ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމަށް ސްރީލަންކާ ސަރުކާރުން ވަރަށް ހޫނު މަރްޙަބާއެއް ދަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ ސްރީލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި، ސްރީލަންކާ ގަޑިން މިއަދު ހެނދުނު 10 ޖެހިއިރުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިދަތުރުފުޅުގައި ކޮލަމްބޯގައި ތިއްބަވާ ހިލްޓަން ހޮޓެލުން ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓަށް ވަޑައިގަތީ ރަސްމީ ޢިއްޒަތުގައެވެ. ރަސްމީ ޢިއްޒަތުގައި ވަޑައިގެންނެވިއިރު، ސްރީލަންކާގެ ޘަޤާފީ ކުޅިވަރުތައް ކުޅެމުންދިޔައެވެ.

ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރަސްމީ ގޮތުން މަރްޙަބާ ވިދާޅުވީ، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާއި އެމަނިކުފާނުގެ އަނބިކަނބަލުން ޝިރާންތި ރާޖަޕަކްސައެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ސްރީލަންކާގެ ރައީސް ޑަޔަސްއަށް އަރައިވަޑައިގަތުމުން، ޕްރެޒިޑެންޝަލް ސެލިއުޓް އަރުވައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އަދި 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އޭގެފަހުން، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ސްރީލަންކާގެ ނޭވީންގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް، ސްރީލަންކާ ސަރުކާރުގެ ޢިއްޒަތްތެރިން ތަޢާރުފްކޮށް އެރުވުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ ބޭފުޅުން، ސްރީލަންކާގެ ރައީސްގެ ދެކަނބަލުންނަށް ތަޢާރުފުކޮށް އެރުވުނެވެ.