ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ނޭޕާލުގެ ޗީފް އޮފް ދަ އާރމީ ސްޓާފް، ޖެނެރަލް ގައުރަވް ޝުމްޝަރ ޖަންގް ބަހާދަރު ރާނާ، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ނޭޕާލާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމުގެ މައްޗަށް ދެބޭފުޅުން ބައްލަވައިލެއްވިއެވެ. މިގޮތުން، ދިފާޢީ އަދި ސަލާމަތީ ދާއިރާގައި ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުންނާއި ޚާއްޞަކޮށް، މިދާއިރާގައި މީހުން ބިނާކުރުމުގެ ރޮނގުން ދެޤައުމުގެ އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ނޭޕާލަކީވެސް ސާކް ރީޖަންގައި ހިމެނޭ ކުޑަ ދެޤައުމަށްވެފައި، ސަލާމަތީ ގޮތުންވެސް އެއްކަހަލަ މައްސަލަތަކެއް ދިމާވެފައިވާ ދެޤައުމުކަން ފާހަގަކުރެއްވިއެވެ. އަދި މި ރީޖަނުގެ ސަލާމަތީ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ދެޤައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު ބައްލަވާލެއްވިއެވެ.
ޖެނެރަލް ރާނާގެ ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ސަލާމަތީ ކަންކަމުގައި ނޭޕާލުން ރާއްޖެއާ އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ނޭޕާލުގެ ޗީފް އޮފް ދަ އާރމީ ސްޓާފުގެ އަރިހުގައި ގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވާ ބައެއް އިސްބޭފުޅުންވެސް މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.