ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު، ކުވޭތުގެ ނޭޝަނަލް އެސެމްބްލީގެ ސްޕީކަރ މަރުޒޫޤު އަލް-ޣާނިމާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ކުވޭތާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމާބެހޭގޮތުންނާއި، ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިންވެސް މިގުޅުން ހަރުދަނާ ކުރެއްވުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ކުވޭތުގެ ނޭޝަނަލް އެސެމްބްލީގެ ސްޕީކަރުގެ ވާހަކަފުޅުގައި، ކުވޭތަށް ދިމާވި ބޮޑެތި ކަންކަމުގައި ރާއްޖެއިން ވެދީފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށާއި، އާ ސަރުކާރަށް މަރްޙަބާ ވިދާޅުވިއެވެ.