‏މިއަދުގެ ސަރުކާރަކީ އިސްލާމީ ތަޢުލީމަށް ޚާއްޞަ ސަމާލުކަމެއްދޭނެ އަދި ‏‏ކީރިތި ޤުރްއާނުގެ ތަޢުލީމު، މުޅި ރާއްޖޭގައި ޢާންމު ކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ ‏‏މަސައްކަތްތަކެއް ކުރާނެ ސަރުކާރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ‏‏ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ރާއްޖޭގެ ‏‏ސްކޫލްތަކުގައި ޢަރަބިބަސް ކިޔަވައިދިނުން ފެށުމަށްޓަކައި މިއަދު ހަވީރު ހިރިޔާ ސްކޫލްގައި ‏‏ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ‏‏ވާހަކަފުޅުގައި، މިއަދުގެ ސަރުކާރަކީ އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތްފުޅާއެކު، ރާއްޖޭގައި ‏‏ޢަރަބި ތަޢުލީމް ޢާންމުކުރާނެ ސަރުކާރެއް ކަމަށާއި، ކޮންމެ ދަރިވަރަކީވެސް ރީތި އަޚްލާޤެއްގެ ‏‏ތެރެއިން ތަރުބިއްޔަތުވެގެން ނުކުންނަ ދަރިވަރަކަށް ހެދުމަކީ، ސަރުކާރުގެ ނިޔަތް ކަމުގައި ‏‏ވިދާޅުވިއެވެ. ‏

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކީރިތި ޤުރްއާނުގެ ތަޢުލީމް ‏‏އިތުރަށް ފުޅާކުރެއްވުމަށްޓަކައި ރާއްޖޭގެ ސްކޫލްތަކުގައި އިސްލާމީ އަޚްލާޤިއްޔާތާއި، ‏‏އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގެ ތަޢުލީމް ފުޅާކުރެއްވުމުގެ ޕްރޮގްރާމެއްވެސް މިއަހަރު ‏‏ފަށާފައިވާކަން ހާމަކުރެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި މިއަހަރުގެ ތެރޭގައި ‏‏ހިންގޭ ޕްރޮގްރާމްތަކުގައި އަޚްލާޤިއްޔާތު ތަޢާރުފް ކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ‏‏މިހާރުވަނީ ނިންމަވާފައި ކަމަށާއި، އަދި ވަރަށްގިނަ ސްކޫލްތަކުގައި އެމަސައްކަތް މިހާރު ފެށިގެން ‏‏ހިނގަމުންދާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ‏

ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިނުދޭ ސްކޫލްތަކުގައި، އަރަބިބަސް ‏‏ކިޔަވައިދޭގޮތަށް ހަމަޖެހިގެން ދިޔުމަކީ، ރާއްޖޭގެ މުޖްތަމަޢަށާއި، ރާއްޖޭގެ ރައްޔިތުންނަށް ޚާއްޞަ ‏‏އުފަލެއް ލިބިގެންދާނެ ކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ‏‏ފާހަގަކުރެއްވިއެވެ. އަދި މިއީ ދިވެހިންގެ ޢަޤީދާ ވަރުގަދަވެ، ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ރީތި ‏‏އަޚްލާޤު ތަޢާރުފްވެގެންދާނެ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. ‏

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ ސްކޫލްތަކުގައި ‏‏ޢަރަބިބަސް ކިޔަވައިދިނުން މިއަދު ފެށިގެން މިދަނީ، މުހިންމު ސަބަބުތަކަކަށްޓަކައި ކަމަށްވެސް ‏‏ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ރާއްޖޭގެ ކާމިޔާބާއި، މުޖްތަމަޢުގެ ހަމަޖެހުމާއި، ‏‏ރާއްޖޭގެ ޞުލްޙަމަސަލަސްކަން ޤާއިމުވުން ބިނާވެފައިވަނީ ރަނގަޅު ތަރުބިއްޔަތަކާއި، ރިވެތި ‏‏އަޚްލާޤެއްގެ ތެރޭގައި ދިރިއުޅޭ ވެށްޓަކަށް ރާއްޖެ ވެގެންނެވެ. އެކަން އެގޮތަށް ގެންދިޔުމަށްޓަކައި ‏‏އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް، އިތުރު ވިސްނުންތަކެއް މިއަދު ތަޢާރުފް ކުރަން ‏‏ޖެހިފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.‏

ރާއްޖޭގެ ސްކޫލްތަކުގައި ޢަރަބިބަސް ކިޔަވައިދިނުން ފެށުމަށްޓަކައި މިއަދު ‏‏ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް ‏‏ވާހަކަފުޅު ދެއްކެވިއެވެ. މި ރަސްމިއްޔާތު ތަޢާރުފް ކުރައްވައި މަރްޙަބާ ދެންނެވީ، ނޭޝަނަލް ‏‏އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ޢުމަރެވެ. ‏

މި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ‏‏ޖަމީލް އަޙްމަދު، މިއަދު ފެށުނު ކްލާސްތަކުގެ ތެރެއިން އެއް ކްލާހުގައި ޢަރަބިބަހުގެ ނަމޫނާ ‏‏ފިލާވަޅެއް ނަންގަވައިދެއްވިއެވެ. ‏