ސްރީލަންކާއަށް މިކުރެއްވި ދަތުރުފުޅަކީ، ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، މިދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެން ހިނގައްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ސްރީލަންކާގެ ރައީސްގެ ދަޢުވަތަކަށް ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރާއްޖެ ވަޑައިގެން، ޚަބަރުފަތުރާ ވަސީލަތްތަކާ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްރީލަންކާއަކީ ރާއްޖެއާ އެންމެ ގާތް އަވަށްޓެރި ޤައުމުކަން ފާހަގަކުރައްވަމުން، މިދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދެއްކެވި ކަންކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި މިދަތުރުފުޅުގައި ސޮއިކުރެއްވި އެއްބަސްވުންތަކުގެ މަޢްލޫމާތުވެސް ޚަބަރުފަތުރާ ވަސީލަތްތަކާ އެމަނިކުފާނު ޙިއްޞާ ކުރެއްވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސްރީލަންކާގައި މިހާރު ސާދަވަރަކަށް ހާސް ދިވެހި ރައްޔިތުން އުޅެމުން އެބަގެންދާ ކަމަށާއި، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް، ޞިއްޙީ ދާއިރާގަޔާއި، ތަޢުލީމީ ދާއިރާގައި ކުރިމަތިވާ ދަތިތަކާއި އަދި ޑިޕެންޑެންޓް ވިސާ ހޯދުމުގައި ދިމާވާ ދަތިތައް ޙައްލުކުރެއްވުމާ ބެހޭގޮތުން ސްރީލަންކާ ސަރުކާރާ މަޝްވަރާ ކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ސްރީލަންކާ ސަރުކާރުން ދެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިމިވާ ގާތް ގުޅުމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، މާލޭގައި ހުންނަ ސްރީލަންކާ އެމްބަސީއަށް މާލެއިން ބިންކޮޅެއް ހަމަޖައްސަވައިދެއްވުމަށް ނިންމަވާފައިވާކަންވެސް ހާމަކުރެއްވިއެވެ. އަދި އެކަން މިއަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިދަތުރުފުޅުގައި، ސްރީލަންކާގައި ތިއްބަވާ ޢަރަބި ޤައުމުތަކުގެ ސަފީރުންނާ ބައްދަލުކުރެއްވި ކަމަށާއި، ބޭނުންފުޅަކީ ޢަރަބި އިސްލާމީ ދުނިޔެއާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި މިގުޅުން އިތުރަށް ބަދަހިކުރައްވައި، ކަމާބެހޭ މަޝްވަރާތައް ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު، ޤަޠަރަށާއި، ކުވައިތަށާއި، ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް މިކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ. އަދި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރު އަޙްމަދު ސިޔާމް މުޙަންމަދާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫންވެސް، މިދަތުރުފުޅާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވިއެވެ.