ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި މިއަދު ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ. މިއަދު މެންދުރުކުރީގައި ސްރީލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި ބައިވެރިވި ދިވެހި ވަފުދުގެ އިސްވެރިޔަކަށް ހުންނެވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ސްރީލަންކާގެ ވަފުދުގެ އިސްވެރިޔަކަށް ހުންނެވީ، އެޤައުމުގެ ރައީސް މަހިންދަ ރާޖަޕަކްސައެވެ.

ރަސްމީ ވާހަކަފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުން އެންމެބޮޑު އިސްކަމެއް ދެއްވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެކަމުގެ ތަފްޞީލު ދެއްވިއެވެ. މިގޮތުން، ދިވެހިރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅުކުރެއްވުމާއި، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ތަރައްޤީ ކުރައްވައި ފުޅާކުރެއްވުމަށާއި، ޤައުމުގެ އިޖުތިމާޢީ ގުޅުން ވަރުގަދަކުރެއްވުމާއި، ޒުވާނުން ބާރުވެރިކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ މިދަތުރުފުޅުގެ ސަބަބުން، ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ފުޅާކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި މިހާރެކޭ އެއްގޮތަށް، ދެއްވެން އޮތް ތާއީދަކާއި އެއްބާރުލެއްވުމެއް، ދިވެހި ސަރުކާރުން ސްރީލަންކާއަށް ދެއްވާނެ ކަމުގެ ޔަޤީންކަންވެސް ސްރީލަންކާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރަސްމީ ވާހަކަފުޅުތަކުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ގުޅޭ ގޮތުންނާއި، ދެޤައުމުން އަހައްމިއްޔަތުކަންދޭ ކަންކަމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.