ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، އ.ދ. ގެ އެކްޓިންގ ރެޒިޑެންޓް ކޯޑިނޭޓަރ މިސްޓަރ ޑޭވިޑް މެކްލެޗްލަން-ކާރ މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ސަރުކާރުން މިހާރު އެންމެ އިސްކަމެއް ދެއްވާ ކަންކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، އިޤްތިޞާދަކީ ރައްޔިތުން ބާރުވެރިކުރުވުމާ ގުޅިފައިވާ ކަމެއް ކަމުގައި ވިދާޅުވެ، ޒުވާނުން ބާރުވެރިކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.
އ.ދ. ގެ އެކްޓިންގ ރެޒިޑެންޓް ކޯޑިނޭޓަރ ދެއްކެވި ވާހަކަފުޅުގައި، އ.ދ.އިން މަސައްކަތްކުރަނީ، އެޤައުމަކުން ކަނޑައަޅާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އ.ދ.އިން އެކުލަވާލާފައިވާ 5 އަހަރުގެ ތަރައްޤީގެ އޮނިގަނޑާބެހޭ މަޢުލޫމާތާއި، އ.ދ. ގެ ފަރާތުން މިވަގުތު ރާއްޖޭގައި ހިންގުމަށް އެންމެ އިސްކަމެއްދޭ މަޝްރޫޢުތަކާބެހޭ މަޢުލޫމާތުވެސް އެކްޓިންގ ރެޒިޑެންޓް ކޯޑިނޭޓަރ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ. މިގޮތުން، ތިމާވެށީގެ މަސައްލަތައް ޙައްލު ކުރުމުގެ ގޮތުން ރޭވިފައިވާ "ގްރީން ޓުއަރިޒަމް" މަޝްރޫޢުގެ މައްޗަށް ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.
އ.ދ. ގެ އެކްޓިންގ ރެޒިޑެންޓް ކޯޑިނޭޓަރ ދެއްކެވި ވާހަކަފުޅުގައި، އ.ދ. ގެ ހިޔުމަން ރައިޓްސް ކައުންސިލަށް ދިވެހިރާއްޖެ އަލުން އިންތިޚާބުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވިއެވެ. އަދި، ކުރިއަށް އޮތް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އިޝާރާތްކުރައްވަމުން، ނިމިގެންދިޔަ ކައުންސިލް އިންތިޚާބުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެކްޓިންގ ރެޒިޑެންޓް ކޯޑިނޭޓަރ މަރުޙަބާ ވިދާޅުވިއެވެ.