ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދުގެ އަރިހަށް، ބަހުރެއިންގެ ރޯޔަލް އެކަޑެމީ އޮފް ޕޮލިސްގެ ކޮމާންޑަރ، ކާނަލް ޝޭޚް ޙަމަދު ބިން މުޙަންމަދު އަލް-ޚަލީފާ، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދޭތެރޭގައި އިތުރަށް ގުޅުންބަދަހިކޮށް، އެއްޤައުމު އަނެއް ޤައުމަށް އެހީތެރިވެވޭނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި މިދާއިރާއިން ކުރިއަށް ރޭވިފައި ހުރި މަޝްރޫޢުތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

ބަހުރެއިންގެ ރޯޔަލް އެކަޑެމީ އޮފް ޕޮލިސްގެ ކޮމާންޑަރ ދެއްކެވި ވާހަކަފުޅުގައި، އެ އެކަޑެމީގެ ފަރާތުން ރާއްޖޭގައި ހިންގުމަށް ކަނޑައެޅިފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާ ކުރެއްވިއެވެ. މިގޮތުން، އެ އެކަޑެމީގެ ފަރާތުން ދިވެހި ފުލުހުންނަށް ކޮންމެ އަހަރަކު ސްކޮލަރޝިޕްގެ ފުރުޞަތު ދޭން ހަމަޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ސްކޮލަރޝިޕްގެ ފުރުޞަތަށްޓަކައި ބަހުރެއިންގެ ރޯޔަލް އެކަޑެމީ އޮފް ޕޮލިސްއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، މޯލްޑިވްސް ޕޮލިސް ސަރވިސްއަކީ މިހާރުވެސް ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަމުން ގެންދާ މުއައްސަސާއެއްކަން ފާހަގަކުރައްވައި، އެ މުއައްސަސާ އިތުރަށް ހަރުދަނާ ކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.