بســم اللّـه الرّحمـن الرّحيــم

الْحَمْـدُلِلَّـه، وَالصَّـلاَةُ وَالسَّـلاَمُ عَـلَى رَسُـولِ اللّـه

ޒުވާނުންނާބެހޭ ވުޒާރާގެ ވަރަށް ޒުވާން މިނިސްޓަ އަދި ހަމައެޔާއެކީގައި މުޅި ސަފުގައި ހިމެނިވަޑައިގަންނަވާ ކެބިނެޓްގެ އެހެނިހެން އެންމެހާ ޒުވާން ވަޒީރުން، ވަޑައިގެން ތިއްބެވި އެންމެހާ ޒުވާނުން އަދި މިތަނަށް ޙާޒިރުވެ ތިބި އެންމެހާ ބޭފުޅުން، މީޑިއާގެ ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه

އެންމެ ފުރަތަމަވެސް، މިހާ ފުރިހަމަ ގޮތެއްގައި ރާއްޖޭގެ ޒުވާނުންގެ އަގު ވަޒަންކޮށް އަދި ޒުވާނުންނަށް ހުރި ފުރުޞަތުތައް ފުޅާކުރުމަށްޓަކައި އިސްނަންގަވައިގެން، ޒުވާނުންގެ ވުޒާރާއާއި އަދި ކަމާ ގުޅުންހުރި ހުރިހާ ފަރާތްތައް ގުޅިގެން މިފަދަ އިންތިޒާމެއްގެ ދަށުން މި ބާއްވާ ޙަފްލާއަށްޓަކައި އަދި މި ފުރިހަމައަށް ފޯރުކޮށްދޭ ފުރުޞަތަށްޓަކައި ވުޒާރާ ހިންގެވުމާ ޙަވާލުވެ ހުންނެވި އަދި ޒުވާން ވަޒީރަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު އަދާކުރަން.

ރާއްޖޭގެ މިއަދުގެ ވަރަށްބޮޑު އާބާދީގެ ޢަދަދަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި ޒުވާނުން. ދެންމެ ތަފްޞީލުކޮށް، ޒުވާނުންނާބެހޭ ވަޒީރު ވިދާޅުވެދެއްވައިފި، ބައެއް ކަންތައްތަކުގެ ވާހަކަ. އެހެން ނަމަވެސް، އަޅުގަނޑު މިއަދު މިތަނަށް ޙާޒިރުވެ ތިއްބެވި އެންމެހާ ފަރާތްތަކަށް ދަންނަވާލަން ބޭނުންވަނީ، މިއަދުގެ ސަރުކާރު ވަރަށް ސީރިއަސްއޭ، ރާއްޖޭގެ ޒުވާނުންގެ މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމަށްޓަކައި. ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ފޯރުކޮށްދިނުމަށްޓަކައި މިއަދުގެ ސަރުކާރުން ވެފައިވާ ވަޢުދަކީ، އެއީ އިރާދަކުރެއްވިއްޔާ، ﷲގެ ރަޙުމަތާއެކީގައި އަޅުގަނޑުމެން މާނަވީ ގޮތެއްގައި އެކަން ފުރިހަމަކޮށްދިނުމުގެ ނިޔަތުގައި ވެފައިވާ ވަޢުދެކޭ. އެ ވަޢުދު އިރާދަކުރެއްވިއްޔާ ފުދިގެންދާނެ.

ތެދެއްމެ، މިއަދު ރާއްޖޭގެ އިޤްތިޞާދީ އެކިއެކި ދާއިރާތަކުގައި ވަރަށްގިނަ ފުރުޞަތުތަކެއް ހުޅުވިގެން އެބަދޭ. އެހެން ނަމަވެސް، މިއަދު މިތާނގައި މި ފެއަރގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ސަރުކާރު ޤަބޫލުކުރާ ގޮތުގައި، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވޭނީ އަދި އިޤްތިޞާދު ކުރިއަށްދާނީ، އެ އިޤްތިޞާދަށް ބޭނުންވާ ހަކަތަ ލިބިގެން. އެއްވެސް ޝައްކެއްނެތްގޮތުގައި، އެ ހަކަތައަކީ އެކަމަށް އެކަށީގެންވާ ޤާބިލު، ކޮމްޕީޓަންޓް ޒުވާނުން. އަދި އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތް ޤާއިމުކުރެވިގެން. ޤައުމެއް ކުރިއަކަށް ނުދާނެ، އިޤްތިޞާދީ ގޮތުން އަޅުގަނޑުމެން މުޅިން އެ އިޤްތިޞާދު ބަރޯސާކުރަނީ، ބޭރުން އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތް ހޯދައިގެން ކަމަށްވާނަމަ، އަޅުގަނޑުމެން ހޯދަން ބޭނުންވާ އަވަސްމިނެއްގައި އަދި އެ އިޤްތިޞާދަކުން ބޭނުންވާ ފުރިހަމަ ރާޙަތެއް، ފޮނިކަމެއް، އެ ޤައުމަކަށް ނާންނާނެ. އެހެންވީމާ، މިއަދުގެ ސަރުކާރުން ގަބޫލުކުރަނީ، ރާއްޖޭގެ އިޤްތިޞާދުގެ ދުވެލި، އިޤްތިޞާދު ބިނާވާންވާނީ، ރާއްޖޭގެ ޒުވާނުންގެ މައްޗަށޭ. ޒުވާނުން ބިނާވެގެންނޭ. އަދި ހަމަ ވަރަށް ސާފުކޮށް ދަންނަވާ ކަމުގައިވާނަމަ، އަޅުގަނޑުމެން ގަބޫލުކުރާ ހަމައަކީ، މޮޓޯއަކީ، ކުރިއެރުން ލިބޭނީ، ޢިލްމީގޮތުން، އަޅުގަނޑުމެންގެ ވިސްނުމުގެ ގޮތުން، ޕްރޮފެޝަނަލް ގޮތުން އަޅުގަނޑުމެން ކުރިއެރުން ހޯދައިގެންނޭ. އެއްވެސް ޝައްކެއްނެތް، އެޔަކީ ދެކޮޅުހެދޭނެ ކަމެއް ނޫން. ޤައުމެއް، ތަނެއް އަދި ކަމެއްވިޔަސް ކުރިއަށްދާނީ، އަޅުގަނޑުމެން އެކަމަކުން ކުރިއަށްދާން ބޭނުންވާ ޢިލްމީ ޤާބިލުކަން ހޯދައިގެން.

އެހެންވީމާ، ސިޔާސީ މަޤްޞަދަކަށްޓަކައި ނަމަވެސް، ބައެއްފަހަރު ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ތެރޭގައި، ކޮންމެހެން ކުރިއަށް ދިޔުމަށްޓަކައި އެއްވެސްކަހަލަ ޢިލްމީ ކުރިއެރުމެއް ހޯދަން ނުޖެހޭގޮތަށް މާނަވާގޮތަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަކީ، ތެދު ވާހަކަތަކެއް ނޫން. މިއަދު އަޅުގަނޑު އުފާކުރަން، ރާއްޖޭގެ ވަރަށްގިނަ ކޮލެޖްތަކާއި، ޔުނިވަރސިޓީތަކާއި އަދި ކާމިޔާބު އެތަކެއް ކުންފުނިތަކެއް މިތާނގައި، މި ފެއަރގައި ބައިވެރިވެގެން ކުރިއަށް އެބަދޭ. އެބޭފުޅުން ބޭނުންވަނީ ޒުވާނުންނަށް ފުރުޞަތުދޭން. އެ ފުރުޞަތު އަންނާނީ، އެކި މިންވަރަށް އެކުއްޖެއްގެ ގައިގައި އެ ޤާބިލުކަން ހުރި މިންވަރުގެ މައްޗަށް ބިނާވެގެން.

ރާއްޖޭގައި ފުރުޞަތު ނެތްކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ޙަޤީޤަތެއް ނޫން. ތިޔަ ޒުވާނުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. ރާއްޖެއިން ބޭރަށް ވަރަށް ގިނަ ޒުވާނުން ކިޔަވަންދޭ. ރާއްޖޭގައި ކިޔެވުމުގެ ފުރުޞަތު އެބައޮތް. އަދި އެނޫން އެހެން ގޮތްގޮތަށްވެސް އަޅުގަނޑުމެންގެ ހުރި ފަންނުވެރިކަން ކުރިއެރުވުމަށްޓަކައި ތަފާތު ދާއިރާތައް އެބަހުރި. ބައެއްފަހަރު ރާއްޖެއިން ބޭރަށްދާ ކުދިން އަނބުރާ ރާއްޖެއަށް ނާންނަ މައްސަލަ އެއީ އަޅުގަނޑުމެންނަށް ދިމާވެފައިވާ މައްސަލައެއް. އެހެން ނަމަވެސް، އެ ތަންތާނގައި ދިރިއުޅެމުންދާ، ވަޒަންވެރިވެފައިވާ ދިވެހިރާއްޖޭގެ ކުދިން، ދިވެހި ކުދިންވެސް ޤަބޫލުކުރާ ޙަޤީޤަތެއް އޮވޭ. އެއީ އަދިވެސް އެއްވެސް އެއްތަނަކުން ފަސޭހަކަމާއެކީގައި އާމްދަނީ، ފައިސާ ހޯދޭ ކަމުގައިވާނަމަ، އެތަނަކީ އަދިވެސް ރާއްޖެ ކަމަށް. އެހެންވީމާ، އަޅުގަނޑު ގޮވާލަން، ރާއްޖެއިން ބޭރުގައި ތިއްބެވި ރާއްޖޭގެ މި ޢިލްމީ ޚަޒާނާގެ މި މުއްސަނދި ކުދިން، ޢިލްމީގޮތުން މުއްސަނދިކަން ލިބިފައިވާ ކުދިން އަނބުރާ ރާއްޖެ އަންނަން. މިފަދަ ހުރިހާ ކުދިންނަށް، މިފަދަ ހުރިހާ ބަޔަކަށް، އެކުދިންގެ ހުވަފެން ޙަޤީޤަތަކަށް ހެދޭފަދަ މާޙައުލެއް ސަރުކާރުން އިސްނަގައިގެން، އިރާދަކުރެއްވިއްޔާ، ރާއްޖޭގައި އަޅުގަނޑުމެން ޤާއިމުކޮށްދޭނަން، ﷲގެ ތަނަވަސް ރަޙުމަތާއެކީގައި.

ހަމައެޔާއެކީގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިޔަ ޒުވާނުންނަށް މި ސަރުކާރު ޒުވާނުންނަށް އެއްގޮތަށްވުރެ ގިނަ ގޮތްގޮތަށް ފުރުޞަތު ފޯރުކޮށްދޭން ބޭނުންވެޔޭ. މިއަދު އަޅުގަނޑުމެންނަށް އެބަ އެނގޭ، އަޅުގަނޑުމެން ރާއްޖޭގެ އެކި ހިސާބަށް ދަތުރުކުރާއިރުގައި، ވަރަށް ޒުވާން ބޭބޭފުޅުން، ހަމަ ހުރިހާ ކަމެއްގައިވެސް އިސްނަގައިގެން، ވަރަށް ބޮޑެތި ކާމިޔާބީތައް ޙާޞިލުކޮށްފައި މިއޮތީ. މިއީ ދޮގުނުކުރެވޭނެ ވަރަށް ސާފު ޙަޤީޤަތެއް. ވިޔަފާރި ކަމުގައިވީނަމަވެސް، އެކިއެކި ފަންނު ކަމުގައިވީނަމަވެސް، ފަންނާނުން ކަމުގައި ބެލި ކަމުގައިވީނަމަވެސް، ވަރަށް ޓެލެންޓަޑް ބައެއް ދިވެހިންނަކީ. ވަރަށް ފަންނުވެރި ބައެއް ދިވެހިންނަކީ. ވަރަށް ޤާބިލު ބައެއް ދިވެހިންނަކީ. ވަރަށް ފަސޭހައިން ކަންތައްތައް ދަސްކުރާ، ވަރަށް ފަޚުރުވެރި ރައްޔިތެއް ދިވެހިންނަކީ. އެހެންވީމާ، ސަރުކާރުން އިރާދަކުރެއްވިއްޔާ، ތިޔަ ޒުވާނުންގެ މިފަދަ ފަންނުވެރިކަން، ތިޔަބޭފުޅުން ނެރެން ބޭނުންވާ މި ޓެލެންޓުތައް، ޙަޤީޤަތްތަކަށް ހެއްދެވުމުގައި ތިޔަބޭފުޅުންނަށް އެހީތެރިވާން ސަރުކާރު އޮތީ ތައްޔާރަށް. އެގޮތުން، މިހާރު އަޅުގަނޑުމެން އުފަލާއެކީގައި ފާހަގަކުރަން، ސަރުކާރުން އިޢުލާނުކޮށްފައިވާ ލޯނު ދިނުމުގެ ސްކީމަށް މިހާރުވެސް އެޕްލައިކޮށްފައިވާ އާބާދީގެ ނިސްބަތަށް ބަލާއިރު، 53 ޕަސެންޓަކީ ޒުވާނުންނާއި، އަންހެން ބޭކަނބަލުން. ސަރުކާރުގެ ނިޔަތް އޮތީ އިރާދަކުރެއްވިއްޔާ، މި ސްކީމް މިއަހަރުގެ ކުރިއަށް އޮތް ތަނުގައިވެސް، އާދެ! މި ފަސް އަހަރުގެ ތެރޭގައިވެސް އިތުރަށް ފުޅާކޮށް، ތިޔަ ޒުވާނުންނަށާއި، އަންހެން ބޭކަނބަލުންނަށް، އެ ފުރުޞަތު ފޯރުކޮށްދިނުން ކަމުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.

ހަމައެޔާއެކީގައި އަޅުގަނޑު ރާއްޖޭގެ ޞިނާޢަތްތަކުގެ ތެރޭގައި، ޚާއްޞަ ގޮތެއްގައި، ފަތުރުވެރިކަމުގެ ޞިނާޢަތަކީ ވަރަށްގިނަ ޒުވާނުންނަށް ވަރަށް ބޮޑެތި ފުރުޞަތުތައް އޮތް ޞިނާޢަތެއް. މިއަދުވެސް އެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ޒުވާނުންގެ ޢަދަދު، ނިސްބަތުން ވަރަށްގިނަ. އެހެންނަމަވެސް، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ރާއްޖޭގެ ޒުވާނުންނަށް ވަޒީފާ ނެތިގެން، ވަޒީފާ ހޯދުމުގެ މަސައްކަތްކުރާ ވާހަކަ، ދެންމެ ޒުވާނުންނާބެހޭ ވަޒީރު އެ ވިދާޅުވީ. އަޅުގަނޑު ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް އިލްތިމާސެއް މިއަދު ކޮށްލަން ބޭނުންވޭ. އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުމެންގެ ޒުވާނުންނަށް އެހީތެރިވާށޭ. އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭށޭ. އެ ޒުވާނުން ބިނާކުރުމުގައިވެސް އެހީތެރިވާށޭ. ޒުވާނުންގެ ހުރި ފަންނު ބިނާވުމަށްވެސް އެހީތެރިވެދެއްވާށޭ. އެ ޒުވާނުންނަށް ޢިލްމީ ޤާބިލުކަން ފޯރުކޮށްދިނުމުގައިވެސް އެހީތެރިކަން ފޯރުކޮށްދެއްވާށޭ. އަދި އޭގެއިތުރުން، ތިޔަބޭފުޅުންގެ ފަތުރުވެރިކަމުގެ ޞިނާޢަތުގެ އެންމެ އުސް ހަރުފަތުގައި ޙަރަކާތްތެރިވާ، އެންމެބޮޑު މުސާރަނަގާ ބަޔަކީ ދިވެހި ޒުވާނުން ކަމުގައި ހައްދަވައިދެއްވުމަކީ އެއީ، އަޅުގަނޑުގެ މިއަދުގެ އިލްތިމާސް.

ހަމައެޔާއެކީގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު އެދެން، ފަތުރުވެރިކަމުގެ ދާއިރާގައި މަދުވެގެން 70 ޕަސެންޓަކީ، ދިވެހި، ދިވެހި ޒުވާނުން، ދިވެހިން ކަމުގައި ހައްދަވައި ދެއްވާށޭ. އެންމެ މަދުމިނުން އެވަރު ތިޔަބޭފުޅުން ކޮށްދެއްވާށޭ. އަދި ދިވެހިންނަށް ފުރްޞަތުދޭން ހުޅުއްވާފައިވާ މަގަކީ، އެއީ ހަމައެކަނި ބުނާ ބަހަކަށް ނަހައްދަވާށޭ. އެކަން ޙަޤީޤަތަކަށް ހައްދަވައިދެއްވުމަކީ އެއީ، މިއަދު ރާއްޖޭގެ އެންމެބޮޑު ޞިނާޢަތު، އާދެ! ފަތުރުވެރިކަމުގެ ޞިނާޢަތަށް އަޅުގަނޑު ކޮށްލަން ބޭނުންވާ އިލްތިމާސް.

އާދެ! އަޅުގަނޑު އުންމީދު ކުރަނީ، މިފަދަ ފުރުޞަތުތަކަކުން، މި ފެއަރގެ ތެރެއިން އިރާދަކުރެއްވިއްޔާމު، ތިޔަބޭފުޅުންނަށް ހަމަ ރަނގަޅު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް. އަދި ރާއްޖޭގެ ޒުވާނުންނަށް މިކަމުގެ ސަބަބުން އިތުރު މަގުތަކެއް ހުޅުވިގެންދާނެ ކަމަށް. ހަމައެޔާއެކީގައި، މަތީ ތަޢުލީމަށް ދާން ބޭނުންވާ ކުދިންނަށް، އިރާދަކުރެއްވިއްޔާ، އެ ފުރުޞަތު އޮތްގޮތްވެސް ސާފުވެގެންދާނެ ކަމަށް. މަތީ ތަޢުލީމާއެކީގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، ސަރުކާރުން އިރާދަކުރެއްވިއްޔާ، މިހާރުވެސް މިއަންނަ ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައިވެސް އިތުރު 200 އަށްވުރެ ގިނަ ސްކޮލަރޝިޕް އިޢުލާނު ކުރާނެ. އަދި އޭގެއިތުރުން، މި ސިލްސިލާ މިއަހަރުގެ ތެރޭގައި އިތުރަށް ފުޅާކުރެވިގެންދާނެ.

އެހެންވީމާ، ﷲގެ ރަޙުމަތާއެކީގައި، ދިވެހިރާއްޖޭގެ ޒުވާނުންނަށާއި، އަންހެން ބޭކަނބަލުންނަށް މަގު ހޯދައިދިނުމާއި، ފުރުޞަތު ފުޅާކޮށްދިނުމާއި އަދި ޒުވާނުންނަކީ މި ޤައުމުގެ ހަކަތަ ކަމުގައި ހެދުމަށް، މި ސަރުކާރުން ނަގާފައިވާ މިޞްރާބަކީ އެއީ އިރާދަކުރެއްވިއްޔާ، ވަރަށް ސީދާގޮތެއްގައި ކުރިއަށްދާނެ މިޞްރާބެއް. ﷲގެ ރަޙްމަތާއެކީގައި އެކަމުގައި އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނެ.

އަޅުގަނޑު ނިންމާލަމުން، މިފަދަ ފުރިހަމަ ގޮތެއްގައި މިކަންތައް އިންތިޒާމް ކުރައްވައިގެން ކުރިއަށް ވަޑައިގެންނެވުމުގައި ބައިވެރިވި ހުރިހާ ފަރާތްތައް އިޖުމާލީ ގޮތެއްގައި ހިމަނައި، އެ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު އަދާކުރަން. ހަމައެޔާއެކީގައި، ޒުވާނުންގެ މިނިސްޓްރީ ހިންގެވުމާ ޙަވާލުވެ ތިއްބެވި އެންމެހާ ވެރިންނަށާއި އަދި ޒުވާން މިނިސްޓަރަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރަން. އަދި އަޅުގަނޑު ހަމަ ނިންމާލަމުން މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހެލްތް މިނިސްޓަރ އަދި ރައީސް އޮފީހުގެ މިނިސްޓަރ، އޭގެއިތުރަށް އިކޮނޮމިކް މިނިސްޓަރ، އެންވަޔަރަންމަންޓް މިނިސްޓަރ މި ޙަފްލާއަށް ވަޑައިގެންދެއްވިކަމީ ވަރަށް ހެޔޮ ފާލެއްކަން ފާހަގަކުރަން. ހުރިހާ ބޭފުޅުންވެސް މިތިބީ ޒުވާނުންނާ އެކީގައިކަން ވަރަށް ސާފުކޮށް ސާބިތުވެގެންދޭ.

اللّـه سبحـانـه وتعـالى އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ތައުފީޤާއި ބަރަކާތް މިންވަރު ކުރައްވާނެ. އަދި ތިޔަ ޒުވާނުންނަކީ، މި ޤައުމުގެ މުސްތަޤްބަލް ކަމުގައި ލައްވައި، އަޅުގަނޑުމެން ކުރާ މަސައްކަތުގައި، އެކަލާނގެ ހެޔޮ ބަރަކާތް މިންވަރު ކުރައްވާށި! އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه