ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހިމް، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާއި އެމަނިކުފާނުގެ އަނބިކަނބަލުން ޝިރާންތި ރާޖަޕަކްސައާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ފެއްޓެވުމުގެ ކުރިން ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ސްރީލަންކާގެ ރައީސަށާއި، ސްރީލަންކާ ސަރުކާރަށާއި، ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުމުގެ މައްޗަށް ބައްލަވައިލެއްވިއެވެ.

ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ދަތުރުފުޅެއް ކުރެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތީ ވަރަށް ރަނގަޅު އުޚުއްވަތްތެރި ގުޅުމެއްކަން ފާހަގަކުރެއްވިއެވެ.