ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު، ކުވޭތުގެ ވަލީޢަހުދު ނަވާފް އަލް-އަޙްމަދު އަލް-ޖާބިރު އަލް-ޞަބާހާއި، ކުވޭތުގެ ބޮޑުވަޒީރު ޝައިޚް ޖާބިރު އަލް-މުބާރަކް އަލް-އަޙްމަދު އަލް-ޖާބިރު އަލް-ޞަބާޙާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ވަކިވަކިން ބޭއްވެވި މި ދެ ބައްދަލުކުރެއްވުމުގައި، ކުވޭތުގެ ވަލީޢަހުދު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ކުވޭތާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއްކަމަށް ވިދާޅުވެ، ކުވޭތަށް މީގެކުރިން ދިމާވި ކަންކަމުގައި ރާއްޖެއިން ވެދީފައިވާ އެއްބާރުލުމާއި ތާއީދު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް، ޚާއްޞަކޮށް، ރާއްޖޭގެ ޞިއްޙި ދާއިރާއަށާއި ތަޢުލީމީ ދާއިރާއަށް ވެދެއްވެން އޮތް އެހީތެރިކަމެއް ކުވޭތު ސަރުކާރުން ވެދެއްވާނެ ކަމުގައި ކުވޭތުގެ ވަލީޢަހުދު ވިދާޅުވިއެވެ.

އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރެއްވީ، ކުވޭތުގެ ބޮޑުވަޒީރު ޝައިޚް ޖާބިރު އަލް-މުބާރަކް އަލް-އަޙްމަދު އަލް-ޖާބިރު އަލް-ޞަބާޙާއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދެއްކެވީ، ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމާއި، މިގުޅުން އެކިދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންނެވެ. މީގެއިތުރުން، ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމަށް ޙައްލެއް ހޯއްދެވުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. އަދި ކުވޭތުގެ ވަޒީރުންނާއި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައިގެން، ރާއްޖެއަށް އެކި ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ހޯއްދެވުމާއި، ރާއްޖެއާއެކީގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވެންހުރި ކަންކަމާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ކުވޭތުގެ ބޮޑުވަޒީރާ ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.