ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގެ އެންމެ އުސް ހަރުފަތުގައި ޙަރަކާތްތެރިވާ ބަޔަކީ ދިވެހި ޒުވާނުން ކަމަށް ހައްދަވައިދެއްވުމަށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ އިސް ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް އިލްތިމާސް ކުރެއްވީ، [ޔޫތު ޗެލެންޖް، ކިއްސަރު 2014] ހުޅުއްވައިދެއްވުމަށް މިއަދު ހަވީރު ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ޒުވާނުންގެ އަދަދު، ނިސްބަތުން ގިނަކަން ފާހަގަކުރައްވަމުން، ޒުވާނުން ބިނާކުރުމުގައި އެހީތެރިވެދެއްވުމަށާއި، ޒުވާނުންނަށް ޢިލްމީ ޤާބިލުކަން ފޯރުކޮށްދެއްވުމުގައި އެހީތެރިވެދެއްވުމަށްވެސް ފަތުރުވެރިކަމުގެ ޞިނާޢަތުގެ އިސް ފަރާތްތަކަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ. ހަމައެޔާއެކު، ފަތުރުވެރިކަމުގެ ދާއިރާއަކީ މަދުވެގެން 70 އިންސައްތަ، ދިވެހި ޒުވާނުންނާއި ދިވެހިން މަސައްކަތްކުރާ ދާއިރާއަކަށް ހައްދަވައިދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ މިއަދުގެ އާބާދީގެ ވަރަށްބޮޑު ޢަދަދަކީ ޒުވާނުންކަން ފާހަގަކުރައްވަމުން، ޒުވާނުންގެ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމުގައި، މިއަދުގެ ސަރުކާރު ވަރަށް ސީރިއަސް ކަމުގައި ވިދާޅުވިއެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރްޞަތުތައް ފޯރުކޮށްދެއްވުމަށްޓަކައި މިއަދުގެ ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދަކީ، ﷲގެ ރަޙްމަތާއެކީގައި މާނަވީ ގޮތެއްގައި ފުރިހަމަކޮށްދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދެއް ކަމަށާއި، އިރާދަކުރެއްވިއްޔާ، އެ ވަޢުދު ފުދިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

މިއަދު ރާއްޖޭގެ އިޤްތިޞާދީ ދާއިރާގައި ވަރަށްގިނަ ފުރްޞަތުތަކެއް ހުޅުވިގެންދާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރައްވަމުން، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވޭނީ އަދި އިޤްތިޞާދު ކުރިއަށްދާނީ، އެކަމަށް ބޭނުންވާ ހަކަތަ ލިބިގެން ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، އެ ހަކަތައަކީ އެކަމަށް އެކަށީގެންވާ ޤާބިލު ޒުވާނުން އުފައްދައި، ބޭނުންވާ އިންސާނީ ވަސީލަތްތައް ޤާއިމުކުރުމެވެ. މުޅި އިޤްތިޞާދު ބަރޯސާކުރަނީ، ބޭރުން އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތް ހޯދައިގެން ކަމަށްވާނަމަ، އެ އިޤްތިޞާދުން ބޭނުންވާ ފުރިހަމަ ރާޙަތެއް، ފޮނިކަމެއް އަޅުގަނޑުމެން ހޯދަން ބޭނުންވާ އަވަސްމިނެއްގައި ނުލިބޭނެއެވެ. ރާއްޖޭގެ އިޤްތިޞާދުގެ ދުވެލި އަދި އިޤްތިޞާދު ބިނާވާންވާނީ، ރާއްޖޭގެ ޒުވާނުންގެ މައްޗަށް ކަމަށް، މިއަދުގެ ސަރުކާރުން ގަބޫލު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖެއިން ބޭރުގައި ގިނަ ޢަދަދެއްގެ ދިވެހި ކުދިން ދިރިއުޅެމުން ގެންދާކަމާއި، ވަޒީފާ އަދާކުރަމުން ގެންދާކަންވެސް ފާހަގަކުރެއްވިއެވެ. އަދި އެއްތަނަކުން ފަސޭހަކަމާއެކީގައި އާމްދަނީ ހޯދޭ ތަނަކީ ރާއްޖެކަން އެއީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ކުދިން ގަބޫލުކުރާ ޙަޤީޤަތެއް ކަމުގައިވެސް ވިދާޅުވެ، ޢިލްމީގޮތުން މުއްސަނދިކަން ލިބިފައިވާ ދިވެހި ކުދިންވެސް އެނބުރި ރާއްޖެ އައުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލެއްވިއެވެ. އަދި މިފަދަ ހުރިހާ ކުދިންނަށް، އެކުދިންގެ ހުވަފެން ޙަޤީޤަތަކަށް ހެދޭނެފަދަ މާޙައުލެއް ސަރުކާރުން އިސްނަންގަވައިގެން، ރާއްޖޭގައި ޤާއިމުކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، [ޔޫތު ޗެލެންޖް، ކިއްސަރު 2014] ހުޅުއްވައިދެއްވުމަށްފަހު، މި ފެއަރ ބައްލަވައިލެއްވިއެވެ.