ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބުގެ މަޤާމަށް ދަފްތަރު ނަންބަރު: 7563 ޑޮކްޓަރ އަޙްމަދު ރިޔާޒު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. ޑޮކްޓަރ އަޙްމަދު ރިޔާޒަކީ، ނިއުޒީލަންޑްގެ ވިކްޓޯރިއާ ޔުނިވަރސިޓީ އޮފް ވެލިންގޓަނުން އެޑިޔުކޭޝަންގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މާސްޓަރޒް ފުރިހަމަކުރެއްވީ، އެސެސްމަންޓް އެންޑް އިވެލުއޭޝަންގެ ރޮނގުން އޮސްޓްރޭލިޔާގެ ދަ ޔުނިވަރސިޓީ އޮފް މެލްބަންގައެވެ. އޭގެކުރިން އިންޑިޔާގެ ބެންގަލޯރ ޔުނިވަރސިޓީން ސައިންސްގެ ރޮނގުން ބެޗްލަރޒް ޑިގްރީ ޙާޞިލު ކުރައްވާފައިވެއެވެ.
ޑޮކްޓަރ އަޙްމަދު ރިޔާޒަކީ، މީގެކުރިންވެސް ތަޢުލީމީ ދާއިރާގައި ޚިދްމަތް ކުރެއްވި ބޭފުޅެކެވެ. މިގޮތުން، މަޖީދިއްޔާ ސްކޫލްގެ މެތަމެޓިކްސް ޓީޗަރުކަމާއި، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ މެތަމެޓިކްސް ޓީޗަރުކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ ސުޕަވައިޒަރުކަންވެސް ކުރައްވާފައިވެއެވެ.