވެސް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.

ސަލްމާން ޚޫރުޝީދުގެ ވާހަކަފުޅުގައި، އިންޑިޔާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް އިންޑިޔާއިން އަބަދުވެސް ޚާއްޞަ އަހަންމިއްޔަތުކަމެއް ދޭކަމަށް ވިދާޅުވެ، ވެދެވެން އޮތް އެހީތެރިކަމަކާއި އެއްބާރުލުމެއްވެސް ރާއްޖެއަށް ދެމުން ގެންދާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި، ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށާއި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސާކަށް ދިވެހިރާއްޖެއިން އަބަދުވެސް ދެމުންގެންދާ އަހަންމިއްޔަތު ފާހަގަކުރައްވައި، ސާކުގެ ކަންކަމަށް ރާއްޖެއިން އެންމެ ފުރިހަމަ އެއްބާރުލުން ދެމުން ގެންދާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އިޝާރާތްކުރައްވައި، އިންތިޚާބަށްޓަކައި ވަމުންދާ ތައްޔާރީތަކުގެ މަޢުލޫމާތު ދެއްވިއެވެ. އަދި ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށް އިންޑިޔާއިން ދެމުންގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަބްދުﷲ އަމީނާއި، ފޮރިން ސެކްރެޓެރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދާއި، އެމްބެސެޑަރ އެޓް ލާޖް ޢަބްދުﷲ ޙަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.