ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު، ހައްދުންމަތީ ފޮނަދުއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހައްދުންމައްޗަކީ ތަރައްޤީއަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅެމުންދާ އަތޮޅެއް ކަމަށާއި، އެމަނިކުފާނުގެ ސަރުކާރުން ހައްދުންމައްޗަށް އަމާޒުކުރައްވައިގެން ހިންގެވުމަށް ހަމަޖެހިފައިވާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެރަށަށް ވަޑައިގެންނެވުމުން، ރަށުގެ ރައްޔިތުންގެ ފަރާތުން ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ފާއިތުވި ރިޔާސީ އިންތިޚާބުގައި، އެމަނިކުފާނަށާއި ރައީސުލްޖުމްހޫރިއްޔާއަށް ހައްދުންމަތީގެ ރައްޔިތުން ދެއްވި ތާއީދަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި މި ސަރުކާރު ދެމިއޮންނާނީ އަބަދުވެސް ރައްޔިތުންނަށް ޚިދްމަތްކުރެއްވުންމަތީގައި ކަމަށާއި، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމުގައި އަވަދިނެތި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، މިހާރުވެސް ހާޞިލު ކުރެއްވިފައި ހުރި ބައެއް ކަންތައްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފޮނަދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންނެވީ މިއަދުއެވެ.