ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ މަޤާމަށް ގަލޮޅު ސައިމާ އަލްފާޟިލާ މަރްޔަމް ވިސާމް މިއަދު ޢައްޔަނު ކުރައްވައިފިއެވެ. މިމަޤާމަށް އޭނާ ޢައްޔަނު ކުރައްވާފައިވަނީ މިނިސްޓަރުގެ ނާއިބު ފެންވަރުގައެވެ.

މަރްޔަމް ވިސާމަކީ، އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ކްއީންސްލެންޑުން ބިޒްނަސް އިކޮނޮމިކްސްގެ ދާއިރާއިން މާސްޓަރޒް ޑިގްރީ ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ބެޗެލަރޒް ޑިގްރީ ޙާޞިލު ކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ނޮރދަންބްރިއާއިން މާކެޓިންގ މެނޭޖްމަންޓުގެ ދާއިރާއިންނެވެ.

މަރްޔަމް ވިސާމް މިހާތަނަށް ހުންނެވީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމުގައެވެ. އޭގެ ކުރިން، އެތާނގެ މެނޭޖަރު ކަމުގެ މަޤާމާއި، ޑެޕިއުޓީ މެނޭޖަރު ކަމުގެ މަޤާމުވެސް އޭނާ ފުރުއްވާފައިވެއެވެ.