މާލެ ވިލިނގިލީ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޝަރަފްވެރިކޮށްދެއްވައިފިއެވެ. މިރޭ 9 ޖެހިއިރު މާލޭ ވިލިނގިލީގައި އޮތް މި ރަސްމިއްޔާތުގައި، ފުޓްސަލް ދަނޑު ރަސްމީކޮށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާ ޙަވާލުކުރެއްވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި، އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރ އާދަމް ޢާޒިމެވެ. ރަމްޒީގޮތުން ދަނޑު ޙަވާލުކުރުމުގެ މެމެންޓޯއާ ޔޫތު މިނިސްޓްރީގެ ފަރާތުން ޙަވާލުވެވަޑައިގަތީ، ޔޫތު މިނިސްޓަރ މުޙަންމަދު މަލީޙު ޖަމާލެވެ.

މާލެ ވިލިނގިލި ފުޓްސަލް ދަނޑު ހެދުމުގައި ބައިވެރިވި ފަރާތްތަކަށް، މިރޭގެ ރަސްމިއްޔާތުގައި ހަނދާނީ ލިޔުމާއި، ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

މި ރަސްމިއްޔާތު ނިމިގެންދިޔައީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޓީމާއި، އެމް.އެން.ޑީ.އެފް.ގެ އޮފިސަރުންގެ ޓީމާ ދެމެދު ކުޅެވުނު ފުޓްބޯޅަ މެޗުންނެވެ. މި މެޗްގައި ރައީސުލްޖުމްހޫރިއްޔާ ކުޅުއްވިއެވެ. މި މެޗް ކާމިޔާބުކުރީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނުގެ ޓީމެވެ. ޓްރޮފީ ޙަވާލުކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ.

މެޗްގެ މޭން އޮފް ދަ މެޗުގެ މަޤާމު ޙާޞިލުކުރި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢުމަރު ނަޞީރެވެ. ޢުމަރު ނަޞީރަށް އިނާމު ދެއްވީ އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރ އާދަމް ޢާޒިމެވެ.