ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދުގެ އަރިހަށް، އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ނާއިބު ރައީސް މިސްޓަރ ވެންޗައި ޒާންގް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، އޭ.ޑީ.ބީ ގެ ފަރާތުން މިހާރު ރާއްޖޭގައި ހިނގަމުންދާ މަޝްރޫޢުތަކާއި، ކުރިއަށް ރޭވިފައި ހުރި މަޝްރޫޢުތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި، ރާއްޖެއާއި އޭ.ޑީ.ބީ އާ ދެމެދު ޤާއިމުކުރެވިފައިވާ ހަރުދަނާ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެ ޖަމްޢިއްޔާގެ ފަރާތުން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

އޭ.ޑީ.ބީ ގެ ނާއިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އެ ޖަމްޢިއްޔާއިން އެކި ޤައުމުތަކުގައި ތަރައްޤީގެ މަޝްރޫޢު ހިންގާއިރު، އިސްކަންދޭންވީ ދާއިރާތައް ކަނޑައަޅަނީ އެޤައުމެއް ކުރިއަރާފައިވާ ޙާލަތަށް ބައްލަވާފައި ކަމުގައި ވިދާޅުވިއެވެ. އަދި އޭ.ޑީ.ބީ އިން ރާއްޖޭގައި ފަށާފައިވާ މަޝްރޫޢުތައް ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމުގައިވެސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް ޢަބްދުﷲ އަމީން ބައިވެރިވެވަޑައިގެންނެވިއެވެ.