ރާއްޖޭގައި އިސްލާމިކް ޔުނިވަރސިޓީއެއް ޤާއިމްކުރުމުގައި އެހީތެރިވެދެއްވާނެ ކަމުގެ ޔަޤީންކަމާއި އަދި ރާއްޖެއަށް ބަޖެޓް ސަޕޯޓް ދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދަށް ޤަޠަރުގެ ބޮޑުވަޒީރު އަދި އިންޓީރިއަރ މިނިސްޓަރ ޝައިޚް ޢަބްދުﷲ ބިން ނާޞިރު ބިން ޚަލީފާ އާލްޘާނީ ދެއްވައިފިއެވެ. ޤަޠަރުގެ ބޮޑުވަޒީރު މި ޔަޤީންކަން ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު ޤަޠަރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު މެންދުރުފަހު ބޮޑުވަޒީރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ.

ޤަޠަރުގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ޚާއްޞަ ގޮތެއް ބަހައްޓަވައިގެން، ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ހުރިހާ ދާއިރާއަކަށް ޤަޠަރު ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ރާއްޖެއަށް ޤަޠަރު ސަރުކާރުން އެކި ދާއިރާތަކުން ސްކޮލަރޝިޕް ދެއްވުމާ ގުޅޭގޮތުންނާއި، ޤަޠަރުގެ އެކި ޔުނިވަރސިޓީތަކުން ފުރްޞަތު ހޯއްދަވައިދެއްވުމުގެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވާނެ ކަމުގައިވެސް ޤަޠަރުގެ ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި ޤަޠަރުގެ އެކި ދާއިރާތަކުން ރާއްޖެއަށް ފޮރިން އިންވެސްޓްމަންޓް ހޯދުމުގައިވެސް އެހީތެރިކަން ދެއްވާނެ ކަމުގައި ބޮޑުވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޤަޠަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޤަޠަރުގެ މިނިސްޓަރ އޮފް ޕަބްލިކް ހެލްތް ޢަބްދުﷲ ބިން ޚާލިދު އަލް ޤަހްތާނީއާއި، ޤަޠަރުގެ މިނިސްޓަރ އޮފް އަޥްޤާފް އެންޑް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޤާއިތު ބިން މުބާރަކް ޢަލީ ޢުމްރާން އަލް ޚުވާރީއާވެސް މިއަދު ބައްދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޤަޠަރުގެ މިނިސްޓަރ އޮފް ޕަބްލިކް ހެލްތާ ބައްދަލުކުރައްވައި، ރާއްޖޭގައި އިތުރު ޓަރޝަރީ ހޮސްޕިޓަލެއް އެޅުމަށްޓަކައި ޤަޠަރުގެ އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުންނާއި، އަތޮޅުތަކުގެ އަތޮޅު ހޮސްޕިޓަލްތަކަށާއި ޞިއްޙީ މަރްކަޒުތަކަށް ބޭނުންވާ ޞިއްޙީ ވަސީލަތްތައް ޤާއިމްކުރުމުގައި އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ސަރުކާރުން މިހާރު ތައްޔާރުކުރައްވާފައިވާ ޞިއްޙީ އެކިއެކި މަޝްރޫޢުތަކުގެ މަޢުލޫމާތު، ޤަޠަރުގެ ޕަބްލިކް ހެލްތް މިނިސްޓަރަށް އެރުވިއެވެ.

ޤަޠަރުގެ ޕަބްލިކް ހެލްތް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، މިކަންކަމުގައި ވެދެއްވެން އޮތް އެހީތެރިކަމެއް، ޤަޠަރު ސަރުކާރުން ވެދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ދެއްވިއެވެ.

ޤަޠަރުގެ މިނިސްޓަރ އޮފް އަޥްޤާފް އެންޑް އިސްލާމިކް އެފެއާޒާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައި، ކީރިތި ޤުރްއާން ކިޔެވުމާއި، ދީނީ ތަޢުލީމް އުނގެނުމުގެ ދާއިރާއިން ޤަޠަރު ސަރުކާރުން ރާއްޖެއަށް އެކިއެކި ކުރު ކޯސްތައް ހޯއްދެވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ޤަޠަރުގެ މިނިސްޓަރ އޮފް އަޥްޤާފް އެންޑް އިސްލާމިކް އެފެއާޒް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް މިރޮނގުތަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިސްލާމިކް ޔުނިވަރސިޓީއެއް ޤާއިމްކުރުމަށްޓަކައި އެހީތެރިކަން ހޯއްދަވައިދެއްވުމަށް އަމިއްލަފުޅު ގޮތުންވެސް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ދެއްވިއެވެ.