ރާއްޖެ ވަޑައިގެން އުޅުއްވާ ސަޢޫދީ ޢަރަބިއްޔާގެ ދީނީ ޢިލްމުވެރިންގެ ވަފްދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައްދަލުކުރައްވައިފިއެވެ.

މުލީއާގޭގައި ރޭ އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެބޭފުޅުން ރާއްޖެއަށް ދަތުރުފުޅެއް ކުރައްވައި، ރާއްޖޭގެ ރައްޔިތުންނަށް ދީނީ ނަޞޭޙަތް ދެއްވުމުގެ ޕްރޮގްރާމްތައް ހިންގެވީތީ، ޝުކުރު އަދާކުރެއްވިއެވެ. އަދި އިސްލާމީ ޤައުމުތަކާއި ރާއްޖެއާ ދެމެދު އަބަދުވެސް ގާތް ގުޅުމެއް ބޭއްވެވުމަކީ، އެމަނިކުފާނުގެ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ދީނީ ޢިލްމުވެރިންގެ ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، އެބޭފުޅުންނަށް ދިވެހި ސަރުކާރުން ބެހެއްޓެވި ފުރިހަމަ މެހްމާންދާރީއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންނަކީ، ވަރަށް ހިތްހެޔޮ، އުޚުއްވަތްތެރި ރައްޔިތެއްކަން، މިދަތުރުފުޅުން ފާހަގަކުރެއްވުނު ކަމަށާއި، އެކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.