‏ޤަސްދުގައި މީހަކު މަރާލުމުގެ ކުށާ ގުޅިގެން މަރުގެ އަދަބު ކަނޑައަޅާ ޙާލަތްތަކުގައި، ‏‏މަރުގެ ޙުކުމް ތަންފީޛުކުރުމުގައި (ޤިޞާޞް ހިފުމުގައި) ޢަމަލުކުރާނެ ސިޔާސަތުތަކާއި އުޞޫލުތަކާ ‏‏ގުޅޭގޮތުން، ޤާނޫނުއަސާސީގެ 132 ވަނަ މާއްދާގެ (ހ)ގެ ދަށުން ވަޒީރުންގެ މަޖިލީހުން ‏‏ރައީސުލްޖުމްހޫރިއްޔާއަށް މިއަދު މަޝްވަރާ ދެއްވައިފިއެވެ.‏

‏މިގޮތުން، ޤަސްދުގައި މީހަކު މަރާލުމުގެ ކުށާ ގުޅިގެން މަރުގެ އަދަބު ކަނޑައެޅުމަކީ، ‏‏މިހާރުވެސް ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކުގައި ކަނޑައެޅިފައިވާ އަދަބެއް ކަމާއި، މި ‏‏އަދަބު ތަންފީޛުކުރުމަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުން އެއްވެސް ހުރަހެއް އޮތް ‏‏ކަމެއް ނޫންކަމުގައި ވަޒީރުންގެ މަޖިލީހުން ފާހަގަކުރެއްވިއެވެ. ‏

‏އަދި ވޭތުވެދިޔަ ފަސްވަރަކަށް އަހަރަށް ބަލާއިރު، ދިވެހިރާއްޖޭގައި ޤަސްދުގައި މީހުން ‏‏މެރުމުގެ ކުށުގެ ޢަމަލު، ނިސްބަތުން ވަރަށްގިނަވެފައިވާކަމާއި، އެ ކުށް ކުރުމުގައި ރަޙުމުކުޑަ އަދި ‏‏ލާއިންސާނީ ޢަމަލުތައް ހިންގަމުންދާ މިންވަރު އިތުރުވެފައިވާކަމާއި އަދި ރޭވިގެން ކުރެވޭ ކުށެއްގެ ‏‏(އޯގަނައިޒްޑް ކްރައިމެއްގެ) ގޮތުގައިވެސް މިކަން ކުރެވެމުންދާކަން ވަޒީރުންގެ މަޖިލީހުން ‏‏ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ޢާންމު ފަރުދުންނާއި، މުޖުތަމަޢުގެ ޙައްޤުތަކާއި، މިނިވަންކަމާއި ‏‏ރައްކާތެރިކަން ގެއްލިފައިވާކަމާއި، މުޖްތަމަޢުގެ ސަލާމަތާއި އަމަންއަމާންކަމަށް ވަރަށް ބޮޑަށް ނޭދެވޭ ‏‏އަސަރުކޮށްފައިވާކަމަށްވެސް ވަޒީރުންގެ މަޖިލީހުން ދެކެވަޑައިގަންނަވައެވެ. އަދި އެހެންމެ، ‏‏ދިވެހިރާއްޖެފަދަ ކުޑަ އަދި މީސްކޮޅު މަދު ޤައުމެއްގައި، މިކަން ގޮސްފައިވާ މިންވަރަށާއި ޒާތަށް ‏‏ބަލާއިރު، މިއީ ޤައުމީ ފެންވަރެއްގައި ވަރަށް ސީރިއަސް މައްސަލައެއްކަންވެސް ވަޒީރުންގެ މަޖިލީހުން ‏‏ފާހަގަކުރެއްވިއެވެ.‏

‏އެހެންކަމުން، އިސްވެ ދެންނެވި ސަބަބުތަކަށްޓަކައި ޤަސްދުގައި މީހަކު މަރާލުމުގެ ކުށާ ‏‏ގުޅިގެން މަރުގެ އަދަބު ކަނޑައަޅާ ޙާލަތްތަކުގައި، މަރުގެ ޙުކުމް ތަންފީޛުކުރުމުގައި (ޤިޞާޞް ‏‏ހިފުމުގައި) ޢަމަލުކުރާނެ މައިގަނޑު ސިޔާސަތުތަކެއްގެ ގޮތުގައި، އަންނަނިވި ކަންކަން ކުރެއްވުމަށް ‏‏ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުވިއެވެ.‏

o ‏ޤަސްދުގައި މީހަކު މަރާލުމުގެ ކުށާ ގުޅިގެން މަރުގެ އަދަބު ކަނޑައަޅާ ޙާލަތްތަކުގައި، ‏‏މަރުގެ ޙުކުމް ތަންފީޛުކުރުމުގައި (ޤިޞާޞް ހިފުމުގައި) ޢަމަލުކުރާނެ އިޖްރާޢަތުތައް ‏‏ތަފްޞީލުކޮށް ބަޔާންކޮށްދޭ ޤަވާޢިދެއް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ‏‏ޤާނޫނުއަސާސީއާއި، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ދަށުން ސަރުކާރުގެ ‏‏ފަރާތުން ވީއެންމެ އަވަހަކަށް އެކުލަވާލައްވައި، އެ ޤަވާޢިދަށް ޢަމަލުކުރަން ފެށުން.‏

o ‏އިސްވެދެންނެވި ޤަވާޢިދުގައި، މިފަދަ މައްސަލަތަކުގައި ތަޙްޤީޤު މަރުހަލާގަޔާއި، ‏‏ދަޢުވާ އުފުލޭ މަރުހަލާގަޔާއި، ޝަރީޢަތް ކުރެވޭ މަރުހަލާގަޔާއި، މަރުގެ ޙުކުމް ‏‏ތަންފީޛުކުރުމުގައި ޢަމަލުކުރަންވާނެ މައިގަނޑު އިޖުރާޢަތުތައް ހިމެނުން.‏

o ‏މިގޮތުން، ތަޙްޤީޤު މަރުހަލާގައި ތުހުމަތު ކުރެވޭ ފަރާތަށް ޤާނޫނުއަސާސީއިން ލިބިދޭ ‏‏އެންމެހައި ޙައްޤުތަކެއް ފޯރުކޮށްދިނުމާއި؛ ދަޢުވާ އުފުލުމުގެ ކުރިން ޕްރޮސެކިއުޓަރ ‏‏ޖެނެރަލް ޔަޤީން ކުރަންޖެހޭ ކަންކަން ބަޔާންކުރުމާއި؛ ޝަރީޢަތުގެ މަރުޙަލާގެ ތަރުތީބު ‏‏ކަނޑައެޅުމާއި؛ މަރުވި މީހާގެ ވާރިޘުންގެ ބަސްހޯދުމުގައި ޢަމަލުކުރާނެ އުޞޫލުތަކާއި؛ ‏‏އެފަދަ މައްސަލަތަކުގައި ޙުކުމް ތަންފީޛު ކުރެވޭނީ، އެ މައްސަލައެއްގައި ސުޕްރީމް ‏‏ކޯޓުން ގޮތެއް ކަނޑައެޅުމުންކަމާއި، ޤާނޫނީ އަދި ޝަރުޢީގޮތުން ފުރިހަމަކުރަންޖެހޭ ‏‏ހުރިހާ ކަމެއް ފުރިހަމަވެއްޖެކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށް، އެ ޤަވާޢިދުގައި ‏‏ބަޔާންކުރުން.‏

o ‏ދުނިޔޭގައި މަރުގެ ޙުކުމް ތަންފީޛު ކުރަމުންދާ ޤައުމުތަކުގައި، މަރުގެ އަދަބު ތަންފީޛު ‏‏ކުރެވެމުންދާ އެކިއެކި ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، އިސްވެ ‏‏ދެންނެވި ޤަވާޢިދުގައި އެކަށައެޅޭ އިޖުރާޢަތުތައް ފުރިހަމަކުރުމަށްފަހު، "ލީތަލް ‏‏އިންޖެކްޝަން" ޖަހައިގެން ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޛުކުރުން.‏