ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު، މާލޭގެ ތިން ސްކޫލަކަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ޒިޔާރަތް ކުރެއްވީ، މަޖީދިއްޔާ ސްކޫލަށާއި، މަދްރަސަތުލް އަޙްމަދިއްޔާއަށާއި، ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލަށެވެ. ނައިބު ރައީސްގެ މިޒިޔާރަތުގައި އެ ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި، އިސްވެރިންނާއި، މުދައްރިސުންނާ ބައްދަލުކުރައްވައި، ސްކޫލުތަކުގެ ކަންތައްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވައި، މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސްކޫލުތަކަށް ކުރެއްވި މި ޒިޔާރަތަށްފަހު، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނުގެ ޒިޔާރަތުގެ މައިގަނޑު ބޭނުންފުޅަކީ، ސްކޫލުތަކުގެ ޙާލަތު ބައްލަވާލައްވައި، ޓީޗަރުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާލެއްވުން ކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖޭގެ ޓީޗަރުންނަށް ހުރި ފުރުޞަތުތައް އިތުރަށް ހަރުދަނާ ކުރެއްވުމާއި، އެ ފުރުޞަތުތައް ފުޅާކުރެއްވުމަށްޓަކައި ކުރެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދެއްވުމަކީ، މި ސަރުކާރުން އެންމެ މުހިންމު ކަމެއް ދެއްވާ އެއްކަންތައް ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ހުރި ގޮންޖެހުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. މި ރޮނގުން، ސަރުކާރުގެ އަމާޒަކީ، އެއް ހަމައަކުން މުޢާމަލާތުކުރުމާއެކު، މުސާރައިގެ ހަމަހަމަކަން ޤާއިމުވެގެން ދިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު، މުރާޖަޢާ ކުރުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އިޖުތިމާޢީ ދާއިރާތައް، ޚާއްޞަކޮށް ތަޢުލީމީ އަދި ޞިއްޙީ ދާއިރާތައް ކުރިއަށް ގެންދިޔުން ބިނާވެފައި މިއޮތީ، ޙަޤީޤަތުގައި ދައުލަތުގެ ބަޖެޓު ހަމަޖެހިގެން ދިޔުމުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ދައުލަތުގެ ބަޖެޓު ފާސްވެގެން ދިޔައިރު، މިއަދާ ހަމައަށްވެސް ބަޖެޓަށް އާމްދަނީ ހޯދުމަށް އެކުލަވާލާފައިވާ ޤާނޫނުތަކުގެ ބިލުތައް ފާސްނުވެ އޮތް އޮތުމަކީ، އިޖުތިމާޢީ ދާއިރާތަކަށް ސަރުކާރުން ކޮށްދެއްވަން ބޭނުންވާ ކަންތައްތައް ކޮށްދެއްވުމުގައި އޮތް ވަރަށް ބޮޑު ހުރަހެއްކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ ލަސްތަކެއްނުވެ، ރައްޔިތުންގެ މަޖިލީހުން މިޤާނޫނުތައް ފާސްވެގެން ދިޔުން ކަމުގައި ވިދާޅުވިއެވެ.