ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ޑޭވިޑް ޑޭލީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، އީ.ޔޫ.ގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި އެ ޖަމްޢިއްޔާއާ ދެމެދުގައި އޮތް ގުޅުން، މިސްޓަރ ޑޭލީގެ ސަފީރުކަމުގެ ދައުރުގައި، އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ވިލާތުގެ ޤައުމުތަކާ ދެމެދުގައި އޮންނަ ގުޅުމަކީ، ރާއްޖެއިން އަބަދުވެސް ވަރަށް މުހިންމު ކަމެއް ދީގެން ދަމަހައްޓާ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމަށްޓަކައި ވިލާތުގެ ޤައުމުތަކާ އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖޭގެ ނަން އުނިކުރުމާ ގުޅިގެން ކުރިމަތިވަމުންދާ ދަތިތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. ރާއްޖޭގެ ވިޔަފާރީގެ ޞިނާޢަތު ފުޅާކުރުމުގައި އީ.ޔޫ.ގެ އެހީތެރިކަން ވަރަށް މުހިންމުކަން ފާހަގަކުރައްވަމުން، ބައިނަލްއަޤްވާމީ އެކިއެކި ޖަމާޢަތްތަކުގެ ފަރާތުން ކުރިމަތިވަމުންދާ ފިއްތުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ.

މިދިޔަ ދެތިން އަހަރުގެ ތެރޭގައި ރާއްޖެވަނީ ސިޔާސީގޮތުން ވަރަށް ބޮޑު ހަލަބޮލިކަމެއް ތަޖުރިބާ ކޮށްފައި ކަމުގައި ވިދާޅުވެ، ރާއްޖޭގެ ހާލަތު ހަމައަކަށް އެޅުވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މިގޮތުން، ރާއްޖޭގެ އިޖުތިމާޢީ ހާލަތު ރަނގަޅުކުރެއްވުމަށްޓަކައި ސަރުކާރުން ނިންމަވާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ، ސަފީރާ ހިއްސާ ކުރެއްވިއެވެ.

އީ.ޔޫ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުކަން ލިބުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، މި ސަރުކާރާއެކު މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމުގައި ވިދާޅުވިއެވެ. އަދި، އީ.ޔޫ އިން ރާއްޖެއަށް ދެމުންގެންދާ އެހީތެރިކަން ކުރިއަށް އޮތްތާނގައިވެސް ލިބެމުންދާނެ ކަމުގެ ޔަޤީންކަން އެރުވިއެވެ.