ކުވޭތު ސަރުކާރުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ވެދެއްވިދާނެ އެހީތެރިކަން ދެނެގަތުމަށްޓަކައި، ކުވޭތުގެ ހެލްތު މިނިސްޓްރީގެ ޚާއްޞަ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ. މިވަފުދު ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިގެންދިޔައީ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު، ކުވޭތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުވޭތުގެ މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ ޢަލީ ސާދް-އަލްއޮބައިދީއާ މިއަދު ބައްދަލުކުރައްވައި، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށްޓަކައި ކުވޭތު ސަރުކާރުން އެހީތެރިކަން ހޯއްދެވުމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ.

ކުވޭތުގެ ހެލްތު މިނިސްޓްރީގެ ވަފުދުގެ ބޭފުޅުން، ރާއްޖެއަށް މިކުރައްވާ ދަތުރުފުޅުގައި، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކަންތައްތައް ބައްލަވައިލެއްވުމަށްފަހު، ރާއްޖެއިން ހުށަހަޅާ ކަންތައްތަކުގެ ތެރެއިން، މިހާރުންމިހާރަށް ބޭނުންވާ ކަންތައްތައް، ކުވޭތު ސަރުކާރުން ކޮށްދެއްވާނެ ކަމުގައި ކުވޭތުގެ މިނިސްޓަރ އޮފް ހެލްތު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ކުވޭތުގެ ޑޮކްޓަރުންނާއި ޞިއްޙީ ދާއިރާގެ އެހެނިހެން ޚިދުމަތްތެރިން، ރާއްޖެއަށް ފޮނުއްވައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް ކުވޭތުގެ މިނިސްޓަރ އޮފް ހެލްތު ދެއްވިއެވެ. އަދި ދެ ސަރުކާރުގެ ދެމެދުގައި ވާހަކަ ދެކެވި، އިންތިޒާމުތައް ހަމަޖެހޭ ގޮތެއްގެ މަތިން، ޑޮކްޓަރުން ފޮނުއްވައި ދެއްވައި، އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމުގައިވެސް ހެލްތް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގައި ކުވޭތު ސަރުކާރަށް ވެދެއްވެން އޮތް އެހީތެރިކަމާ ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ. މިގޮތުން ޞިއްހީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގައި، ކުވޭތު ސަރުކާރުން އެހީތެރިކަން ދެއްވާނެ ކަމުގައިވެސް ކުވޭތުގެ ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.