ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު، ޤަޠަރަށާއި ކުވައިތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މިރޭ ފަށްޓަވައިފިއެވެ.

މިދަތުރުފުޅުގައި އެމަނިކުފާނު ފުރާވަޑައިގަތުމުގެ ކުރިން، ޚަބަރު ފަތުރާ ވަސީލަތްތަކާ މާލޭ ރަސްމީ ފާލަމުގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މިދަތުރުފުޅުގެ ބޭނުންފުޅަކީ، ޢަރަބި ޤައުމުތަކާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ގުޅުން އިތުރަށް ބަދަހި ކުރެއްވުން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އެންމެ މުހިންމު ސަމާލުކަމެއް ދެއްވާ އެއްކަމަކީ، ޢަރަބި އިސްލާމީ ދުނިޔެއާއި ރާއްޖެއާ ދެމެދު ޤާއިމުވެފައިވާ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުން ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ދީނީ ވަހުދަތާއި އިޖުތިމާޢީ ރައްކާތެރިކަން ޙިމާޔަތް ކުރުމުގައި، ޢަރަބި އިސްލާމީ ދުނިޔޭގެ އެހީތެރިކަމާއި އެއްބާރުލުން ހޯއްދެވުމަކީވެސް، މިދަތުރުފުޅުގެ އެއް ބޭނުންފުޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމުގެ މުހިންމު އެއްބަޔަކީ، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާ ކުރެއްވުންކަން ފާހަގަކުރައްވަމުން، ރާއްޖޭގައި ހިންގާ ތަރައްޤީގެ ތަފާތު މަޝްރޫޢުތަކުގައި އެޤައުމުތަކުގެ ބައިވެރިވުން ހޯއްދެވުމަށް މިދަތުރުފުޅުގައި މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ޢަރަބި ބައެއް ޤައުމުތަކުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވުމާއެކު، ޚާއްޞަކޮށް ޞިއްޙީ ދާއިރާގައާއި ބޯހިޔާވަހިކަމުގެ ދާއިރާގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ބެހޭގޮތުންނާއި، ރާއްޖޭގެ އުތުރާއި ދެކުނުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް އެޤައުމުތަކުގެ އެއްބާރުލުން ހޯއްދެވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، އެމަނިކުފާނު ޤަޠަރަށާއި ކުވައިތަށް މިކުރައްވާ ދަތުރުފުޅުގެ ސަބަބުން، ރާއްޖޭގެ ދީނީ ވަހުދަތާއި އިޖުތިމާޢީ ރައްކާތެރިކަން ޙިމާޔަތް ކުރުމުގައި ޢަރަބި ދުނިޔޭގެ އެހީތެރިކަން ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މިދަތުރުފުޅުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް ޢަބްދުﷲ އަމީން ބައިވެރިވެވަޑައިގަންނަވައެވެ.