މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އެކިއެކި ކުށްކުށުގެ އަދަބުގައި ޙުކުމް ތަންފީޛުކުރަމުންދިޔަ 24 މީހެއްގެ އަދަބު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ލުއިކޮށްދެއްވައިފިއެވެ.
މިގޮތުން، އެކިއެކި ކުށްކުށުގައި ޙުކުމް ތަންފީޛުކުރަން ޖަލުގައި ބަންދުކޮށްފައި ތިބި މީހުންނާއި، އަރުވާލާފައިވާ މީހުންނާއި އަދި ގޭގައި ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން، މީހާގެ ޢުމުރަށް ބަލައި، ނުވަތަ ބައްޔަކަށް ބަލައި، ނުވަތަ އެމީހަކު ހޯދަމުންދާ ޞިއްޙީ ފަރުވާއަކަށް ބަލައި، ނުވަތަ އެމީހަކު ހުރި ވަގުތާއި ޙާލަތަށް ބަލައި، ނުވަތަ އިންސާނިއްޔަތު ކަމުގެ ނަޒަރަށް ބަލައި އަދި އެމީހެއްގެ އުޅުމާއި އަޚްލާގަށް ބަލައި، މީހުންގެ ކުށުގެ އަދަބު ލުއިކޮށްދެއްވާފައި ވަނީ ޝަރުޠުތަކަކާއެކުއެވެ.
އަދަބު ލުއިކޮށްދެއްވުމުގައި މިދަންނަވާ ކުށްކުށުގައި ޙުކުމް ތަންފީޛުކުރަމުންދާ ފަރާތްތައް ހިމަނުއްވާފައެއް ނުވެއެވެ.
• މީހަކު މެރުމުގެ ކުށެއް ކޮށްފައިވާ މީހުން
• އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާ މީހުންނާއި، ޓެރަރިޒަމްގެ ކުށެއް ކޮށްފައިވާ މީހުން
• ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ކޮށްފައިވާ މީހުން
• މަސްތުވާތަކެތި ވިޔަފާރިކުރުމުގެ ކުށެއް ކޮށްފައިވާ މީހުންގެ ތެރެއިން 4 ގްރާމް ނުވަތަ އެއަށްވުރެ މަތީ ޢަދަދެއްގެ މަސްތުވާތަކެތި ހިމެނޭ މައްސަލަތައް
• ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށެއް ކޮށްފައިވާ މީހުން
• އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށެއް ކޮށްފައިވާ މީހުން
މަތީގައިވާ ކަންކަމުގެ އިތުރުން، އަދަބު ލުއިކޮށްދެއްވާފައިވަނީ ތިރީގައި އެވާ މިންގަނޑުތަކަށްވެސް ފެތޭ މީހުންނަށެވެ.
• ކުށުގެ ޢަމަލު ހިންގުމުގައި އެހެން މީހެއްގެ ޙައްޤަކަށް އަރައިގަތުން ހިމެނިގެންވާ ޢަމަލެއް ހިންގި ކަމުގައިވާނަމަ އެމީހަކު އެ ޙައްޤު ނުކަނޑާހާ ހިނދަކު އެ ކުށް ކުރި މީހާއަށް މަޢާފުނުދިނުން. އެހެންނަމަވެސް އެފަދަ ޙާލަތެއްގައިވާ މީހާގެ އަދަބަށް ލުޔެއް ދިނުމަށް؛
• ފާއިތުވި 2 އަހަރުގެ މުއްދަތުގައި ޖަލުގައި އެއްވެސް އަޚްލާޤީ މައްސަލައެއް ޖެހިފައި ނުވުން؛
• ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ މަޢާފެއް، ނުވަތަ އަދަބު ލުއިކޮށްދެއްވުމެއް ނުވަތަ ޑްރަގް ކޯޓުގެ ފަރުވާގެ ފުރުޞަތެއް ނުވަތަ ޕެރޯލްގެ ފުރުޞަތެއް ލިބިފައިނުވާ މީހުން؛
• ތަންފީޛުކުރަމުން ދިޔަ ޙުކުމަކީ 2013 ވަނަ އަހަރު ކޮށްފައިވާ ޙުކުމެއް ކަމުގައިނުވުން؛
• ތަންފީޛުކުރަމުންދިޔަ ޙުކުމަކީ ޤައުމުގެ އަމަންއަމާންކަން ނަގާލުން ނުވަތަ ސަލާމަތީ ބާރުތަކަށް ބިރުދެއްކުން ނުވަތަ ޖިސްމާނީ އަނިޔާ ދިނުން ނުވަތަ ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ ސަބަބުން ކޮށްފައިވާ ޙުކުމަކަށްނުވުން؛
• މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރެކޯޑުތަކަށް ބަލައި މުޖުތަމަޢުގެ ރައްކާތެރިކަމާއި ސަލާމަތާއި އަމަންއަމާންކަމަށް ނުރައްކާވެދާނެފަދަ މީހަކަށްނުވުން.
މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިތުރު މިންގަނޑުތަކަށް ފެތޭ މީހުންގެ ރެކޯޑުތައް ދިރާސާކުރުމަށްފަހު 1 އޭޕްރީލް 2014 ގައި އިތުރު ބަޔަކަށް މަޢާފު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.